ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ޖަރުމަނުގެ ވުލްފްސްބާގް ބަލިކޮށް، ރެއާލް މެޑްރިޑް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ވުލްބާގު އަތުން 3-0 ލަނޑުން މޮޅުވެ، ސެމީއަށް ރެއާލް ދަތުރުކުރީ 3-2 ލަނޑުގެ އެގްރިގޭޓަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރު، 2-0 ލަނޑުގެ އެގްރިގޭޓަކުން ކުރީގައި އޮތީ ވުލްފްސްބާގެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ވުލްފްސްބާގުގެ ފަރާތުން ބޮޑަށް ފެނިގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ. ހާފުގެ ކުރީކޮޅު އެ ޓީމު، ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. ނަމަވެސް ރެއާލްއިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މެޗުގެ ހަ ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރެއާލްއަށް ލިބުނު ކޯނަރަކުން ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ނަގައިދިން ހުރަހުން ރާމޯސް، ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ރެއާލްއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. ސްޕެއިން ޑިފެންޑަރު ޑެނިއެލް ކާވޭހަލް ދިން ބޯޅައަކުން ރެއާލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. ވުލްފްސްބާގުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރޮނާލްޑޯއަށް ލިބުނު ބޯޅަ، އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ރެއާލްއަށް ރޮނާލްޑޯ ލީޑު ހޯދައިދިންތާ، ދެ މިނެޓުފަހުން އޭނާ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 17 ވަނަ މިނެޓުގައި ރެއާލްއަށް ލިބުނު ކޯނަރަކުން ކްރޫސް ނަގައިދިން ހުރަހަކުން ބޮލުން ޖަހަ އެވެ. އެ ލަނޑާއެކު 2-2 ލަނޑުގެ އެގްރިގޭޓަކުން ދެ ޓީމު އެއްވަރުވި އެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ރެއާލްގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއަށް އިތުރަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ވުލްފްސްބާގުގެ ދެ ޑިފެންޑަރުންގެ ފަރާތުން ކުރިމަތިވި އުނދަގުލަށްފަހު، ބެންޒެމާ އުފެއްދި ހަމަލާ އަމާޒުވީ ވުލްފްސްބާގުގެ ގޯލްކީޕަރު، ޑިއޭގޯ ބެނާގްލިއޯއާ ދިމާލަށެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ވުލްފްސްބާގަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބި، ބޭކާރުވެގެންދިޔަ އެވެ. ރެއާލްގެ ގޯލްކީޕަރު ކޭލާ ނަވާސް، ރަނގަޅަށް ތައްޔާރުނުވެ ހުއްޓާ، ވުލްފްސްބާގުގެ ބްރެޒިލް ފޯވަޑް ބްރޫނީ ހެންރީކޭ އުފެއްދި ހަމަލާގެ ހުރަހަކަށްވީ ރެއާލްގެ ބްރެޒިލް ޑިފެންޑަރު މާސެލޯ އެވެ. އޭރު ރެއާލްގެ ގޯލު އޮތީ ވަރަށް ހުސްކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ، ހަތަރު މިނެޓު ފަހުން ރެއާލްއަށް އަނެއްކާވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރެއާލްއަށް ލިބުނު ކޯނަރަކުން ކްރޫސް ނަގައިދިން ހުރަހުން ވޭލްސް ފޯވަޑް ގެރެތު ބޭލްގެ ބޮލުގައި ޖެހިފައި، ލިބުނު ބޯޅައިން ރާމޯސް ބޮލުން އުފެއްދި ހަމަލާ ދިޔައީ ވުލްފްސްބާގުގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ރޮނާލްޑޯގެ ހެޓްރިކް ފުރިހަމަކޮށްފައި ވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރެއާލްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗްއަށް ވުލްފްސްބާގުގެ ލުއިސް ގުސްޓާވޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުންނެވެ. އެއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ އޭނާއާ ގޯލުގެ ގޮތުން އެންމެ ކައިރި ކުރަނީ އަށް ލަނޑު ކާމިޔާބުކުރި ބަޔާން މިއުނިކްގެ ރޮބާޓް ލެވަންޑޯސްކީ އާއި ބާސެލޯނާގެ ލުއިސް ސުއަރޭޒް އެވެ. މުބާރާތުން ކަޓާފައިވާ މަކާބީ ޓެލް އަވިވްގެ އެރަން ޒަހާވީ ވެސް އަށް ލަނޑު ކާމިޔާބުކޮށްފައިވެ އެވެ. ރޮނާލްޑޯގެ އެ ލަނޑާއެކު ރެއާލްއަށް އެގްރިގޭޓުން ކުރި ލިބުނެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން 1-0 ލަނޑުން މޮޅުވެ، 3-2 ލަނޑުގެ އެގްރިގޭޓަކުން އިނގިރޭސި ކްލަބު، މެންޗެސްޓާ ސިޓީ ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެ ޓީމު ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވެ އެވެ. އަމިއްލަ ދަނޑުގައި ސްޕެއިން ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑް ނުކުންނައިރު، އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ބެންފީކާ ނުކުންނާނީ ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކްއާ ދެކޮޅަށެވެ.