ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމްގެ ބޭސްފަރުވާގެ ކަންތައް އަދި ނުނިމޭ: ވަކީލު

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ---- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ ބޭސްފަރުވާގެ ކަންތައް އަދި ނުނިމޭ ކަމަށް އޭނާގެ ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފަރީޝާ މިއަދު ސަން އަށް ވިދާޅުވީ ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގަތީ ތިން އޮޕަރޭޝަނެއް ކުރުމަށް ކަމަށާއި ނަމަވެސް އެކަން އަދި ނުނިމޭ ކަމަށެވެ.

ސާޅީސް އަށް ގަޑި އިރުގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންގި މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

ފަރީޝާ ވިދާޅުވީ ބޭސްފަރުވާގެ ކަންތައް ނިމުމުން ނޫނީ ނާޒިމް ރާއްޖެވަޑައިނުގަންނަވާނެކަން ކަރެކްޝަނަލް ސާވިސް އަށް މީގެ ކުރިން ވަނީ އަންގާފައި ކަމަށެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވެފައި ވަނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނާޒިމް ރާއްޖެ ވަޑައިނުގެންފިނަމަ އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކަރެކްޝަންސް އިން ކުރިއަށް ގެންދާނެ ކަމަށެވެ.

ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކަރެކްޝަންސް އިން ނާޒިމަށް ހުއްދަ ދިނީ ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމަށެވެ. އެ ހުއްދައާ އެކު އޭނާ ސިންގަޕޫރުގައި ބޭސްފަރުވާ ކުރުމަށްފަހު އިނގިރޭސިވިލާތައް ވަޑައިގަތް ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް