ކިޑްނީގެ ބަލިތައް މެދުވެރިވާ ސަބަބުތަކާއި، އެބަލިތަކުން ރައްކާތެރިވުން

ކިޑްނީގެ ބަލިތަކަކީ ވެސް ދިރިއުޅުމުގެ ވައްޓަފާޅި އާއި، ގުޅިފައި ހުންނަ ބަލިތަކެއްކަން ފާހަގަ ކުރެވެއެވެ. ކިޑްނީގެ ބަލިތަކަކީ ނޭނގި ހުއްޓައި ފުރާނައަށް ނުރައްކާވެދާނެ ބަލިތަކެކެވެ. އަދި އޭގެ ސަބަބުން ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރުވަފާނެ ބަލިތަކެއްކަން ފާހަގަކޮށްލެވެއެވެ. ކިޑްނީގެ ބަލިތަކުގެ ތެރޭގައި ކްރޯނިކް ކިޑްނީ ޑިޒީޒް، ކިޑްނީގެ ކެންސަރު، ކިޑްނީގައި ހިލަ އުފެދުން، ކިޑްނީގައި އިންފެކްޝަން އުފެދުން ފަދަ ކަންތައްތައް ފާހަގަ ކުރެވެއެވެ. މިބަލިތައް ދިވެހިންގެ ފުށުން ފެންނަލެއް މަދެކޭ ބުނެވޭކަން ނެތެވެ.

ކޮންމެ އުމުރެއްގެ ކޮންމެ ނަސްލެއްގެ މީހަކަށް ވެސް ކިޑްނީގެ ބަލިތައް ޖެހިދާނެ އެވެ. ތަފާސް ހިސާބުތައް ދައްކާގޮތުގައި ދުނިޔޭގެ އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ ކިޑްނީގެ ބަލި ޖެހިފައިވާ މީހެކެވެ. ދުނިޔޭގެ އާބާދީގެ އުމުރުން 74-65 އަހަރާ ދެމެދުގެ އުމުރުގެ ކޮންމެ 5 ފިރިހެނުންގެ ތެރެއިން 1 އަދި ކޮންމެ 4 އަންހެނުންގެ ތެރެއިން އެކަކީ ކިޑްނީ ބަލީގެ މީހެއްކަން ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖޭގައި އެންމެ ގިނައިންމީހުން މަރުވާން މެދުވެރިވާ 10 ސަބަބުގެ ތެރޭގައި ކިޑްނީގެ ބަލިތައް ހިމެނެއެވެ. އާސަންދަ އިން 4 ވަނަ އަށް ބޮޑު ހޭދައެއް ކުރެވެނީ ކިޑްނީގެ ބަލިތަކުގެ ފަރުވާއަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޑްނީގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި ލޭމައްޗަށްދިއުން، ހަކުރުބަލި ޖެހުން، އާދަޔާ ޚިލާފަށް ފަލަވުން، ދުންފަތުގެ އިސްތިއުމާލުކުރުން، އުމުރުން 50 އަހަރަށްވުރެ މަތިވުން، އަދި އާއިލާގައި ކިޑްނީގެ ބަލިޖެހިފައިވާ މީހަކު ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި ވެސް ކިޑްނީގެ ބަލިތަކަށް މަގުފަހިކުރާ ފަދަ އާދަތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. އެގޮތުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއަށް ވަދެފައިވާ ކިޑްނީގެ ޞިއްޙަތަށް ގެއްލުންދެނިވި އާދަތަކުގެ ތެރޭގައި،ދުންފަތުގެ އިސްތިއުމާލުކުރުން، ދުފުން، ސްޕާރީ ބޭނުންކުރުން، ކެއުމުގައި ތެލާއި، ސަރުބީ، އެކުލެވޭ ޖަންކް ފުޑްސް އަދި ތައްޔާރީ ކާނާގެ ބާވަތްތައް މާގިނައިން ބޭނުންކުރުން، ކެއުމުގައި ލޮނު މާގިނައިން ބޭނުންކުރުން، އެކަށޭނަ ވަރަށް ކަސްރަތު ނުކުރުމާއި، ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުން، ހެލިފެލިވެ އުޅުން މަދުވުން، އެކަށޭނަ މިންވަރަށް ދިޔާތަކެތި ނުބުއިން، ފާޑުފާޑުގެ ހަކަތަ ލިއްބައިދޭ ބުއިންތަކާ، ލުއިބުއިންތައް މާގިނައިން ބޭނުންކުރުން، މަސްތުވާތަކެތި ބޭނުންކުރުން، އަދި އަމިއްލައަށް ބޭސްނަގައިގެން ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކިޑްނީގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރެއިން ލޭމައްޗަށްދިއުމާއި، ހަކުރު ބައްޔާއި، މާބޮޑަށް ފަލަވުމަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް އާންމުވެފައިވާ ހާލަތްތަކަށް ވުމުން، މިފަދަ ކަމެއް މެދުވެރިވެފައިވާ މީހުން، ގަވާޢިދުން ޑޮކްޓަރަށް ދައްކައި، ކިޑްނީގެ ބައްޔެއްހުރިތޯ ޓެސްޓުކޮށް ބަލަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ. އެންމެ ގިނައިން ކިޑްނީގެ މަސައްކަތް ހުއްޓި، ކިޑްނީ ފޭލްވުން ފަދަ ނުރައްކާތައް ކުރިމަތިވަނީ ހަކުރު ބަލިޖެހިފައި ތިބޭ މީހުންނަށް ކަން ފާހަގަ ކުރެވެއެވެ.

ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތާ ޚިލާފަށް ކުޑަކުދިންނަށް ވެސް ކިޑްނީގެ ބަލިތައް ކުރިމަތިވުމުގެ ފުރުޞަތު އޮންނަކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ކުޑަކުދިންނަށް ކިޑްނީގެ ބަލިތައް ކުރިމަތިވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ހަށިގަނޑުގެ ބަރުދަން އިތުރުވެ، ފަލަވުން، ހަކުރުބަލި ހުރުން، ލޭމައްޗަށްދިއުން، ދުންފަތުގެ ދުމަށް ހުށަހެޅުމާއި، އެފަދަ މާހައުލެއްގެ ތެރޭގައި އުޅެބޮޑުވުން، އާއިލާގެ ތެރޭގައި ކިޑްނީގެ ބަލިތައް ދައުރުވަމުން އައުން، ވިޓަމިންޑީ މަދުވުމުން ޖެހޭ "ރިކެޓްސް" ފަދަ ބައްޔެއް ޖެހިފައިވުން، ކުއްޖާގެ އުމުރާއަޅާބަލާއިރު މާކުޑަވުން، ދުވަސްނުފުރާ ވިހެއުން، އަދި ހެދިބޮޑުވުމުގައި މައްސަލަތައް ހުރުން ފަދަ ކަންކަން ހިމެނެއެވެ.

ކިޑްނީގެ ބަލިތަކަކީ ވެސް ދިވެހިންގެ ތެރޭގައި އާންމުވަމުން އަންނަ ބަލިތަކަކަށް ވުމުން ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންޖެހޭ ކަންތައްތައް ކޮންމެ މީހަކަށްމެ، އެނގިފައި އޮތުމަކީ ބޭނުންތެރި ކަމެކެވެ. ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށް، ކިޑްނީގެ ބަލިތަކުން ރައްކާތެރިވެ ހުރުމަށް އަމަލުކުރެވިދާނެ "ރަން 8 އުސޫލް" އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ކިޑްނީ ފައުންޑޭޝަން" އާއި، "އިންޓަނޭޝަނަލް ސޮސައިޓީ ފޮރ ނެފްރޮލޮޖީ" ގުޅިގެން ނެރެފައިވެއެވެ. އެގޮތުން ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް އަމަލުކުރެވިދާނެ ކަމަށް ކަނޑައަޅާފައިވާ ރަން 8 އުސޫލަކީ؛

  • ހަށިގަނޑަށް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކަސްރަތުކޮށް ހެލިފެލިވެ (ހަރަކާތްތެރިވެ) އުޅުން!
  • ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްގައި ބެހެއްޓުން!
  • ލޭގެ ޕްރެޝަރު ކޮންޓްރޯލްގައި ބެހެއްޓުން!
  • ދުންފަތުގެ އިސްތިޢުމާލުނުކުރުން!
  • ހަށިގަނޑަށް ފައިދާހުރިކާނާ ކެއުމާއެކު، ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ހިފެހެއްޓޭތޯ ބެލުން!
  • ހަށިގަނޑަށް ފައިދާހުރި ދިޔާތަކެތި ގިނައިން ބޭނުންކުރުން!
  • އަމިއްލައަށް ބޭސްނަގައިގެން ބޭނުން ނުކުރުން!
  • ހަކުރު ބަލި، ލޭމައްޗަށްދިއުން، ހަށިގަނޑު ބުރަހެލިވެ ފަލަވުން، އާއިލާގައި ކިޑްނީ ބަލީގެ މީހަކުން ހުރުން، ފަދަ ކަމެއް ދިމާވެފައިވާނަމަ ކިޑްނީގެ ބައްޔެއް ހުރިތޯ ޓެސްޓުކުރުން!

މަތީގައިވާ އުސޫލުތަކަށް ބަލާއިރު ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ގަވާއިދުން ކަސްރަތުކުރުމާއި، ހެލިފެލިވެއުޅުން އިތުރުކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ގަވާއިދުން ކަސްރަތުކޮށް، ހެލިފެލިވެއުޅުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހަފްތާއަކު 5 ދުވަހު ދުވާލަކު މަދުވެގެން 30 މިނިޓް ވަންދެން ކަސްރަތުކުރުން، ނުވަތަ ހަފްތާއަކު 3 ދުވަހު ދުވާލަކު ގަޑިއެއްހާއިރު ކަސްރަތުކުރުން، ސައިކަލް ފަދަ ދުއްވާ ތަކެތީގައި އުޅުމުގެ ބަދަލުގައި ހިނގާފައި އުޅުން، އިމާރާތްތަކަށް އަރާފައިބާއިރު ލިފްޓުން އެރުމުގެ ބަދަލުގައި ސިޑިން އެރުން، ދުވާލަކު 2 ގަޑިއިރަށްވުރެ ގިނައިރު އެއްގޮތަށް އިށީނދެ ނުވަތަ އޮށޯވެނުއޮތުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ލޭގެ ޕްރެޝަރާއި، ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްގައި ބެހެއްޓުމަށް ގަވާއިދުން ޑޮކްޓަރަށް ދައްކައި ލޭގެ ޕްރެޝަރާއި، ލޭގައި ހަކުރު އެކުލެވޭ މިންވަރު ބަލަމުން ގެންދިއުމަކީ ވެސް ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ބޭނުންތެރި ކަމެކެވެ. ހަކުރު ބަލި، އަދި ލޭމައްޗަށްދިއުން ހުންނަކަމުގައިވާނަމަ، ޑޮކްޓަރުން ދީފައި ހުންނަ ބޭސްތައް ހުއްޓާނުލައި، ގަވާޢިދުން ބޭނުންކުރުމަކީ ވެސް ސަމާލުކަން ދޭންޖެހޭނެ މުހިއްމު ކަމެކެވެ.

ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ދެން ކުރެވިދާނެ އަނެއްކަމަކީ ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ދުންފަތުގެ ދުމުން ދުރުހެލިވުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް އެންމެ ރަނގަޅު ގޮތަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމެވެ. އެކަމަށް ބޭނުންވާ ފަންނީ ސިއްޙީ ދާއިރާގެ ބޭފުޅުންގެ އަރިހުން ހޯދިދާނެ އެވެ. ރާއްޖެއިން މިފަދަ ފަންނީ އެހީ މިހާރު ލިބެން ހުންނަކަން ފާހަގަކޮށްލެވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއެކު، ދުންފަތުގެ ދުމުން ތިބާއާއި، އާއިލާ ސަލާމަތްވެ ތިބުމަކީ ވެސް ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ބޭނުންތެރި ކަމެކެވެ.

ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުގައި ހިމެނުމަކީ ވެސް ކިޑްނީގެ ބަލިތަކުން ދުރުހެލިވެ ހުރުމަށް ލިބިދޭ ބާރަކަށް ވެއެވެ. އެގޮތުން ތަރުކާރީ މޭވާގެ ބާވަތްތައް ކެއުމުގައި އެކަށޭނަ ވަރަކަށް ހިމެނުމާއި، ކެއުމުގައި ހަކުރާއި، ލޮނު ބޭނުންކުރެވޭ މިންވަރު މަދުކުރުން ބުއްދިވެރި އެވެ. ތެލާއި، ސަރުބީ އެކުލެވޭ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިވާންޖެހެއެވެ.

ހަށިގަނޑަށް ފައިދާހުރި ދިޔާތަކެތި ބުއިމަކީ ވެސް ކިޑްނީގެ ބަލިތަކުން ރައްކާތެރިވެ ހުރުމަށް، މުހިއްމު އެހާމެ ބޭނުންތެރި ކަމެކެވެ. އެގޮތުން ދުވާލަކު މަދުވެގެން 12-8 ތަށީގެ ފެން ބުއިމަށް ފަރުވާތެރިވާންޖެހެއެވެ. ފާޑު ފާޑުގެ ނަންތަކުގައި ބާޒާރަށް ނެރެފައި ހުންނަ ހަކަތަ ލިއްބައިދޭ ބުއިންތަކާއި، ލުއި ބުއިންތަކާ ދުރުހެލިވުމާއި، ކޯލާ، ކޮފީ ފަދަ ކެފެއިން ގިނައިން އެކުލެވޭ ބުއިންތައް ބޭނުންކުރުން މަދުކުރުމަކީ ވެސް ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ ބޭނުންތެރި ކަމަކަށް ނޫނީ ނުވާނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ތަނަކުން ވެއްޓުން، ކުޅެން އުޅުމުގެ ތެރޭގައި ލިބޭ އަނިޔާތައް ފަދަ ކަންކަމަށް ވަރަށް ގިނައިން އަމިއްލައަށް ބޭސް ނަގައިގެން ބޭނުންކުރާ މީހުންކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިއީ ޞިއްޙީ ގޮތުން ބަލާއިރު ނުރައްކާތެރި ހާދިސާއެއް މިސާލަކަށް ކިޑްނީގެ މައްސަލަ ފަދަ ކަމެއް ދިމާވެދާނެ ކަމަކަށްވުމުން، އަމިއްލައަށް ބޭސް ނަގައިގެން ބޭނުންކުރުމުގެ އާދަ ދޫކޮށްލަންޖެހެއެވެ.

ކިޑްނީގެ ބަލިތަކުން ރައްކާތެރިވެ، ދުޅަހެޔޮ ކިޑްނީ އެއް ބައްޓަންކުރެވޭނީ މިދެންނެވި ކަންކަމާމެދު އަމިއްލައަށް ވިސްނައި، ތިމާގެ ޞިއްޙަތާމެދު އަމިއްލައަށް އަޅާލެވިގެންނެވެ. ތިމާގެ ޞިއްޙަތަށްޓަކައި އަދާކުރަންޖެހޭ ފަރުދީ ޒިންމާ އަދާކުރުމުގައި ފަރުވާ ކުޑަ ކުރެވިއްޖެނަމަ، ތަފާތު ބަލިތަކަށް ތިމާގެ ހަށިގަނޑުގެ ހުށަހެޅިގެން ދިއުމަކީ ދުރު ކަމެއް ނޫނެވެ.

comment ކޮމެންޓް