އުމުރުުން ހަތް އަހަރުގެ ކުއްޖަކު ލިޔެފައިވާ ދިވެހި ވާހަކަ ފޮތެއް ނެރެފި

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި "އަނަމްގެ ވާހަކަ" ފޮތް ނެެރެނީ -- ސަން ފޮޓޯ/މުއާވިއަތު އަންވަރު

އުމުރުން އެންމެ ހަތް އަހަރުގެ ކުޑަކުއްޖަކު ލިޔުނު ދިވެހި ކުރު ވާހަކަތަކެއް އެކުލެވޭ ވާހަކަ ފޮތެއް އިފްތިތާހު ކޮށްފި އެވެ.

"އަނަމްގެ ވާހަކަ" ގެ ނަމުގައި ނެރުނު މި ފޮތުގައި އެކުލެވެނީ، އުމުރުން ހަތް އަހަރުގެ އާއިޝަތު އަނަމް އިސްމާއިލް ލިޔެފައިވާ ދިވެހި ކުރު ވާހަކަ ތަކެކެވެ.

މި ފޮތް ނެރުނީ، ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމަށް ދިވެހިބަހުގެ އެކެޑެމީއިން ބޭއްވި ރަސްމީ ޖަލްސާގަ އެވެ. ފޮތް ނެރެދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި "އަނަމްގެ ވާހަކަ" ފޮތް ނެެރެނީ -- ސަން ފޮޓޯ/މުއާވިއަތު އަންވަރު

މި ޖަލްސާގައި ވާހަކަ ދައްކަވަމުން، ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ އަނަމްގެ ވާހަކަތައް ބަލައިލުމުން ލޮލުން ކަރުނަ ހިލިގެން ދިޔަ ކަމަށެވެ.

"އޭނާގެ ބައްޕަ އަޅުގަޑާ ބައްދަލުކޮށް ވިދާޅުވި، ތިމަންނަގެ ދަރިފުޅު ލިޔެފައިވާ ކުދިކުދި ވާހަކަތަކެއް މިހިރީއޭ ބަލާބަލާށޭ. އަޅުގަނޑު ބަލައިލި އިރުގަ ލޮލުން ކަރުނަ ހިލިގެން ދިޔަ. ތުއްތު ކުއްޖަކު އޭނަގެ މައުސޫމު ހިތުގެ ޝުއޫރު، ވާހަކަތަކެއްގެ ގޮތުގައި ކުދިކުދި ވާހަކަތަކެއް ލިޔެފައިވާ ފޮތެއް މިއީ. މި ފޮތް މިއީ ދިވެހިބަހުގެ ޝަރަފާއި ގައުމުގެ މުސްތަގުބަލަށްޓަކައި، ކުދިންނަށް ދެވޭ ހިތްވަރަކަށް ނެރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް. މި ފޮތް ވުޖޫދުވާ ކަމީ ތުއްތު ކުދިންނަށް ވެސް ދިވެހި ބަހަށް އޮތް ފުރުސަތާއި، މި ދާއިރާ، އެކުދިންނަށް މަރުހަބާ ކިޔާ މިންވަރު ހާމަވާ ހެއްކެއް،" އަޝްރަފު ވިދާޅުވި އެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި "އަނަމްގެ ވާހަކަ" ފޮތް ނެެރެނީ -- ސަން ފޮޓޯ/މުއާވިއަތު އަންވަރު

"އަނަމްގެ ވާހަކަ" ފޮތުގެ އިތުރުން މިރޭގެ ޖަލްސާގައި އިތުރު ދެ ފޮތެއް ވަނީ ނެރެފަ އެވެ. އެއީ، ހ.ޒެމްބަސީ ޒުލްފާ އިބްރާހިމް ލިޔުއްވާފައިވާ "ކުޑަކުދިންގެ ރަން ފޮތް" ނަމަކަށް ކިޔާ ޅެން ފޮތަކާއި، ދިވެހި ބަހުން ކުޑަކުދިންނަށް ނާވިލު ލިޔުމުގެ މުބާރާތުން އެއްވަނަ ލިބުނު ފޮތް "ފަނާރު" އެވެ. "ފަނާރު" ނާވިލުގެ ލިޔުންތެރިޔަކީ އައިމިނަތު ފަޒްނާ ރަޝީދެވެ.

comment ކޮމެންޓް