ޑިމޮކްރަސީގެ އަސާސްތައް ކުރިއެރުވުމަށް މީޑީއާވެސް ކުރިއަރަން ޖެހޭ ކަމަށް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް މުހައްމަދު ޖަމާލް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޕްރެސް ފްރީޑަމް ދުވަހާ ގުޅިގެން ހޮޓެލް ޖެންގައި ފެށި ވޯކް ޝޮޕްގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ މީޑީއާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށެވެ.
"ޑިމޮކްރަސީއަކީ އެންމެނަަށްވެސް ލިބޭ ހައްގެއް ގޮތަށް މީޑިއާއަކީ އެންމެނަށްވެސް ލިބޭ ހައްގެއް. މިނިވަން އަދި ބާރުވެރި މުޖަތަމައުއެއް ބިނާކުރުމަަށް މީޑިއާވެސް އެބަޖެހޭ ބާރުވެރިކުރަން." މަލީހް ވިދާޅުވި އެވެ.
މަލީހް އިތުރަށް ވިދާޅުވީ މީޑީއާއަކީ ދައުލަތެއްގެ ޕާފޯމަންސް ދައްކުވައިދިނުމަށް ބޭނުންކުރާ މޫނުބަލާ ލޯގަނޑުކަމަަށެވެ. އަދި މުޖުތަމައުގައި މީޑިއާގެ ދައުރާ ބެހޭ ގޮތުން އަލި އަޅުވާލައްވައި މަލީހް ވިދާޅުވީ މީޑީއާއަކީ ޑިމޮކްރަސީގެ އިތުބާރުކުރެވޭ ބައިވެރިއަކަށް ހެދުމަށް ތައްޔާރު ކަމަށެވެ.
މަލީހް ވިދާޅުވީ ކުރިން ގެންގުޅުނު މީޑީއާ ޕްލެޓްފޯމްތައް އެންމެ ޒަމާނީ ޕްލެޓްޕޯމްތަކަށް ވުމަށް ޖާގަ ދޭން ޖެހޭ ކަމަށެވެ. އަދި އިލެކްޝަން ފަދަ މުހިންމު ކަންކަމުގައި ޑިޖިޓަލް ޓެކްނޮލަޖީ ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެ ޓެކްނޮލަޖީއާއެކު ފޭކް ނިއުސް އާއި ދޮގު މައުލޫމާތު ފެތުރުން އިތުރުވެފައިވާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ. އަދި އެ ކަމުގެ ސަބަބުން ޑިމޮކްރަސީއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ހަފްލާގައި މަލީހް ވަނީ މިދިޔަ އަަހަރުގެ ދެކުނު އޭޝިއާ ޕްރެސް ފްރީޑަމް ރިޕޯޓްވެސް ނެރެދެއްވައިފަ އެވެ.