އަލިފާނުގެ ހާދިސާ އިން ލިބުނު ގެއްލުންތައް ބަލަން ފަށައިފި

މ.އިރާކުވިލާގައި އާއިލާއަކުން ފުރަން ތައްޔާރުވެ، އެއްކުރި ފައިސާއާއި އެމީހުންގެ ޕާސްޕޯޓުތައް އަނދާފައި -- ފޮޓޯ/މެމްބަރު އަސްމާ ރަޝީދު

ކޯސްޓްލައިން ހާޑުވެއާގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައިޖެހުނު މީހުންނަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ފަށައިފި އެވެ.

އެ ހާދިސާގައި އެތައް ބަޔަކު ދިރިއުޅެމުން ދިޔަ ތިން ގެއަކަށް ވަނީ ވަރަށް ބޮޑަށް އަލިފާނުގެ އަސަރުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް އެޕާޓްމަންޓްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމް މިއަދު ސަން އަށް ވިދާޅުވީ ގެއްލުންތަކުގެ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ކޯސްޓްލައިން ހާޑުވެއާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ތަސްނީމް ވިދާޅުވީ މިހާތަނަށް އެ މެނޭޖްމެންޓުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކުގެ އަދަދު 136 އަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި 30 ކުޑަކުދިންނާއި ސުކޫލަށްދާ 21 ކުދިން އަދި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ތިން މީހުންގެ އިތުރުން މާބަނޑު ދެ މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެ ހުރިހާ ބޭފުޅުނަށް ވެސް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވާފައި ވަނީ، މާލޭ ގެސްޓް ހައުސްތަކުންނެވެ. އެގޮތުން މާލޭގެ ހަ ގެސްޓް ހައުސްއަކުން އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ.

"އަދިވެސް ތިބީ ވަގުތީ ހިޔާގައި، ވަރަށް ވަގުތު ނަގާނެ މިފަދަ ކަންތައްތަކުގައި." ތަސްނީމް ވިދާޅުވި އެވެ.

އެއަލިފާނުގެ ހާދިސާގައި އެތައް ބައެއްގެ އަގުބޮޑު މުދާތައް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

ރައީސް ޔާމީން ނިންމަވާފައި އޮތީ ހިނގައި ދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނުގެ ގެއްލުމަށް "ރަމްޒީ ބަދަލެއް" ދިނުމަށް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ. މީގެ ކުރިން ވެސް އެގޮތަށް އަމަލުކޮށްފައިވާ ކަމަށާއި އެހެންކަމުން މިފަހަރު ވެސް ހުރިހާ ކަމެއް ބެލުމަށް ފަހު ފައިސާ ވެސް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް