ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފި

ސޯލްޓް ކެފޭގައި ކުރިއަށްދާ ވޯކްޝޮޕްގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ވިޔަފާރި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ވޯކްޝޮޕެއް ފަށައިފި އެވެ.

މިއަދު ކުރިއަށްދާ ވޯކްޝޮޕްގައި 10 ވަރަކަށް ގާނޫނީ ވަކީލުންނާއި ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކައުންޓެންޓުންނާއި ވިޔަފާރި ދާއިރާގައި ފަންނީ ހިދުމަތްތައްދޭ ފަރާތްތައް ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓަރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އިސްލާހުތަކުގެ މައިގަނޑު މަގްސަދަކަށް ވަނީ ބޭރު ގައުމުތަކެކޭ އެއްފަދައިން ދިވެހިރައްޖޭގައި ރަޖިސްޓަރީ ކުރާ ކުންފުނިތަކުގެ ތެރޭގައިވެސް އެކި ބާވަތްތަކުގެ ކުންފުނިތައް އުފެއްދުން ކަމަށެވެ.

އޭގެ ތެރޭގައި ލިމިޓެޑް ލަޔަބިލިޓީ ކުންފުނިތަކާއި އަންލިމިޓެޑް ލަޔަބިލިޓީ ކުންފުނިތައް ހިމެނޭ ކަމަށް ވިސާމް ވިދާޅުވި އެވެ.

"މިހާރު އަމަލުކުރަމުން މިދާ ގާނޫނަށް ބަލައިލާއިރު، ޕްރައިވެޓް ކުންފުންޏަކުން ދަރަންޏަށް ފައިސާ ހޯދުމުގައި ދަތިތައް އެބަހުރޭ. ހަމަ އެގޮތަށް ޕަބްލިކް ކުންފުނިތަކަށް ވެސް ދަތިތައް އެބަހުރި. އަދި މިހާރު ކުންފުންޏެއް އުވާލުމުގައި މި ކުރަންޖެހޭ ކަންކަމަކީ ގިނަ ފަރާތްތަކަށް އެ އަހުލުވެރިގޮތަކަށް ހުރި ކަންކަމެއް ނޫން. އެހެންވެ މި ހުރިހާ ކަމެއް ހައްލު ލިބިގެން ގާނޫނު ފަރުމާ ކުރެވޭނެ،" ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުށަހަޅާ އިސްލާހުތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އިންވެސްޓަރުންގެ އިތުބާރު ލިބިގެންދާނެ ކަމަށާއި މުސްތަގުބަލުގައި ރަޖިސްޓްރީ ކުރާ ކުންފުނިތަކުން ގާނޫނަށް ހޭލުންތެރިވާނެ ކަމަށެވެ.

comment ކޮމެންޓް