މިއަހަރުގެ މިހާތަނަށް ސިއްހީ ދާއިރާގެ 15 މައްސަލައެއް، ފަރުވާތެރިވާން ޖެހޭ: އީނާސް

ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސް އާމިނަތު އީނާސް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ މިހާތަނަށް ސިއްހީ ދާއިރާގައި ފަރުވާދޭ ތަންތަނުން ފަރުވާ ކުޑަކޮށްގެންނާއި އަދި އެހެނިހެން ކަންކަމާގުޅޭ ޖުމްލަ 15 މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ އަހަރީ ދުވަހާ ގުޅުވައިގެން "އަސިސާ ފެއާ" ހުޅުވުމަށް ރަސްފަންނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިދިޔަ އަހަރު އެފަދަ 83 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ މިހާތަނަށް އެފަދަ 15 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ނިގްލިޖެންސާ އަދި ތަފާތު އެހެނިހެން އިޝޫތަކުގަ މިފަދަ 83 މައްސަލަ ހުށަހަޅާފައިވާކަން އަޅުގަނޑު ދަންނަވާލަން. އަދި ހަމަ އެއާއެކު މިއަހަރު މިވީހާތަނަށް ގާތްގަނޑަކަށް 15 މައްސަލަ ވަނީ ހުށަހަޅާފައި،" އީނާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން އިތުރަށް އެކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އަދި އެ ޚިދުމަތް މިހާރަށްވުރެ ފުރިހަމަކޮށްދޭން ޖެހޭކަމަށް ވެސް އީނާސް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އެ ފެއާ ކުރިއަށްދަނީ ރަސްފަންނު ބީޗް ސަރަހައްދުގަ އެވެ. އައިޖީއެމްއެޗުން ބުނީ އެ ފެއާއަކީ އެ ހޮސްޕިޓަލުގެ އަހަރީ ދުވަހާ ގުޅުވައިގެން، އެ ހޮސްޕިޓަލުން ލިބެންހުންނަ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ފެއާއެއް ކަމަށެވެ.

އެގޮތުން ސްޓޯލްތައް ބަހައްޓާފައި ހުންނަ އިރު ކޮންމެ ސްޓޯލަކުން ވެސް ތަފާތު މައުލޫމާތުދަށް ދިނުން ކުރިއަށްދެ އެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށް ގޭމުތަކެއް ވެސް ފެއާ ކުރިއަށްދާއިރު ކުރިއަށްގެންދެ އެވެ.

comment ކޮމެންޓް