ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް 23 ބޭފުޅަކު ކުރިމަތިލައްވައިފި

ބްރޯޑްކޮމްގެ ފުރަތަމަ ދައުރުގައި މެމްބަރުންނާއި އެކު ރައީސް އޮފީހުގެ އޭރުގެ ޕްރެސް ސެކްޓްރީ ޒުހައިރު (މ)-- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 23 ބޭފުޅަކު ކުރިމަތިލައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ އެ ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވިއިރު 23 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. މުއާޒު ވިދާޅުވީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ނަން މިއަދު މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ކޮމިޝަނުގައި މިހާރު ހިމެނޭ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވާނެ އެވެ.

މެމްބަރުކަމުގެ ޝަރުތު:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވާ މީހެއް ކަމުގައިވުން
  • ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
  • ސިވިލް ސަވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  • ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތު އޮތް މީހަކަށް ނުވުން.

ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް އައްޔަން ކުރެވޭ މެމްބަރަކު އެ މަގާމުގައި ދެމި ހުންނާނީ އެ މެމްބަރަކު އައްޔަން ކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

comment ކޮމެންޓް