ޑެންގީ ހުމުގެ ކޭސްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، މުޅި އައްޑޫ ސާފުކުރުމުގެ ޕްރޮގްރާމެއް އެ ސިޓީގެ ކައުންސިލުން ބާއްވަން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައިވަނީ، އެ ސިޓީގައި ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތައިލުމަށާއި، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކައުންސިލުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، އަންނަ ހޮނިހިރު ދުވަހު އެ ސިޓީގައި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް، ކައުންސިލުން ބުންޏެވެ.
އެއާއެކު، ކައުންސިލުން ވަނީ، ހުރިހާ އަވަށެއްގެ ގޯތިތަކުގެ ކުނިބުންޏާއި ފެން ހަރުލާ ފަދަ ތަކެތި މި މަހުގެ 23ވަނަ ދުވަހުގެ ކުރިން ނައްތާލައި، ގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ ފެބްރުވަރީ މަހަށްވުރެ، ޑެންގީ ހުން ޖެހިގެން މިދިޔަ މާރިޗު މަހު ރިޕޯޓުކުރި އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ޑެންގީ ހުމުގެ 428 ކޭސް ފެބްރުވަރީ މަހު ރިޕޯޓުކުރިއިރު، މާރިޗު މަހު އެ އަދަދު ވަނީ 525 އަށް އިތުރުވެފައެވެ.
މަދިރީގެ ޒަރިއްޔާއިން ފެތުރޭ، މި ބަލިން ރައްކާތެރިވުމަށްޓަކައި، ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމާއި، މަދިރި ރެޕެލެންޓް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި މަދިރި އާލާވާ ފަދަ ފެން ހަރުލާ ތަންތަން ސާފުކުރުމަކީ މުހިއްމު ކަމެކެވެ.
ބަލި ޖެހިއްޖެނަމަ ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަށާއި، ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުމުގެ އަސަރު ހުރެއްޖެ ނަމަ ޑޮކްޓަރަށް ދެއްކުމަށް ވަނީ އިރުޝާދު ދީފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި، އުމުރުން 23 އަހަރުގެ ޒުވާނަކު ވަނީ އިއްޔެ މަރުވެފައެވެ.