ހަވީރު ނޫހުގެ ހިއްސާ ފާރޫގާއި އިބްރާހިމް ރަޝީދަށް އޮތް ކަމަށް ބުނެ ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ހަވީރު ނިއުސް އެޖެންސީ ހިންގުމަށް ހަތަރު ބޭފުޅުންގެ މެދުގައި އެއްބަސްވުމެއް ހަދައި އަމަލު ކުރަން ފެށި ހިސާބުން މިއަދާ ހަމަ އަށް ވެސް ފައުންޑާ މެންބަރުންގެ ހިއްސާ އޮންނާނެ ކަމަށެވެ.

ހައި ކޯޓުން ބުނެފައިވާ ގޮތުގައި އެ ނޫހުގެ ހަތަރު ވަނަ ހިއްސާދާރަކީ ހެންވޭރު ޓައިމްލެސް މުހައްމަދު ނައީމު އެވެ.

ހަވީރު ނޫސް އެޖެންސީ އުވާލައި އެ އެޖެންސީގެ ދަށުން ހިންގަމުން ގެންދިޔަ ހަވީރު ނޫހުގެ ހުރިހާ ގޮފިތަކެއް އެހެން ނަމަކަށް ބަދަލުކޮށްގެން މިހާރު ހިންގަމުން ދިޔަ ނަމަވެސް އެހުރިހާ ބައެއްގެ ހިއްސާ ވެސް ފާރޫގާއި އިބްރާހިމް ރަޝީދަށް ލިބިގެންވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހައި ކޯޓުގެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށް ބުނެ މުހައްމަދު ޒާހިރު ހުސައިންގެ ފަރާތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 4 ވަނަ ދުވަހު ސުޕްރީމު ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމާފައި ވަނީ ހަ މަސް ދުވަސް ފަހުން، މިދިޔަ ހޯމަ ދުވަހު އެވެ.

ހުސްވި މާރިޗު މަހުގެ 31 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ގ. ކޮއްކިރި ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގެއާގެ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އަދި އެ ދުވަހުގެ ފަހުން ހަވީރު ނެރުން ވަނީ ހުއްޓާލައިފަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ހަވީރު އޮންލައިން ވެސް ނެރުން ވަނީ ހުއްޓާލައިފަ އެވެ.