މައިލޯ އިންޓަސްކޫލް ހޭންޑްބޯލް މުބާރާތުގައި އިއްޔެ ފޯރިގަދަ މެޗުތަކެއް ކުޅެ، ތަފާތު ބޮޑު ނަތީޖާތަކަކުން ޓީމުތައް މޮޅުވެއްޖެ އެވެ.
އިއްޔެ ކުރިއަށް ދިޔައީ 12 އަހަރުން ދަށުގެ އުމުރުފުރައިގެ ތިން މެޗާ، 14 އަހަރުން ދަށުގެ މެޗަކާއި 16 އަހަރުން ދަށުގެ މެޗެކެވެ.
ބާރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ އުމުރުފުރާގައި ޣިޔާސުއްދީން ސްކޫލާއި ރެހެންދި ސްކޫލް ބައްދަލުކުރި މެޗު ނިމުނީ 7-4 އެއްގެ ނަތީޖާއަކުން ރެހެންދި ސްކޫލް މޮޅުވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެހެންދި ސްކޫލުގެ އާދަމް ޝިޔާން މުހައްމަދެވެ.
އެ އުމުރުފުރާގައި އިސްކަންދަރު ސްކޫލާއި ދަރުމަވަންތަ ސްކޫލް ބައްދަލުކުރި މެޗު 13-1 ގެ ބޮޑު ނަތީޖާ އަކުން ކާމިޔާބު ކުރީ މަޖީދިއްޔާ ސްކޫލެވެ. މެޗުގެ މޮަޅު ކުޅުންތެރިޔަކަށް ހޮވުނީ މަޖީދިއްޔާ ސްކޫލުގެ ހުސެއިން ހައިޝް ހަސަނެވެ.
ބާރަ އަހަރުން ދަށުގެ އަންހެން ބައިގައި ދަރުމަވަންތަ ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލުކުރި މެޗު ނިމުނީ 0-1 ގެ ނަތީޖާއަކުން ކަލާފާނު ސްކޫލް ކުރިހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަލާފާނު ސްކޫލްގެ އާއިޝަތު އަފާ އިރުހާފެވެ.
ސާދަ އަހަރުން ދަށުގެ އަންހެން ބައިގައި އިއްޔެ ކުޅެފައިވަނީ އެންމެ މެޗެކެވެ. އެ މެޗު ނިމިގެން ދިޔައީ ތަފާތު ބޮޑު ނަތީޖާއަކުން ކަލާފާނު ސްކޫލް މެޗު ކާމިޔާބުކޮށްގެންނެވެ. 0-6 އިން ކަލާފާނު ސްކޫލް މެޗު ކާމިޔާބު ކުރި އިރު މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ސްކޫލުގެ އުލާ އަލީއެވެ.
ސޯޅަ އަހަރުން ދަށުގެ ފިރިހެން ބައިގައި ވާދަވެރިކުރީ ރެހެންދި ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން 6-7 ގެ ނަތީޖާ އަކުން މޮޅުވީ ރެހެންދި ސްކޫލެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެހެންދި ސްކޫލުގެ ޖާޒީ ނަންބަރު ހަތަރެއް، ޝައިހާން ޝައުކަތެވެ.
ހެންވޭރު ދަނޑުގައި ތިން އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި 10 ސްކޫލަކުން 36 ޓީމު ވާދަކުރާއިރު، މުބާރާތުގައި މިއަދު ހަ މެޗް ކުޅޭނެ އެވެ.