ށ. ހިރިބަނދޫ ބޭރުން ކަނޑުމަތިން މިއަދު ފެނުނު ބިދޭސީއަކަށް އެ އަތޮޅު ފުނަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު 9:30 ހާއިރު ބިދޭސީ މީހާ ފެނިފައި ވަނީ ހިރިބަނދޫ ދިމާލުން ދެ މޭލު ބޭރުން ކަމަށެވެ. އެމީހާ ކަނޑުގައި އޮއްވައި ފެނިފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ޑިންގީއެއްގައި ތިބި ބަޔަކަށެވެ.
ވަދާ ނުކުމެ އުޅުނު ޑިންގީއަށް އެމީހާ ފެނުމުން، އޭނާ ނަގައިގެން ފުނަދޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހުޝާމް "ސަން"އަށް ވިދާޅުވީ، ކަނޑުމަތިން ފެނުނު ބިދޭސީއަކު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެއީ ބަންގްލަދޭޝް ރައްޔިތެއް ކަަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.