މޫސުން ގޯސްވެ ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

ރަށެއްގައި ފެންބޮޑުވެފައި ---- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެތީ ޔެލޯ އެލާޓް ނެރެފި އެވެ.

ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ހުވަދު އަދި އައްޑޫ އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން މިއަދު މެންދުރު 12:00 އަށެވެ. އެއީ އެ އަތޮޅުތަކަށް އެންމެ ބޯކޮށް ވާރޭވެނޭނެ ކަމަށް ލަފާ ކުރެވޭ ވަގުތުތަކެވެ.

ލަފާކުރެވިފައިވާ މިންވަރަށް ވުރެ އިތުރަށް މޫސުން ގޯސްވާ ނަމަ ނުވަތަ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވާ ގަޑީގެ ފަހުން ވެސް މޫސުން ރަނގަޅު ނުވާ ނަމަ، ކަމާ ބެހޭ އިދާރާއަކުން އިތުރު މައުލޫމާތު ދޭނެ ކަމަށް ނޭޝަނަލް މީޓިއޮރޮލިޖަލް ސެންޓަރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް