އެނާޖީ ޑްރިންކްސް: ކުށްހީތަކާ ހަގީގަތްތައް

އެނާޖީ ޑްރިންކްސް އޭ ބުނުމުން ޒުވާނުންނަށް އެއީ ވަރަށް "ކޫލް" އެއްޗެއްގެ ގޮތުގައި ސިފަކުރެވިދާނެ އެވެ. ނަމަވެސް ހަގީގަތަކީ ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއް އެއީ "ކޫލް" އެއްޗަކަށް ވެގެން ނުވާނެކަމެވެ. "ގޯސް" ކަމެއް ކިތައްމެ ގިނަ ބަޔަކު ކުރިޔަސް ވާނީ ހަމަ "ގޯސް" ކަމަކަށެވެ. އެއުޞޫލުން "ޞިއްޙީ ގޮތުން ފައިދާއެއްނެތް" އެއްޗެއް ކިތައްމެ ގިނަ ބަޔަކު ބޭނުންކުރިޔަސް އެއީ "ޞިއްޙީގޮތުން ފައިދާހުރި" އެއްޗަކަށް ނުވާނެއެވެ. އިންސާނުން ބޭނުންކުރާ ކޮންމެ އެއްޗަކީ އޭގެ ސަބަބުން ޞިއްޙީ ގޮތުން ފައިދާތަކެއްވާ، އޭގެ ސަބަބުން ގެއްލުން ލިބުމުގެ ފުރުޞަތު ކުޑައެއްޗަކަށްވުމަކީ ޞިއްޙަތު ސަލާމަތުން ގިނަ ދުވަހު ހަށިހެޔޮކަންމަތީ ދެމިހުރުމަށް މުހިއްމު ކަމެކެވެ.

އެނާޖީ ޑްރިންކްސް އަކީ ކޮބާ؟ މިފަދަ ބުއިންތަކުގައި ހިމެނެނީ ކޮންކަހަލަ މާއްދާތަކެއް؟

ގިނަ މީހުން ހީކުރާގޮތުގައި އެނާޖީ ޑްރިންކްސް އަކީ "ސްޕޯޓްސް ޑްރިންކް"ގެ ގޮތުގައި ބޭނުންކުރެވޭ ބުއިމެކެވެ. ނަމަވެސް ސްޕޯޓްސް ޑްރިންކްގައި ނުހިމެނޭ، ކެފެއިން އާއި، ޖިންސެންގ، ފަދަ ހަށިގަނޑަށް ގެއްލުން ދެނިވި ބާވަތްތައް އެނާޖީ ޑްރިންކްގެ ވައްތަރުތަކުގައި ހުރެއެވެ.

އެނާޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭ ކަމަށްބުނާ ބުއިންތަކުގައި "ކެފެއިން"، "ގުވަރާނާ"، "ޓޯރިން"، "ގިންގކޯ ބިލޯބާ"، "ޖިންސެންގ" ފަދަ ބާވަތްތަކުގެ ފަތްޕިލާވެލިން ނަގާ މާއްދާތައް ހިމެނެއެވެ. މިމާއްދާތައް ފައިދާހުރި މާއްދާތަކުގެ ގޮތުގައި އިސްތިހާރު ކުރެވުނު ނަމަވެސް މިމާއްދާތައް އެނާޖީ ޑްރިންކްސްގެ ބާވަތްތަކުގައި މާގިނައިން ހިމެނޭތީ ހަށިގަނޑަށް ގެއްލުން ލިބޭކަން ދިރާސާތަކުން ހޯދިފައި ވެއެވެ.

"އެނާޖީ ޑްރިންކްސް" އަށް މިނަން ދެވިފައިވަނީ އެނާޖީ ޑްރިންކްސް ބޭނުންކުރުމުން އިންސާނާގެ ހަށިގަނޑަށް ހަކަތަ ލިބިއްޖެ ކަމުގެ އިހުސާސެއް އުފައްދައިދޭކަން އޭގެ ޞިނާއަތުން އާންމުންނަށް އަންގައިދިނުމަށްޓަކައެވެ. ވިސްނާލަންވީ މިފަދަ ބުއިންތަކުގައި ހިމެނޭ ބައެއް ބާވަތްތަކަކީ ގުދުރަތީ ގޮތުން ލިބޭ ބާވަތްތަކެއް ކަމަށް ވިޔަސް މިފަދަ ބާވަތްތަކުން ވެސް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ.

ކެފެއިން އަކީ ކޮފީ، ފަދަ ބުއިންތަކުގައި ވެސް ހުންނަ މާއްދާއަކަށް ވިޔަސް، ހޯދުންތަކުން ދައްކާގޮތުގައި އެނާޖީ ޑްރިންކްސްގެ ބާވަތްތަކުގައި ކެފެއިން ހުންނަ މިންވަރު 3 ގުނަ އިތުރެވެ. ހޯދުންތަކުން ދައްކާގޮތުގައި ސޮޑާ ފަދަ ބުއިންތަކުގެ އެންމެ ތަށްޓެއްގައި ގާތްގަނޑަކަށް 23 މިލިގްރާމްގެ ކެފެއިން ހުރެއެވެ. ދިރާސާ އަކުން ހާމަވެފައިވާ ގޮތުގައި އަހަރެމެންގެ ހަށިގަނޑަށް އެތެރެވާ ހަކުރުގެ 43 ޕަސެންޓް ވަންނަނީ ސޮފްޓް ޑްރިންކްސް ފަދަ ބުއިންތައް ބޭނުންކުރުމުގެ ސަބަބުންނެވެ.

އެނާޖީ ޑްރިންކްސް އާމެދު ގެންގުޅެވޭ ކުށްހީތަކާ އޭގެ ހަގީގަތްތައް

އެނާޖީ ޑްރިންކްސް ގެ ބާވަތްތަކަކީ މީހާގެ ހަކަތަ އިތުރުކޮށްދީ، ހަށިގަނޑުގައި ވަރުޖައްސައިދޭ ބުއިމެއްކަމަށް ދެކޭ ދެކުމަކީ ވަރަށް ގިނަ މީހުންނަށް ކުރެވިފައި އޮންނަ ކުށްހީ އެކެވެ. އޮޅި އޮޅުންއަރާފައިވާ ކަމެކެވެ. މިފަދަ ބުއިންތަކުގެ ސަބަބުން މީހާގެ ތާޒާކަން އިތުރުކޮށްދީ، އެކި ކަންކަމުގައި އެބޭނުންކުރުމުން ޖޯޝް އަންނަކަމަށް ދެކޭ ދެކުމަކީ ވެސް ކުށްހީ އެކެވެ. ހަގީގަތުގައި އެނާޖީ ޑްރިންކްސް ސަބަބުން ހަކަތަ ހަށިގަނޑަށް ލިބެނީ އޭގައި ހަކުރު ގިނަވީމަ އެވެ. ނަމަވެސް އެނާޖީ ޑްރިންކްސް ގައި ހިމެނޭ ހަކުރުގެ މިންވަރު މާގިނަވުމުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ މިންވަރު، އެބޭނުންކުރުމުން ކުއްލިއަކަށް މަތިވެ، ވަރަށް އަވަހަށް ކުއްލިއަކަށް ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ. މިކަމުގެ ސަބަބުން އަވަހަށް ވަރުބަލިވުން އިހުސާސްވެ، ކުޅިވަރުތަކުގައި އެމީހެއްގެ ބުންވަރު ކުޑަވެ، ގާބިލިއްޔަތު ދަށްވާކަން ފާހަގަ ކުރެވެއެވެ. މަސައްކަތާއި ކިޔެވުމަށް ސަމާލުކަންދެވޭ މިންވަރު ހަގީގަތުގައި ދަށްވެގެން ދެއެވެ. ހަކުރު މާގިނައިން ހަށިގަނޑަށް އެތެރެވެ، ހަށިގަނޑު ފަލަވެ، އެކަމުގެ ސަބަބުން ހަކުރު ބަލި، ހިތުގެ ބަލި، ސްޓްރޯކްޖެހި، ވާގިނެތޭގޮތްވެ، ނުކުޅުދެންތެރި މީހަކަށްވުން، ކެންސަރު ޖެހުން، އަދި ކިޑްނީ ގެ ބަލިތައް ފަދަ އެތައް ބަލިތަކަކަށް މަގުފަހިވެގެންދެއެވެ.

ވަރަށް ގިނަ މީހުންނަށް ހީކުރެވިފައި އޮންނަ ގޮތުގައި އެނާޖީ ޑްރިންކްސް ގެ ބާވަތްތައް ބޭނުންކުރުމަކީ ކުޅިވަރުގައި ބުންވަރު އިތުރުކުރާ ކަމެކެވެ. ނަމަވެސް ހަގީގަތުގައި އެނާޖީ ޑްރިންކްސްގެ ބާވަތްތައް ބޭނުންކުރުމުން، ހިތުގެ ވިންދު އަވަސްކޮށް، ހިތުގެ މަސައްކަތަށް ބާރުބޮޑުވެ، ލޭމައްޗަށްދިއުމާއި، ކުޅިވަރު ކުޅުމުގެ ތެރޭގައި ހާޓް އެޓޭކް ޖެހުން ފަދަ ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުޞަތު ބޮޑުވެއެވެ. މީގެ އިތުރުން އެނާޖީ ޑްރިންކްގައި ހިމެނޭ ކެފެއިންގެ ސަބަބުން ހަށިގަނޑުން ފެނާއި ލޮނު މަދުވެ، ވަރުބަލިވެ، ކުޅިވަރު ކުޅޭއިރު ބުންވަރު ދަށްވާގޮތް ވެއެވެ.

ހަމަ މިބީދައިން ވަރަށް ގިނަ މީހުން ނުކައި ގިނައިރު ތަކެއް ތިބުމަށްފަހު ކެއުމުގެ ބަދަލުގެ ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ވެސް އެނާޖީ ޑްރިންކްސްގެ ބާވަތްތައް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. އަދި މިއީ ރަނގަޅު ކަމެއް ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް މިގޮތަށް އަމަލުކުރުމަކީ ރަނގަޅު ކަމެއްކަމުގައި ދެކުމަކީ ކުށްހީ އެކެވެ. އެހެނީ ހަގީގަތުގައި ގިނައިރު ތަކެއް ވަންދެން ނުކައި ހުރުމަށްފަހު، އެނާޖީ ޑްރިންކް ހަށިގަނޑުގައި ވަރުޖެއްސުމުގެ ނިޔަތުގައި ބޭނުންކުރުމަކި ޞިއްހީ ގޮތުން ބަލާއިރު ރަނގަޅު ކަމެއް ނޫނެވެ. އޭގެ ސަބަބުން ގެސްޓްރައިޓިސް ފަދަ ކަންކަން ކުރިމަތިވެ، މޭނުބައިކުރުމާއި، ހޮނޑުލެވުން، މަތިންއެރުމާއި، މޭއެންދުން، ބަނޑުގައި ރިއްސައި، ބަނޑުގައި ގޭސް އުފެދި، ގޮހޮރުގައި ފާރު އުފެދުން، ފަދަ ކަންތައްތައް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. އެނާޖީ ޑްރިންކްސް ތަކުގައި ހިމެނޭ ''ޖިންސެންގ'' އަދި ''ގިންގކޯ ބިލޯބާ'' ފަދަ މާއްދާތަކުގެ ސަބަބުން މޭނުބައިކުރުން، ބޭރަށްހިންގުން ކުރިމަތިވާކަން ދިރާސާތަކުން ހޯދިފައިވެއެވެ.

ބައެއް މީހުން ނުނިދާ ހޭލާހުރުމަށާއި، ހޭލާހުރެ މަސައްކަތްކުރުމަށް އެނާޖީ ޑްރިންކްސްގެ ބާވަތްތައް ބޭނުންކުރުމަކީ ކޮށްއުޅޭ ކަމެކެވެ. މިގޮތަށް ބޭނުންކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. އެއީ ހަގީގަތުގައި އެނާޖީ ޑްރިންކްސް ގެ ބާވަތްތަކުގައި ގިނަ އަދަދަކަށް އެކުލެވޭ ކެފެއިން އަކީ ސިކުނޑި ހޭލައްވާލާ އެއްޗަކަށް ވިޔަސް، ނިންޖަކީ ވެސް ފުރިހަމައަށް ލިބެންޖެހޭ އެއްޗަކަށްވުމުން، ނިދި ނުލިބޭނަމަ، ކަންކަމަށް ދޭ ސަމާލުކަން ކުޑަވެ، މަސައްކަތާއި ކިޔެވުމުގައި ހުންނަ ގާބިލްކަން ކުޑަވެގެން ދާތީ އެވެ. އަދި ފުރިހަމަ ނިދި ނުލިބުމުގެ ސަބަބުން މީހާގެ ސްޓްރެސް އިތުރުވެ، ޞިއްޙީ މައްސަލަތައް ދިމާވުމުގެ ފުރުޞަތު ބޮޑުވެގެންދާތީ އެވެ. މިސާލަކަށް ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތައް، ހިތުގެ ބައްޔާއި ސްޓްރޯކްޖެހުން، ލޭމައްޗަށްދިއުން ފަދަ މައްސަލަތަކަށް ސްޓްރެސްގެ ސަބަބުން މަގުފަހި ކުރެއެވެ.

އެނާޖީ ޑްރިންކްސް އެއްވެސް މިންވަރަކަށް ބުއިން އެދެވިގެންނުވާ ފަރާތްތައް

ހެދިފައިވާ ތަފާތު ދިރާސާތަކަށް ބަރޯސާވެ، މުޖުތަމަޢުގެ ބައެއް ފަރާތްތައް އެއް ވެސް މިންވަރަކަށް އެނާޖީ ޑްރިންކްސްގެ ބާވަތްތައް ބޭނުންނުކުރުމަށް ޞިއްޙީ ދާއިރާގެ ތަޖުރިބާ ކާރުން ލަފާދެއެވެ. އެއީ މިފަދަ މީހުންނާއި، ތަފާތު ވަކި ކަހަލަ ބަލިތައް ތަހައްމަލުކުރާ މީހުން، އެނާޖީ ޑްރިންކްސް ފަދަ ބުއިންތައް ބޭނުންކުރުމުން، އޭގެ ނޭދެވޭ އަސަރުކުރާ މިންވަރު އިތުރުވެ، ފުރާނައަށް ގެއްލުންވުމުގެ ފުރުޞަތު އެހެންމީހުންނަށްވުރެ އެފަދަ މީހުންނަށް ބޮޑުވާތީ އެވެ. މިގޮތަށް ވަކި ބަޔަކު އެއްވެސް މިންވަރަކަށް ބޭނުންނުކުރުމަށް ލަފާދީފައި ވިޔަސް، އެންމެ ރަނގަޅުގޮތަކީ އެއްވެސް މީހަކު، އެއްވެސް މިންވަރަކަށް އެނާޖީ ޑްރިންކް ބޭނުން ނުކުރުމެވެ.

އެނާޖީ ޑްރިންކްސް އެއްވެސް މިންވަރަކަށް ބޭނުންކުރުން އެދެވިގެންނުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި، ކުޑަކުދިން، މާބަނޑު މީހުންނާއި، ގާތުންދޭ މައިން، ހިތުގެ ބަލީގެ މީހުންނާއި، ހަކުރު ބަލީގެ މީހުން، ލޭމައްޗަށްދާމީހުން، ކިޑްނީ ބަލީގެ މީހުން، ފުރަމޭގެ ބަލި ހުންނަ މީހުން، ސިކުނޑީގެ ބަލިތައް ހުންނަ މީހުން، އަދި ގޮހޮރުގައި ފާރު އުފެދިފައި ހުންނަ މީހުން ފަދަ ފަރާތްތައް ހިމެނެއެވެ.

އެނާޖީ ޑްރިންކްސް އިން ގެއްލުން ލިބޭކަން އެނގޭއިރު ވެސް ބޭނުންކުރަނީ ކީއްވެ؟

އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް، ސޮފްޓް ޑްރިންކްސް ނޫނީ ކާބޮނޭޓެޑް ޑްރިންކްސްފަދަ ބުއިންތަކުން ގެއްލުން ލިބޭކަން އެނގޭއިރު ވެސް ވަރަށް ގިނަ ބަޔަކު މިފަދަ ބުއިންތައް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. މިގޮތަށްދިމާވާ މައިގަނޑު ސަބަބެއް ކަމުގައި ފާހަގަ ކުރެވެނީ ތަފާތު ބާވަތްތަކުގެ ބުއިންތައް ބާޒާރަށް ނެރެފައިވަނީ މީހުންގެ ހިތްތައް ޚާއްޞަކޮށް ޒުވާނުންގެ ހިތްތައް އެއާއި ދިމާލަށް ލައްބުވާލެވޭ ފަދަ މަންޒަރުތައް ހިމެނި ބައްޓަން ކުރެވިގެންކަމަށްވާތީ އެވެ. އަދި އެފަދަ ބުއިންތައް އިސްތިހާރު ކުރާއިރު އެއީ އެބުއިމެއް ބޭނުންކުރުމުން ހަށިގަނޑަށް ވަރަށް ބައިވަރު ހަކަތަ ލިބި، ބާރު ޖައްސައިދޭ އެއްޗެއްގެ ގޮތުގައި އެބޭނުންކުރާ މީހުންނަށް ދައްކައިދީ، އެއިން ލިބޭ ގެއްލުންތައް ފޮރުވުމަށް މަސައްކަތް ކުރެއެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ އެކިއެކި ހަރަކާތްތަކާއި، ތަފާތު ކުޅިވަރު މުބާރާތްތައް އެނާޖީ ޑްރިންކްސްގެ ބާވަތްތައް ބޭނުންކޮށްގެން ސްޕަންސަރ ކޮށް، ފުޅާ ދާއިރާއެއްގައި އިސްތިހާރު ކުރެވެއެވެ. އަދި މިފަދަ ހަރަކާތްތަކާއި، މުބާރާތްތަކުގައި ބައިވެރިވާ އެންމެންނަށް އެހަރަކާތެއްގެ ތެރޭގައި އެނާޖީ ޑްރިންކްސްގެ ބާވަތްތައް ހިލޭ ބެހުމަކީ ވެސް ކުރެވޭ އިސްތިހާރެކެވެ. ޝޯތަކާއި، ކުޅިވަރުތަކުގައި އާންމުންގެ ތެރޭގައި މަގުބޫލު ޝަޚްޞިއްޔަތުތައް އެނާޖީ ޑްރިންކްސް ފަދަ ބުއިންތައް ބޯ މަންޒަރުތައް ދެއްކުމަކީ ވެސް ކުރެވޭ އިސްތިހާރެކެވެ. ކުޅިވަރު ކުޅޭ މާހައުލުތަކާއި، ބިންތަކާއި، މީހުން އެއްވެ އުޅޭ ތަންތަނުގައި ބެހެއްޓިފައި ހުންނަ އިސްތިހާރު ތަކަކީ ވެސް މިފަދަ ބުއިންތަކަށް މީހުންގެ ހިތް ލެއްބެވުމަށް ކުރެވޭ މަސައްކަތްތަކެވެ. މިފަދަ ބުއިންތަކުގައި ހިމެނޭ ކެފެއިން ސަބަބުން އެބުއިމަކަށް ދެވިހިފުމަކީ ވެސް މިފަދަ ބުއިންތަކާ ދުރުހެލިވާން އުނދަގޫވާ ސަބަބަކަށްވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް