ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ވެސް ހަމަ އެހާވަރަށް ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
މިދުވަސްވަރަކީ ހޫނުގަދަ ދުވަސް ވަރަކަށްވާނެ ކަމަށް މީގެ ކުރިން މެޓް އޮފީހުން ބުނެފައިވީ ނަމަވެސް ހޫނުމިން ކުރިން 34 ޑިގްރީ ސެލްސިއަސްގައި ހުރެފައި މިހާރު ވަނީ ހޫނުމިން ދަށަށް ޖެހިލައިފަ އެވެ.
މެޓް އޮފީހުން ބުނީ މިއަދަކީ ވިއްސާރަ ދުވަހަކަށް ވުމުން ފިނިހޫނު މިން އުޅޭނީ 30 ނުވަތަ 31 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. އަދި އެންމެ މައްޗަށް ވެސް މިއަދު ޖެހިލާނީ 32 ޑިގްރީ ސެލްސިއަސްއަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.