މެލޭޝިއާ އިން ހިފި، ދިގު މިނުގައި ނުވަ މީޓަރު (26 ފޫޓު) ހުރި ދުނިޔޭގެ އެންމެ ދިގު ހަރުފައިގެ މަގާމް ލިބިދާނެ ކަމަށް ބެލެވޭ ހަރުފަ މަރުވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.
އެ ހަރުފަ ފެނިފައިވަނީ މެލޭޝިއާގެ ފަތުރުވެރިންގެ މަގްބޫލް މަންޒިލެއް ކަމަށްވާ ޕެނާންގުގައި ބްރިޖެއް އިމާރާތްކުރަން އުޅުނު ބަޔަކަށް މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ހަރުފަ ހިފުމަށް 30 މިނެޓް ހޭދަވި ކަމަށްވެއެވެ.

މެލޭޝިއާ އިން ހިފި 26 ފޫޓު ދިގު ހަރުފަ ހިފައިގެން އެގައުމުގެ ސިވިލް ޑިސެންސް ފޯސްގެ އޮފިޝަލުންތަކެއް ---
މެލޭޝިއާގެ ސިވިލް ޑިފެންސް ފޯސްގެ އޮޕަރޭޝަންސް ޗީފް ވިދާޅުވީ، އެ ހަރުފަ މަރުވެފައިވަނީ ބިސް އެޅުމަށްފަހު އިއްޔެ ކަމަށެވެ. އޭތި މަރުވެފައިވަނީ ސަރުކާރުގެ ވައިޑްލައިފް ޑިޕާޓްމަންޓަށް ބަދަލުކުރުމުގެ ކުރިންނެވެ.
ނަމަވެސް މެލޭޝިއާ އިން ހިފި އެ ހަރުފައިގެ ދިގު މިން، ދުނިޔޭގެ ރިކޯޑް ފޮތުގެ އޮފިޝަލުން ބަލާފައެއްނުވެއެވެ.

މެލޭޝިއާ އިން ހިފި 26 ފޫޓު ދިގު ހަރުފަ ހިފައިގެން އެގައުމުގެ ސިވިލް ޑިސެންސް ފޯސްގެ އޮފިޝަލުންތަކެއް ---
ދުނިޔޭގެ ރިކޯޑް ފޮތުން ބުނާގޮތުން، ދުނިޔޭގެ އެންމެ ދިގު ހަރުފައިގެ މަގާމު މިވަގުތު އޮތީ 2011 ވަނަ އަހަރު ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދި، ދިގުމިނުގައި 7.67 މީޓަރު ހުންނަ މެޑޫސާ ނަމަކަށްކިޔާ ހަރުފައެއްގެ އަތުގައެވެ. ބަރުދަނުގައި 158 ކިލޯގްރާމް ހުރި އެ ހަރުފަ ބާއްވާފައި އޮންނަނީ އެމެރިކާގެ ކެންސަސްގެ ސިޓީއެއްގައި ހުންނަ "ދަ އެޖް އޮފް ހެލް ހޯންޓެޑް ހައުސް" ކިޔާ ޝޯ ބާއްވާ ތަނެއްގައެވެ.