ޑޮކްޓަރުންނަށް އެންމެ ބޭނުން ވަނީ އިތުބާރު!

ޑޮކްޓަރަކު ބަލިމީހަކަށް ފަރުވާ ދެނީ-- ސަން ފައިލް ފޮޓޯ

ކިހިލިފަތްދޮށުގައި ގަނޑެއްލާފައި ހުރުމުން ފަރުވާ ހޯދަން ހޭނެއްތި އަންހެން މީހާ ހޭނޭރުމާއި ވިހެއުމަށް އޮޕަރޭޝަން ކުރި އަންހެން މީހާ ލޭމަނާނުވެގެން މަރުވުން ފަދަ ހާދިސާތަކަކީ މިއަދު ސިއްހީ ދާއިރާއާ މެދު ދިވެހިންގެ ހިތްތައް ނުތަނަވަސްވެފައިވާ މައްސަލަތަކެވެ. ދިވެހި ޑޮކްޓަރުންގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު މިއީ ފުންކޮށް ވިސްނާލަން ޖެހޭ މައްސަލަތަކެވެ.

މިދުވަސް ފާހަގަ ކުރަމުން އަންނައިރު ދިވެހި ޑޮކްޓަރުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަމަކީ އިތުބާރެވެ. ސިއްހީ ދާއިރާއަށް ވެސް މުހިންމީ އެކަމެވެ. ޑޮކްޓަރުންގެ ޝަރުތު ހަމަނުވާ ފެންވަރުގެ ބޭފުޅުން ރާއްޖޭގެ ސިއްހީ ނިޒާމުގައި މަސައްކަތް ކުރިކަން މިއީ އެންމެން ދަންނަ ހަގީގަތެކެވެ. ސުވާލަކީ އަދިވެސް އެކަން އޮތީ ހަމަ އެގޮތަށްތޯ އެވެ؟

ޑޮކްޓަރުން ރެގިއުލޭޓްކޮށް ބަލަހައްޓާ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ އަފީފު ވިދާޅުވި ގޮތުގައި ކުރިން ރާއްޖޭގައި ފޭކް ޑޮކްޓަރުން އުޅުންކަން ފާހަގަ ކުރެވުނު ނަމަވެސް މިހާރު ދަނީ ލައިސެންސިއޭޓް އެގްޒާމެއް ހަދައި ޑޮކްޓަރުންގެ ފެންވަރު ބަލަމުންނެވެ.

ޑރ. އަފީފު ސަން އަށް އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރާއްޖޭގައި 900 އެއްހާ ޑޮކްޓަރުން ތިބިއިރު ޓާގެޓަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެމްއެމްބީއެސް ޑޮކްޓަރުން އެޓެސްޓް ހެދުވުން ކަމަށް އަފީފު ވިދާޅުވި އެވެ. އެއާ އެކު ދޮޅުއަހަރެއްހާ ދުވަސްތެރޭ ރާއްޖޭގައި ތިބޭނީ ފާސްވެފައިތިިބި ޑޮކްޓަރުން ކަމަށް އަފީފު ވިދާޅުވި އެވެ.

"މުޅި ސިސްޓަމަށް ލޮޅުމެއް ނާރުވައި ބަދަލު ކުރަމުން އައިސް އަޅުގަނޑުމެންނަށް ހަމަޔަކަށް އަޅުވާލެވޭނެ ގާތްގަނޑަކަށް ދޮޅުއަހަރެއް ދެ އަހަރެއްހާ ދުވަސް ތެރޭގައި،" ނަވާރަސަ ސަތޭކަ އަށްޑިހަ އެއް ވަނަ އަހަރުން ފެށިގެން ސިއްހީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ އަފީފު ވިދާޅުވި އެވެ.

އަތޮޅުތެރެއަށް ވެސް ފޮނުވާ ޑޮކްޓަރުންނަކީ ބެލޭބެލުމުން އެންމެ ރަނގަޅު ޑޮކްޓަރުން ކަމަށް ވިނަމަވެސް އެޑޮކްޓަރުންނާ މެދު ވެސް ކުރެވޭ ޝަކުވާ ބޮޑެވެ. ގޫގުލް ސާޗްކޮށްގެން ބޭސް ސިޓީ ލިޔާކަމުގެ ޝަކުވާ އިންތިހާ އެވެ. އެއީ މީގެ ކުރިން ހިނގި ކަންކަމެވެ. އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އެއީ "ފޭކް" ޑޮކްޓަރެއްކަން އެނގުމުން އަތޮޅުތެރޭ ރަށްރަށަށް ފޮނުވުމަކީ ކުރިން ކަންކަން ހިނގާފައިވާ ގޮތެވެ. ސުވާލަކީ މިއަދުވެސް އެކަން އޮތީ އެގޮތަށްތޯ އެވެ؟

ޑޮކްޓަރުންގެ ފެންވަރު ބެލުމަށް ހަދާ ޓެސްޓުގައި ބައެއް ޑޮކްޓަރުން ޓެސްޓް ހަދަނީ--

ހއ. ދިއްދޫ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވި ގޮތުގައި މީގެ ކުރިން ފޭކް ޑޮކްޓަރުންނާ ދިމާވި ނަމަވެސް މިހާރު އެ މައްސަލައާ ކުރިމައްޗެއްނުވެ އެވެ. މިހާރު އެ ގެންނަ ޑޮކްޓަރުންގެ ފެންވަރު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޭކް ޑޮކްޓަރުން މިހާރު އުޅޭ ކަމަށް ފާހަގައެއް ނުކުރެވޭ، މިހާރު ވަރަށް ރަނގަޅަށް ބަލާ،" މުހައްމަދު ހަސަން ވިދާޅުވި އެވެ.

އިހުމާލުގެ ވާހަކައިގެ އަޑުގަދަ!

ޑޮކްޓަރުންގެ އިހުމާލުން އެތައް ބަޔަކަށް އެތައް އަނިޔާއެއް ވިވާހަކަ ނުވަތަ އެތައް ބަޔަކު ފުރާނަ ގެއްލުނު ވާހަކައަކީ އަބަދާއި އަބަދުހެން ދެކެވެމުން އަންނަ ވާހަކަތަކެވެ. ރާއްޖޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ އިހުމާލު ހަމައެހާ ބޮޑީތޯ އެވެ؟

ސިއްހީ ދާއިރާގައި ދިމާވާ މައްސަލަތައް ތަހުގީގުނުކޮށް އިހުމާލްވާ ކަމަށް ނިންމައި އެވާހަކަ އާންމުކޮށް ދެކެވެމުންދާތީ ޑޮކްޓަރުންނަށް ކުރާ އިތުބާރު ގެއްލެމުން އަންނަ ކަމަށް އަފީފު ވިދާޅުވި އެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އެގޮތަށް ދިމާވާ މައްސަލަތައް މިނިވަން މުއައްސަސާއަކުން ބަލައި އެއަށް ފަހު އިހުމާލެއް ކަމަށް ނިންމައި ފިޔަވަޅުތައް އެޅުމުން އެކަންކަން ހައްލު ކުރެވިގެންދާނެ ކަމަށް އަފީފު ވިދާޅުވި އެވެ.

"ހާއްސަކޮށް ދިވެހި ޑޮކްޓަރުން އަދި ބޭރު ޑޮކްޓަރުންގެ ތެރެއިން ވެސް އާންމުކޮށް އިސްކޮށް މިއުޅުއްވާ ހުރިހާ ބޭފުޅުންނަކީ ވެސް އެބޭފުޅުންގެ ދާއިރާގައި ފުންނާބު އުސް ބޭފުޅުން،" އަފީފު ވިދާޅުވި އެވެ.

ސިއްހީ ދާއިރާ ދިވެހިންގެ ދާއިރާއަކަށް ހަދަންޖެހޭ!

ދިވެހި ސިއްހީ ދާއިރާ އަށް ކުރިމަތިވެފައިވާ އަނެއް މައްސަލަ އަކީ މިދާއިރާ އަދިވެސް ބިދޭސީންނަށް ބަރޯސާވާންޖެހުމެވެ. އެގޮތުން ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންނަށް ބަރޯސާވާންޖެހުން ފާހަގަކޮށްލަން ޖެހެ އެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރިއަށް އޮތްތަނުގައި ދިވެހި ޑޮކްޓަރުން އިތުރަށް އުފައްދަން ޖެހެ އެވެ.

ދިގު މުއްދަތަކަށް ބަލާ ކަމަށްވާ ނަމަ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ބޮޑުބައެއް އެއީ ދިވެހިން ކަމުގައިވާން ޖެހޭ ކަމަށާއި ހާއްސަކޮށް އަތޮޅުތެރޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނަކީ އެއަތޮޅަކަށް ނުވަތަ އެރަށަކަށް ނިސްބަތްވާ ބަޔަކަށް ވާން ޖެހޭ ކަމަށް އަފީފު ވިދާޅުވި އެވެ. ޑޮކްޓަރުން އުުފެއްދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.

ޕޯސްޓްގުރެޖުއޭޓް ސްޓަޑީޒްއިން ސްޕެޝިއަލައިޒްވުމަށް ވަނީ އިހަށް ދުވަހަކު ވެސް ނުވަ ސުކޮލާޝިޕެއް ދީފަ އެވެ.

އެކަމަކު ޑޮކްޓަރުންގެ ވެސް ޝަކުވާއެއް އެބަ އޮތެވެ. އެއީ ބަލި މީހުން ބެލުމާއި އެ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެކަށީގެންވާ ސާމާނު ނުހުރުމެވެ. ބައެއް ޑޮކްޓަރުން ބުނާ ގޮތުން ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދިނުމަށް ބޭނުންވާ ސާމާނެއް ނުހުރެ އެވެ. އަދި ޑޮކްޓަރުންނަކީ އަބަދުވެސް ތަމްރީން ލިބެން ޖެހޭ ބައެއްކަމުން އެމީހުންނަށް ދޭތެރެ ދޭތެރެއިން ލިބެން ޖެހޭ ތަމްރީން ޕްރޮގުރާމްތައް ނުހިންގޭ ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ.

ސިއްހީ ނިޒާމަކީ އެންމެ ބޮޑު އިތުބާރެއް ގާއިމްކުރެވިފައިވާން ޖެހޭ ދާއިރާއަކަށް ހަމަގައިމުވެސް ވާންޖެެހެ އެވެ. އެކަން ކުރެވެން އޮތީ ފެންވަރު ރަނގަޅު ޑޮކްޓަރުން ތިބެގެންނެވެ. ހަމައެއާ އެކު ޑޮކްޓަރުންގެ މައްޗަށް އިތުބާރު އޮންނަން ޖެހެ އެވެ. ރާއްޖޭގައި މިއަދު ޑޮކްޓަރުންނަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ އިތުބާރެވެ.

comment ކޮމެންޓް