ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ބޫޓާން އަތުން ރާއްޖެ މޮޅުވުމުގައި ޒުވާން ކުޅުންތެރުންގެ ދައުރު ބޮޑު ކަމަށާއި އެ ކުޅުންތެރިންގެ ފަރާތުން އަންނަނީ ކުރިއެރުންތަކެއް ފެންނަމުން ކަމަށް ގައުމީ ޓީމްގެ ކޯޗު ރިކީ ހާބަޓް ބުނެފިއެވެ.
ކޮލިފައިންގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ރާއްޖެ މޮޅުވީ ބޫޓާނުން ދެފަހަރު ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރައި 4-2ގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް އަހުމަދު ނާއިޒް (ދާދު) ކާމިޔާބް ކުރި ލަނޑުންނެވެ.
"މިރޭގެ މެޗަކީ އުނދަގޫ މެޗެއް. ބޫޓާންގެ ފަރާތުން ފެނުނީ ވަރަށް ތަފާތު ހައިރާންކުރަނިވި ކުޅުމެއް. ދެވަނަ ހާފްގައި ރާއްޖެއަށް ލީޑް ލިބިގެންދިޔައީ ފަހު ވަގުތު ގެނައި ދެ ބަދަލުގެ ސަބަބުން ޒުވާން ކުޅުންތެރިންގެ އެހީތެރިކަމާއި އެކު،" ހާބަޓް ބުންޏެވެ.
ކޮލިފައިންގެ ފަހު މެޗު ރާއްޖެ އިން މޮޅަކާ އެކު ނިންމާލިއިރު ރާއްޖެ ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ބޫޓާންއާ ދެކޮޅަށް ކުޅުނު ދެމެޗުން އެކަންޏެވެ.
ހާބަޓް ބުނީ، ފުރަތަމަ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗާއި އަޅައިބަލާއިރު މިރޭގެ މެޗު އުނދަގޫ ކަމަށާއި މިރޭގެ މެޗުގައި ގައުމީ ޓީމްގެ ކީޕަރު މުހައްމަދު އިމްރާންގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފް ހައްގު ކަމަށެވެ.
"އިމްރާން ގިނަ ދުވަސްތެކެއް އަނިޔާގައި ހުރެފަ އެންމެ ފަހުން ގައުމީ ޓީމް ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ވެސް އެ ވަނީ ކުޅެފައި. ނަމަވެސް އޭނާގެ ފަރާތުން އެންޖަރީއެއްގައި ހުރެފައި އައި ކަމުގެ އެއްވެސް ނިޝާނެއް ނުފެނޭ. މިރޭގެ މެޗުގައި ވެސް ވަރަށް މުހިންމު މޮޅެތި ސޭވް ތަކެއް ފެނިގެންދިޔަ،" ހާބަޓް ބުންޏެވެ.
ހާބްޓް ބުނީ، މިހާރު މިއޮތީ ޒުވާން ޓީމެއް ކަމަށާއި އެހެންކަމުން ނިކުމެދާނެ ނަތީޖާ އަކަށް އޭނާ ނުބަލާ ކަމަށާއި ބޮޑަށް އިސްކަން ދެނީ އެ ކުޅުންތެރިންނަށް ގިނަ ތަޖުރިބާތަކެއް ހޯދައި ދޭން ކަމަށެވެ.
"މި ޓީމް ލައްވާ އަހަރެން މި ކުޅޭ ސްޓައިލް އަކަށް ބަދަލެއް ނުގެންނާނަން. އަހަރެން މިކުރާ މަސަތްކަތުގެ ނަތީޖާ އަންނަނީ ފެންނަމުން. ޒުވާން ކުޅުންތެރިން އަންނަނީ ވަރަށް ރަނގަޅަށް ޓީމަށް ހޭނެމުން. ކުރިއަށް އޮތްތާންގަ ވެސް މިދަނީ ބަލަމުން ޗެލެންޖިން މެޗުތަކެއް ކުޅެން ލިބޭތޯ ބަލަމުން،" ހާބަޓް ބުންޏެވެ.