ގައުމީ ދިގު ފެތުމުގެ މުބާރާތް ހއ. ދިއްދޫގައި ބާއްވާ ގޮތަށް ނިންމައިފި

މި މަހު ކުރިއަށް ދިޔަ ކިޑްސް ސްވިމިން ފެސްޓިވަލްގެ ތެރެއިން: މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ގައުމީ ދިގުފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ހިމެނޭ ސަރަހައްދު ނޫން އެހެން އަތޮޅެއްގައި --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މި އަހަރު ބާއްވަން ހަމަޖެހިފައިވާ 13 ވަނަ ގައުމީ ދިގުފެތުމުގެ މުބާރާތް ހއ. ދިއްދޫގައި ބާއްވާގޮތަށް ނިންމައިފި އެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، ގައުމީ ދިގުފެތުމުގެ މުބާރާތް މާލެ ނޫނީ މާލެ ހިމެނޭ ސަރަހައްދުގައި ބޭއްވުމުގެ ބަދަލުގައި މި އަހަރުން ފެށިގެން ކޮންމެވެސް އެއް އަތޮޅެއްގައި ބޭއްވުމަށް އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ކަމަށާއި އެގޮތުން މި އަހަރުގެ މުބާރާތް ބާއްވަން ހަމަޖައްސާފައި ވަނީ ހއ. ދިއްދޫގައި ކަމަށެވެ.

ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި، ރާއްޖޭގައި ބާއްވާ ފެތުމުގެ އެންމެ ދިގު ރޭސްތައް ހިމެނޭ އެ މުބާރާތް ހއ. ދިއްދޫގައި އަންނަ މަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ބޭއްވުމަށް ނިންމައި، މިހާރު ވަނީ އެކަން ހއ. ދިއްދޫ ކައުންސިލަށާއި ހއ. އަތޮޅު ކައުންސިލަށް އަންގައިފަ އެވެ. އަދި އެ މުބާރާތް ބޭއްވުމުގައި ދިއްދޫ ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ކައުންސިލުން އަންގާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

ދިއްދޫގައި ބާއްވާ ގައުމީ ދިގުފެތުމުގެ މުބާރާތުގައި އޮންނާނީ ފަސް ކިލޯ މީޓަރުގެ ދިގުމިނުގެ ރޭހާއި އެއް ކިލޯ މީޓަރުގެ ދިގުމިނުގެ ރޭހެވެ. އަދި އުމުރުން 35 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން އެއް ކިލޯ މީޓަރުގެ ރޭހެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތުގައި އަންހެން ފެތުންތެރިންނާއި ފިރިހެން ފެތުންތެރިން ވާދަކުރާނީ ވަކިވަކިންނެވެ.

މުބާރާތުގެ ގަވާއިދާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ހއ. ދިއްދޫ ކައުންސިލް އިދާރާއިން ވެސް މުބާރާތުގެ ގަވާއިދާއި ފޯމު ލިބެން ހުންނާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.

ގައުމީ ދިގުފެތުމުގެ މުބާރާތުން ވަނަވަނައަށް ހޮވޭ ފެތުންތެރިންނަށް ފައިސާގެ އިނާމާއި މެޑެލް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް