ވޯލްޑް ކަޕް ކޮލިފައިންގެ އޭސިއާ ސަރަހައްދުން ގުރޫޕް "ސީ" ގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާދަމާ ބޫޓާނާ ދެކޮޅަށް ނިކުންނައިރު ކޮލިފައިންގެ ފަހު މެޗު މޮޅަކުން ނިންމާލަން ބޭނުންވާކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފިއެވެ.
"ބޫޓާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ކާމިޔާބް ކުރެވުނަސް އެ ޓީމަކީ މިހާރު ވަރުގަދަ މޮޅު ޓީމެއް. އަމިއްލަ ދަނޑުގައި ކޮލިފައިންގެ ފަހު މެޗަށް ނިކުންނައިރު ރާއްޖެ އިން ބޭނުންވަނީ އެ މެޗު ވެސް ކާމިޔާބް ކޮށް ތިން ޕޮއިންޓާއި އެކު ނިންމާލަން،" ހާބަޓް ބުންޏެވެ.
ހާބްޓް ބުނީ އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅޭ އިރު ރާއްޖެއަށް އެޑްވާންޓޭޖް ބޮޑު ކަމަށާއި ނަމަވެސް އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންސިޕްގައި ބޫޓާން ޓީމުގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު ވެސް މާދަމާގެ މެޗު ފަސޭހައެއް ނުވާނެ ކަމަށެވެ.
"ވޭތުވެ ދިޔަ އަހަރު ތަކުގައި ރާއްޖެއިން ވަނީ ވަރަށް ގިނަ ފަހަރު ބޫޓާނާ ދެކޮޅަށް ކުޅެފައި. އެ މެޗުތަކުން ރާއްޖެ ބޮޑު ތަފާތަކުން މޮޅުވެފަ ހުރި ނަމަވެސް މިހާރު އެ ޓީމަކީ ގޮތް ނޭނގޭ ޓީމެއް. އާދައިގެ ޓީމެކޭ ނުބުނެވޭނެ،" ހާބަޓް ބުންޏެވެ.
ކޮލިފައިންގައި މިހާތަނަށް ރާއްޖެ ހަތް މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ ހަމައެކަނި ބޫޓާން އަތުން އެ ގައުމުގައި ކުޅުނު މެޗުންނެވެ. ބޫޓާން ކުޅުނު ހުރިހާ މެޗަކުން ބަލިވެ ތާވަލުގެ ފުލުގައި އޮތް އިރު ރާއްޖެ އޮތީ ތިން ޕޮއިންޓާއި އެކު ގްރޫޕްގެ ހަތަރު ވަނައިގައެވެ. އެއް ވަނައިގައި 21 ޕޮއިންޓާ އެކު ގަތަރު އޮތް އިރު ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ހޮންކޮން އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. ޗައިނާ ކުރީގައި އޮތީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ.
މާދަމާ ރޭ 21:00ގައި ރަސްމީ ބޯޅަ ދަނޑުގައި މި ދެޓީމް ނިކުންނައިރު ދެ ޓީމަށް ވެސް ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގެ ފުރުސަތު ގެއްލިފައެވެ.