ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ޑިމޮކްރަސީ ނެޓުވޯކުން ގޮވާލައިފި

ހުސައިން ހުމާމް އަހްމަދު

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭއުޅުން ހުއްޓާލުމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓު ވޯކުން ގޮވާލައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ހިއުމަން ރައިޓްސް އެކްޓިވިސްޓު އަހްމަދު މުހައްމަދު ވިދާޅުވީ، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ އެތައް ޒަމާނެއް ވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގެ މައްޗަށް ވިސްނުމަށްފަހު މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ނިންމުން އަނބުރާ ގެންދިޔުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ފަންޑު ކުރި މީހުންނާއި އެކަމުގެ އެންމެ އަޑީގައި ތިބި މީހުން ނުހޯދެނީސް، އޭނާ އަށް ކަތިވަޅިން ހަމަލާދީ އަވަހާރަކޮށްލި ހ. ލޮބީ ހުސައިން ހުމާމް އަހްމަދަށް މަރުގެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން އުޅޭކަމަށް ބުނެ އެކަމާ ވެސް ޑިމޮކްރަސީ ނެޓު ވޯކުން މިއަދު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ޑިމޮކްރަސީ ނެޓުވޯކުގެ ހިއުމަންރައިޓްސް ލޯޔަރު އަދި ލީގަލް ކޮންސަލްޓެންޓު މުޝްފިގު މުހައްމަދު ވިދާޅުވީ، ހުމާމަށް ހުކުމް އިއްވާފައިވަނީ އޭނާ ވެފައިވާ އިއުތިރާފުގެ މައްޗަށް އެކަނި ކަމަށާއި އެ އިއުތިރާފަށް ހުމާމް ވަނީ އިންކާރުކޮށްފައި ކަމަށެވެ. އެހެންކަމުން އެކަމުގެ މައްޗަށް ބަލާއިރު އޭނާގެ މައްޗަށް އެ ކުށް ސާބިތުނުކުރެވޭނެ ކަމަށް މުޝްފިގު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން ހުމާމަށް އިއްވި މަރުގެ ހުކުމްގައި ވަނީ އިއުތިރާފުން ރުޖޫއަ ނުވެވޭ ހާލަތްތަކެއް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އާދަމުގެ ދަރިއެއްގެ ހައްގު އެކުލެވޭ ކަމެއްގައި އިއުތިރާފުން ރުޖޫއަ ނުވެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް