އިސްރާއީލުން އުޅެނީ ޣައްޒާގައި އެއް މިލިޔަން މީހުން ރަހީނު ކޮށްގެން: އިނގިރޭސި އެމްޕީއެއް

އެންޑްރޫ ޖޯޖް

ލަންޑަން (7 އެޕްރީލް 2025): ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށާއި އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ އެއް މިލިޔަން މީހުން ރަހީނު ކޮށްގެން އުޅޭކަމަށް އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ މެންބަރެއްކަމަށްވާ އެންޑްރޫ ޖޯޖް ވިދާޅުވެއްޖެއެވެ.

އިނގިރޭސި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން އެންޑްރޫ ޖޯޖް ވިދާޅުވީ އިސްރާއީލު ވަރުގެ ނުރައްކާތެރި ލާއިންސާނީ އަމަލުތައް ހިންގާ އަނިޔާވެރި އަދި ގާނޫނުތަކަށް ގޮންޖަހާ ގައުމެއް ދެވަނަ ބޮޑު ހަނގުރާމައަށްފަހު ފެނިފައިނުވާ ކަމުގައެވެ.

އޭނާ ވިދާޅުވިގޮތުގައި ހަމާސްއިން އިސްރާއީލުގެ މަދު އަދަދެއްގެ ބަޔަކު ރަހީނު ކޮށްގެން އުޅޭކަމަށް ބުނެ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ކޮންމެ ދުވަހަކު ގަތުލުއާންމުތައް ހިންގަމުން ގެންދާއިރު އިސްރާއީލު ސިފައިން ތިބީ ޣައްޒާގެ މިލިޔަނަކަށްވުރެ ގިނަ އާންމުން ރަހީނުކޮށްގެންނެވެ. އަދި ފަަލަސްތީނުގެ ބިންތައް ހިފައިގެންނެވެ. މިވާހަކަ ދައްކަނީ ކޮންފަރާތަކުންތޯ އެންޑްރޫ ޖޯޖް ސުވާލު ކުރެއްވިއެވެ.

ވާތުފިޔައިގެ ފިކުރުގެ ބޭފުޅެއްކަމަށްވާ ޖޯޖްއަކީ ހައުސް އޮފް ކޮމަންސްގައި އިނގިރޭސިވިލާތުގެ އެންމެ ދެކުނުގެ ޓައުން އެއްކަމަށްވާ ސެންޓް އީވެސް ތަމްސީލް ކުރައްވާ މެންބަރެކެވެ. އޭނާ ނިސްބަތްވެ ވަޑައިގަންނަވަނީ އިނގިރޭސިވިލާތުގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީކަމަށްވާ ލެބަރަލް ޑިމޮކްރެޓިކް ޕާޓީއަށެވެ.

ޖޯޖްވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ފާޅުގައި ގަތުލުއާންމު ހިންގައި އާންމުން މަރަމުން ގެންދާއިރު އިނގިރޭސި ސަރުކާރުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު ނާޅާ މައްސަލައިގައި އިނގިރޭސި ސަރުކާރަށް އެތައް ފަހަރަކު ފާޑު ވިދާޅުވެފައެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ޖެރޫސަލަމް ޕޯސްޓުންވަނީ އެންޑްރޫ ޖޯޖްގެ ވާހަކަތަކުގެ މީޑީއާ ކަވަރެޖް ގެނަސްދީފައެވެ.

ޖޯޖްގެ އިތުރުން އިނގިރޭސި ޕާލަމެންޓްގެ ލޭބާ ޕާޓީއާއި ލެބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އެތައް މެންބަރުން ގެންދަވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް އެއްވެސް ހައްގަކާނުލައި ހިންގަމުން ގެންދާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ކުށްވެރިކޮށް ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް ވެރިކަންކުރާ ލޭބާ ޕާޓީގެ ސަރުކާރުން ސިފަކުރާ ގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގަނީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ އަމަލުތަކެކެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފް ވާންވެސް އިނގިރޭސި ސަރުކާރުވަނީ ދެކޮޅު ހަދާފައެވެ. އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅަންވެސް އިނގިރޭސި އެއްވެސް ސަރުކާރަކަށް ކެރިފައެއް ނުވެއެވެ. އިސްރާއީލަށް ފަލަސްތީނުގެ ބިންތައް ޣައިރު ގާނޫނީ ގޮތުން ދިނީ އިނގިރޭސީންގެ އިސްތިއުމާރުގެ ދުވަސްވަރު އިނގިރޭސި އޭރުގެ ސަރުކާރުންނެވެ.

އިސްރާއީލުން އިއްޔެވަނީ ޕާލަމެންޓޭރިޔަނުންގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް އިސްރާއީލަށް ދިޔަ އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ ދެ މެންބަރަކު އެ ގައުމަށް ވަނުމުގެ ހުއްދަ ނުދީ އަނބުރައި އިނގިރޭސިވިލާތަށް ފޮނުވާލާފައެވެ. އެއީ ލޭބާ ޕާޓީއަށް ނިސްބަތްވާ އިނގިރޭސި ޕާލަމެންޓްގެ ދެ މެންބަރުން ކަމަށްވާ ޔުއާން ޔެންގާއި އިބްތިސާމް މުޙައްމަދެވެ.

މިދެބޭފުޅުންނަކީ އެންޑްރޫ ޖޯޖް ގޮތަށް އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކާއި އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ކުށްވެރިކޮށް ވަރަށް ގިނައިން ވާހަކަ ދައްކަވާ ދެމެންބަރުންނެވެ. މި ދެ މެންބަރުންނަކީ އިސްރާއީލުގައި ބާއްވާ ޕާލަމެންޓޭރިޔަނުންގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް އިނގިރޭސި ޕާލަމެންޓުން ފޮނުވި ވަފުދުގައި ހިމެނުނު ދެ ބޭފުޅުންނެވެ.

އިސްރާއީލުގެ މި އަމަލަށް ރައްދު ދެއްވަމުން އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވަނީ އިޒްރާއީލުގެ މިއަމަލު ކުށްވެރި ކުރައްވައި މިއީ އިސްރާއީލުން އިނގިރޭސި ދައުލަތަށް ކުރި އިހާތާނެއްކަމަށް ސިފަކުރައްވާފައެވެ.

އިނގިރޭސިވިލާތަކީ އިސްރާއީލުގެ ނަމުގައި ފަލަސްތީނުގައި ޣައިރު ގާނޫނީ ދައުލަތެއް އުފައްދައިގެން އުޅޭ ޔަހޫދީ ޒަޔަނިސްޓު މަހުޖަނުންގެ ނުފޫޒު ވަރަށް ގަދަ ގައުމެކެވެ. ޒަޔަނިސްޓުންގެ ނުފޫޒު ގަދައީ އިނގިރޭސި ސިޔާސީ ދާއިރާއާއި މާލީ އަދި ވިޔަފާރީގެ ދާއިރާ ތަކުގައެވެ.

comment ކޮމެންޓް