ދ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް، މުހިޔިއްދީނުން ފައިނަލާ ގާތަށް ޖެހިލައިފި

އިންޓަ ސްކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކަލާފާން ސްކޫލާއި މުހިއްޔުއްދީން ސުކޫލް ކުޅުނު މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުއާވިއަތު އަންވަރު

އެފްއޭއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 16 އަހަރުން ދަށުގެ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް، މުހިޔިއްދީން ސްކޫލު ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ސެމީ ފައިނަލު މެޗުގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގެ މައްޗަށް މުހިޔިއްދީން ކުރި ހޯދީ 4-5 ލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ 14 ވަނަ މިނެޓުގައި މުހައްމަދު ފިޒާލް މުހިޔިއްދީނަށް ލީޑު ހޯދައިދިން އިރު، 21 ވަނަ މިނެޓުގައި ބަރާއު އަހްމަދު ޒާހިރު ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފުރަތަމަ ލަނޑު، މެޗުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާޔިޒް ވަހީދެވެ.

މެޗުގެ 58 ވަނަ މިނެޓުގައި މުހިޔިއްދީންގެ ތިން ވަނަ ލަނޑު، ބަރާއު އަހުމަދު ޒާހިރު ޖަހައިދިންއިރު، އެ ޓީމުގެ ހަތަރު ވަނަ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާއިލް ވަޖީދު އެވެ.

މެޗުގެ 69 ވަނަ މިނެޓްގައި މުހައްމަދު ޒިހާން ހުސައިން ވަނީ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެވަނަ ލަނޑު ކަމިޔާބުކޮށް، އެޓީމަށް އުންމީދު އާކޮށްދީފަ އެވެ. އެ ލަނޑު ޖެހިތާ ދިހަ މިނެޓުތެރޭ ދ. އަތޮޅު ތައުލީމީ މަރުކަޒުން ދެ ލަނޑު ކާމިޔާބުކޮށް، ނަތީޖާ ހަމަހަަމަކުރި އެވެ. ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން މާޔިޒް ވަހީދާއި ލަޔާން މުހައްމަދެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، މުހިޔިއްދީނުން ވަނީ ލަނޑެއް ޖަހައި، އަލުން ލީޑު ހޯދައިފަ އެވެ. އެ ޓީމަށް އެލަނޑު ކާމިޔާބުކޮށްިދނީ ބަރާއު އަހުމަދު ޒާހިރެވެ. އެ ލަނޑާއެކު އޭނާ ވަނީ މެޗުގައި ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ.

އިއްޔެގެ ސެމީ ފައިނަލުގެ މެޗުން ދ. އަތޮޅު ތައުލީމީ މަރުކަޒު ބަލިވި ކަމުގައިވިޔަސް، އެޓީމަށް އަދި ފައިނަލަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. ސެމީގެ ތިންވަނަ މެޗުގައި ދ. އަތޮޅު ތައުލީމީ މަރުކަޒު ނުކުންނަން ޖެހޭނީ ޣާޒީ ސްކޫލާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހެވެ. އެ މެޗުގައި ބައްދަލުކުރާނީ މުހިޔިއްދީން ސްކޫލާއި ޣާޒީ ސްކޫލެވެ. އެ މެޗުން މުހިއްޔިއްދީން މޮޅުވެ، ނުވަތަ އެއްވަރުވިޔަސް އެޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެ އެވެ.

comment ކޮމެންޓް