ކެރިކްގެ ބަދަލަށް ޔުނައިޓެޑާ ހަވާލުވާން ޕޮޗެޓީނޯ އެއްބަސްވެއްޖެ: ފަބްރީޒިއޯ

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ހަވާލުވާން އެންމެ ގާތްކަމަށް ގިނަ ރިޕޯޓުތައް ބުނާ އެމެރިކާ ޤައުމީ ޓީމުގެ ކޯޗު، މޮރީޝިއޯ ޕޮޗެޓީނޯ--

ފަހަކަށް އައިސް ދަށް ނަތީޖާތަކެއް ނެރެމުން އަންނަ، އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން، ކުޅުންތެރިއެއްގެ ހައިސިއްޔަތުން އެޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މައިކަލް ކެރިކް ދުރުކޮށް، އެޓީމުގެ ކޯޗުކަމަށް ތަޖުރިބާކާރު ކޯޗު، މޮރީޝިއޯ ޕޮޗެޓީނޯ ގެންނަން އަނގަބަހުން އެއްބަސްވެފައިވާކަމަށް މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓު، ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

މީގެ ކުރިން ޕްރެމިއާ ލީގުގައި ޗެލްސީ އަދި ޓޮޓެންހަމަށްވެސް ކޯޗުކަން ކޮށްދީފައިވާ ޕޮޗެޓީނޯ މިވަގުތު ހަވާލުވެހުރީ އެމެރިކާގެ ޤައުމީ ޓީމާއެވެ. ނަމަވެސް ޔުނައިޓެޑާއެކު އެއްބަސްވުމަކަށް އާދެވުނު އަވަހަކަށް އެމަގާމު ދޫކޮށްލަން ތައްޔާރަށް ޕޮޗެޓީނޯ ހުރިކަމަށް ފަބްރީޒިއޯ ބުނެފައިވެއެވެ.

ޕޮޗެޓީނޯގެ ރެކޯޑަށް ބަލާއިރު، އޭނާވަނީ މިފަހުން ޓޮޓެންހަމަށް ހޯދިފައިނުވާވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން މުބާރާތެއް ކާމިޔާބުކުރެވިފައި ނުވިނަމަވެސް، އެކުލަބުގެ ތާރީޚުގައިވެސް ކުޅުނު ހަމައެކަން ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ކޮލިފައިވެފައިވަނީ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުންނެވެ. އެ މެޗުން 0-2 ގެ ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވިނަމަވެސް، މުޅި ސީޒަނުގައި، ވަކީން ޚާއްސަކޮށް ސެމީފައިނަލްގެ ދެވަނަ ލެގުގައި ޓޮޓެންހަމުން ދައްކާފައިވަނީ ތައުރީފު ހައްގު ކުޅުމެކެވެ.

2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ޓޮޓެންހަމް އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން--

ޕޮޗެޓީނޯ ޗެލްސީއާ ހަވާލުވެފައިވަނީ އެޓީމު ވަރަށްވެސް ދަތި ހާލަތަކަށް ވެއްޓިފައި އޮތް ދަނޑިވަޅެއްގައެވެ. އޭގެ ކުރީ ސީޒަނުގައި 12 ވަނައިގައި ނިމުނު ޗެލްސީއާ 24-2023 ވަނަ ސީޒަނަށް ހަވާލުވެ، އެޓިމު ހަވަނައަށް އުފުލައިދިނެވެ. މީގެ އިތުރުން، އޭގެ ކުރީ ސީޒަނާ ބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު ގޯލު، އެ ސީޒަނުގައި ޗެލްސީގެ ފަރާތުން ފެނުނެވެ. މީގެ އިތުރުން، ސީޒަނުގެ ފަހު ފަސް މެޗުން ހޯދި ފަސް މޮޅާއެކު ޗެލްސީން ސީޒަން ނިންމާލާފައިވަނީ ވަރަށް ރަނގަޅަށެވެ.

މީގެ އިތުރުން، ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދިނުމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ އިރުޝާދުގެ ދަށުން ކޯލް ޕާމާ އާއި ނިކޮލަސް ޖެކްސަން ފަދަ ކުޅުންތެރިން ވިދާލިއެވެ. އެހެންކަމުން ޕޮޗެޓީނޯ ފާހަގަވަނީ އުނދަގޫ ހާލަތްތަކުގައިވާ ޓީމުތައް، އެ ހާލަތުން ސަލާމަތްކޮށްދިނުމުގެ އިތުރުން ޒުވާން ކުޅުންތެރިންނަށް އިތުބާރުކުރާ ކޯޗެއްގެ ގޮތުގައެވެ.

މިވަގުތު މެންޗެސްޓާ ޔުނައިޓެޑް އޮތް ހާލަތަށް ބަލާއިރު، މިފަދަ ކޯޗެއްގެ ބޭނުން އެޓީމަށް ބޮޑުކަމަށް ގިނަ ސަޕޯޓަރުން އަންނަނީ މީސްމީޑިއާގައި ބުނަމުންނެވެ. ލޫކް ޝޯ ފަދަ ދުވަސްވީ ކުޅުންތެރިންގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، މިއަށްވުރެ ރަނގަޅު މިސްރާބަކަށް ޓީމު ގެންދިއުމަށް ޕޮޗެޓީނޯ ކަހަލަ ކޯޗެއްގެ މުހިންމުކަން، ގިނަ ސަޕޯޓަރުންވެސް ފާހަގަކުރެއެވެ.

ޔުނައިޓެޑްގެ މިވަގުތުގެ ފޯމަށް ބަލާއިރު، އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ، ޗެމްޕިއަންސް ލީގުގައި އޭއެސް ރޯމާއާ ދެކޮޅަށް ކުޅެ، 2-3 ގެ ނަތީޖާއިން ކާމިޔާބުކުރި މެޗެވެ. މި ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާއިރު އަނެއް މެޗުން ވީ އެއްވަރެވެ.

ފާހަގަކުރެވޭ ގޮތުގައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަދާ ހަމައަށްވެސް އެޓީމު ޖެހިޖެހިގެން ފަސް މެޗުން މޮޅުވެފައެއް ނުވެއެވެ.

comment ކޮމެންޓް