އިނގިރޭސިވިލާތަށް މިހާރު އަރައިގެން އުޅޭ ތޫފާން ކެޓީގެ ސަބަބުން އެގައުމުގެ ވެރިރަށް ލަންޑަނުގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފިއެވެ.
ލަންޑަން 24 ނޫހުން ބުނީ އެރަށަށް މިއަދު ދަތުރު ކުރި 20 މަތިންދާބޯޓެއް ތޫފާނުގެ ސަބަބުން ނުޖެއްސިގެން އެހެން ރަށްރަށަށް ޑައިވާޓްކޮށްފައިވާ ކަމަށާއި 16 ދަތުރެއް ކެންސަލްވެސް ކޮށްފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބްރައިޓަންގައި ގަދަ ވައިގެ ސަބަބުން މުލުން ލާފައިވާ ގަހެއް. ފޮޓޯ: ޑެއިލީ މެއިލް
އިނގިރޭސިވިލާތުގެ މޫސުމާ ބެހޭ އިދާރާއިން މިހާރު ވަނީ އެގައުމުގެ އިރު ދެކުނުގެ ސަރަހައްދުތަކަށާއި ލަންޑަނަށް ވައި ގަދަވެފައިވާތީ އިންޒާރު ނެރެފައެވެ. އެއިދާރާއިން އިރުޝާދު ދީފައި ވަނީ ލަންޑަނަށް އެއްގަމު މަގުން ދަތުރުކުރުމުގައި ސަމާލުވުމަށާއި ލަސް ކުރެވެން އޮތް ނަމަ ދަތުރުތައް ލަސްކުރުމަށް އިރުޝާދުދީފައެވެ.
ތޫފާނުގެ ސަބަބުން ލަންޑަނަށް މިއަދު ވަނީ ގަޑިއަކު 60 މޭލުގެ ބާރުމިނުގައި ވައިޖެހިފައެވެ. އެހެންވެ، ގަސްތައް މުލުން ލުމާއި މަގުތަކުގައިވާ ބައެއް ތަކެތި ވެއްޓުން ފަދަ ހާދިސާތައް އެރަށުގައި ވަނީ ކޮންމެވެސް ވަރަކަށް ހިނގާފައެވެ. ނަމަވެސް އެފަދަ ހާދިސާއެއްގައި މީހަކު މަރުވިކަމަކަށް ނުވަތަ ޒަހަމްވީ ކަމަކަށް އަދި ރިޕޯޓެއް ނުކުރެއެވެ.