މިއަދުން ފެށިގެން މެލޭޝިއާގެ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފި

މެލޭޝިއާގެ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ވަނީ މަނާކޮށްފައި. ފޮޓޯ/ރޮއިޓާސް

އުުމުުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އެކައުންޓުން ހެދުން މެލޭޝިއާއިން މިއަދުން ފެށިގެން މަނާކޮށްފިއެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފެށި އެ ގަވާއިދުގެ ދަށުން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައިވެރިވާ މީހުންގެ އުމުރު ކަށަވަރުކުރުމާއި، 16 އަހަރުން ދަށުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އެކައުންޓު ހުޅުވުން ހުރަސް އަޅާނެއެވެ. އޭގެތެރޭގައި ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ، ގާތްގަަޑަކަށް އަށް މިލިއަން ޔޫޒަރުން ތިބި ބޮޑެތި ޕްލެޓްފޯމްތައް ހިމެނެއެވެ.

އެގޮތަށް އަމަލު ނުކުރާ ކުންފުނިތަކަށް 10 މިލިއަން ރިންގިޓް (2.5 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

މެލޭޝިއާ ސަރުކާރުން ބުނީ މި ފިޔަވަޅުތަކުގެ މަގުސަދަކީ ކުޑަކުދިންނަށް ގެއްލުން ހުރި ކޮންޓެންޓާއި ސައިބާ ބުލީން ރައްކާތެރި ކުރުން ކަމަށެވެ.

މެލޭޝިޔާގެ ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިއާ ކޮމިޝަން، އެމްސީއެމްސީން ބުނީ މި ގަވާއިދުގެ ބޭނުމަކީ ކުޑަކުދިންނަށް އިންޓަނެޓް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ނުކުރެވޭ ގޮތް ހެދުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގަވާއިދުގެ ދަށުން އޮންލައިންކޮށް ލިބޭ ގެއްލުންތައް ހައްލުކޮށް، އުމުރާ ގުޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމްކޮށްފައިވާކަން ކަށަވަރުކުރުމަށް ހިދުމަތްދޭ ފަރާތްތަކުގެ ފަރާތުން އުންމީދު ކުރާކަމަށެވެ.

މެލޭޝިއާގެ އެ ނިންމުމާ ދެކޮޅު ހަދައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ސޯޝަލް މީޑިއާ އެގޮތަށް މަނާކުރުން އަނބުރާ ގެންދިއުމަށް ގޮވާލާފައެެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ޖަމާއަތެއް ކަމަށްވާ "އާޓިކަލް 19" އާއި އެހެނިހެން ޖަމާއަތްތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިން ޑިޖިޓަލް ދުނިޔެއިން މަހުރޫމްކޮށްގެން ނުވާނެ ކަމަށާއި، އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ރައްކާތެރި މާހައުލެއް ބިނާކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މިގޮތަށް އެއްކޮށް މަނާ ކުރުމަކީ ސޯޝަލް މީޑިއާ ކުންފުނިތަކުގެ ވިޔަފާރީގެ އޮނިގަނޑުގައި ހުރި އަސްލު މައްސަލަތަކަށް އޮތް ހައްލެއް ނޫންކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެއެވެ.

މެލޭޝިއާގެ އިތުރުން ތުރުކީ، އޮސްޓްރޭލިއާ، ބްރެޒިލް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުންވެސް ވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ކުރުމަށް އުމުރަށް ބަލައިގެން ހުރަސްތަކެއް އިއުލާންކޮށްފައެވެ. އިނގިރޭސިވިލާތް، ފްރާންސް، ސްޕެއިން، ޑެންމާކް، ތައިލެންޑް އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން ވެސް ދަނީ މިފަދަ އުސޫލުތައް ދިރާސާ ކުރަމުންނެވެ.

ކުޑަކުދިންގެ ނަފްސާނީ ސިއްޙައްތަށް ކުރާ އަސަރު

މެލޭޝިއާގައި މި ފިޔަވަޅުތައް އަޅާފައި ވަނީ ކުޑަކުދިންގެ ނަފްސާނީ ސިއްހަތާއި ސަލާމަތަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ އަސަރުތަކާ ގުޅޭ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުތަކަށް ޕްރެޝަރު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

މާޗް މަހު އެމެރިކާގެ ޖޫރީން ވަނީ ޕްލެޓްފޯމް ޑިޒައިންގެ ފީޗާތަކުގެ ސަބަބުން ޒުވާން ޔޫޒަރުންނަށް ގެއްލުން ލިބުމަށް މަގުފަހިވާ ކަމަށް ބުނެ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދައްކަން މެޓާ އާއި ޔޫޓިއުބް އަށް އަމުރުކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅު ތުރުކީންވެސް ވަނީ ކުޑަކުދިންނާއި ޒުވާނުންގެ ރައްކާތެރިކުރުމުގެ މަގުސަދުގައި އާ ސޯޝަލް މީޑިއާ ގަވާއިދުތަކެއް ތައާރަފްކޮށްފައެވެ.

މެލޭޝިއާ ސަރުކާރުން މިއަދު އަމަލުކުރަން ފެށި އާ ގަވާއިދުގެ ދަށުން، 16 އަހަރުން ދަށުގެ ކުދިންނަށް ފޭސްބުކް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމުތަކުގައި އެކައުންޓު ހުޅުވުން ވަނީ މަނާކޮށްފައެވެ. މި އުސޫލާ ހިލާފުވާ ކުންފުނިތައް 2.5 މިލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިއާ ކޮމިޝަނުން ބުނާގޮތުގައި މީގެ ބޭނުމަކީ ޑިޖިޓަލް ޓެކްނޮލޮޖީން ކުދިން މަހުރޫމުކުރުން ނޫން ކަމަށާއި، ނަމަވެސް އޮންލައިން ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެހެންނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ މި ނިންމުމާ ދެކޮޅު ހަދައި ފާޑުކިޔަމުންނެވެ.

  • 16 އަހަރުން ދަށުގެ ކުދިންނަށް މެލޭޝިއާގައި ސޯޝަލް މީޑިއާ އެކައުންޓު ހެދުން ވަނީ މަނާކޮށްފައެވެ.
  • ގަވާއިދާ ހިލާފުވާ ކުންފުނިތައް 2.5 މިލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ.
  • މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ސައިބާ ބުލީއާއި ގެއްލުންހުރި ކޮންޓެންޓުން ކުޑަކުދިން ސަލާމަތްކުރުމެވެ.
  • އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ.
  • މެލޭޝިއާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުންވެސް ދަނީ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.
comment ކޮމެންޓް