ހިތުގެ ބަލިތަކުން ރައްކާތެރިވުން

ހިތުގެ ބަލިތަކަކީ މިއަދު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އާންމުވެފައިވާ، އަދި ގިނަ ބަޔަކު ތަހައްމަލުކުރަމުންގެންދާ ބަލިތަކެއްކަން ފާހަގަ ކުރެވެއެވެ. ހިތުގެ ބަލިތަކަށް މަގުފަހިކުރާ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އޭގެތެރެއިން ބައެއް ކަންތައްތަކަކީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ނޭދެވޭ ބައެއް ކަހަލަ އާދަތަކެވެ. އެގޮތުން ހިތާއި، ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި ލޭމައްޗަށްދިއުން، ލޭގައި ހަކުރު މަތިވުން، ލޭގައި ސަރުބީ މަތިވުން، ދުންފަތުގެ އިސްތިއުމާލުކުރުން، ދުންފަތުގެ ދުމަށް ހުށަހެޅުން، ހެލިފެލިވެ އުޅުން މަދުވުމާއި، ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުން، ހަށިގަނޑު ބަރުހެލިވެ، މާބޮޑަށް ފަލަވުން، ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް އިތުރުވެ، ފިކުރުބޮޑުވުން، އަދި ކެއުންބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތައް ފަދަ ކަންތައްތައް ހިމެނެއެވެ.

ހިތުގެ ބަލިތަކަށް މަގުފަހިކުރާ މައިގަނޑު ކަންތައްތަކީ ކޮންޓްރޯލްކުރެވިދާނެ، ފަރުވާކުރެވިދާނެ، ނޫނީ ބަދަލުކުރެވިދާނެ ކަންތައްތައް ކަން އުފަލާއެކު ފާހަގަކޮށްލަންޖެހެއެވެ. މިސާލަކަށް ލޭމައްޗަށްދިއުން، ހަކުރު ބަލި ފަދަ ހާލަތްތަކަކީ ފަރުވާކޮށްގެން ކޮންޓްރޯލްކުރެވިދާނެ ކަންތައްތަކެވެ. ދިރިއުޅުމުގައި ގެންގުޅެވޭ ބައެއް ކަހަލަ ނޭދެވޭ އާދަތަކަކީ ކުޑަ މަސައްކަތަކުން ބަދަލުކުރެވިދާނެ ކަންތައްތަކެވެ. އެގޮތުން ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލާލަމާ ހިނގާށެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމާއި، ދުންފަތުގެ ދުމުން ރައްކާތެރިވުމެވެ. އާއިލާގެ ކޮންމެ މެންބަރަކީ ވެސް ދުންފަތުގެ އިސްތިއުމާލުނުކުރާ، އަދި ކޮންމެ މީހަކު ދިރިއުޅޭ ގެޔާއި ގޯތި ގެދޮރަކީ ދުންފަތުގެ ދުމުން މިންޖުކުރެވިފައިވާ މާހައުލަކަށް ހެދުމަށް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ތިމާއަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްނަމަ، އެކަން ހުއްޓާލައި، އެހެން މީހުން ވެސް ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިކުރުމަށް އެހީތެރިވެދެވިދާނެއެވެ. އަދި ތިމާއާއި، ދިރިއުޅޭ ގޯތި ގެދޮރަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްކަމުގައި ހެދިދާނެއެވެ. ގޭގައި އުޅޭ އެންމެންނަށް ގެޔާއި ގޯތި ގެދޮރުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ އިތުރުން، ގެޔަށް އައިސްގޮސްވާ ތިމާގެ މީހުންނާއި، ރައްޓަހި، ރަހުމަތްތެރިންނަށް، ތިމާ ދިރިއުޅޭ ގޯތި ގެދޮރަކީ ދުންފަތުގެ އިސްތިއުމާލުނުކުރާ ތަނެއްކަން އަންގައިދީ، އޮޅުން ފިލުވައި ދިނުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ދުރުހެލިވުމަށް ލިބިދޭ ބާރަކަށް ވެގެންދިއުމަކީ ވެސް ދުރު ކަމެއް ނޫނެވެ. ބޭރުތެރެއަށް އާއިލާ އެކު ނިކުމެ އުޅޭއިރު، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ރެސްޓޯރަންޓްތަކާއި، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ޚިޔާރު ކުރެވިދާނެއެވެ. ރެސްޓޯރަންޓް، ކެފޭ، ފަދަ ތަންތަނުގައި ތިބާ އަށް ފެންނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާނަމަ، އެކަން ހުއްޓުވުމަށް "ފަރުދީ ޒިންމާ" ނެގިދާނެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެކަމާމެދު ހިތްހަމަނުޖެހޭކަން، އެތަނުގެ މެނޭޖްމަންޓްގައި ޝަކުވާ ކުރެވިދާނެއެވެ. ދެވަނަ ކަމަކަށް އެތަނުން ނިކުމެގެން ދެވިދާނެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ އުނދަގޫ ކަމަކަށްވެދާނެއެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަންނީ އެހީ ޑޮކްޓަރުންނާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން ހޯދިދާނެއެވެ.

ގަވާއިދުން ޑޮކްޓަރަށް ދައްކައި، ލޭގެ ޕްރެޝަރު، ލޭގައި ހަކުރު ހުރި މިންވަރު، ލޭގައި ސަރުބީ ހުރި މިންވަރު ބަލަމުން ގެންދިއުމަކީ ވެސް ހިތުގެ ބަލިތަކުން ރައްކާތެރިވެ ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ލޭމައްޗަށްދިއުމާއި، ހަކުރު ބަލި، ލޭގައި ސަރުބީ މަތިވުން ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުން، ގަވާއިދުން ޑޮކްޓަރަށް ދައްކައި، ބަލި ކޮންޓްރޯލްކުރުމަށް ޑޮކްޓަރުން ލިޔެދެއްވާ ބޭސްތައް ގަވާއިދުން ބޭނުންކޮށް، ޑޮކްޓަރުން ދެއްވާ ލަފާތަކާ އެއްގޮތްވާ ގޮތަށް އަމަލުތައް ބެހެއްޓޭތޯ ބެލުމަކީ ބޭނުންތެރި ކަމެކެވެ.

ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރަށް ހިފަހައްޓޭތޯ މަސައްކަތް ކުރަންޖެހެއެވެ. ހެލިފެލިވެއުޅުމާއި، ކަސްރަތުކުރުން، އިތުރުކުރަންޖެހެއެވެ. އެގޮތުން ކޮންމެ ހަފްތާއަކު 5 ދުވަހު މަދުވެގެން 30 މިނިޓް ކޮންމެ ވެސް ކަހަލަ ކަސްރަތެއް ކުރުމަށް ވަގުތު ހުސްކުރަން ޖެހެއެވެ. ކަސްރަތުގެ ގޮތުގައި ހިނގާލުން، ދުވެލުން، ފަތާލުން ފަދަ އެމީހަކަށް ފަސޭހައިން ކޮށްލެވޭފަދަ ކަމެއް ޚިޔާރު ކުރެވިދާނެއެވެ. ހަފްތާއަކު 5 ދުވަހު ކަސްރަތު ކުރަން އުނދަގޫކަމުގައިވާނަމަ، ހަފްތާއަކު 3 ދުވަހު މަދުވެގެން ގަޑިއެއްހާއިރު ކަސްރަތު ކޮށްލެވިދާނެއެވެ. އޮފީސް ތަކުގައި މަސައްކަތްކުރައްވާ މީހުން ވެސް އަބަދު އިށީދެގެން ތިބުމުގެ ބަދަލުގައި ކޮންމެ 30 މިނިޓުން އެއްފަހަރު ތެދުވެލައި، ހަށިގަނޑު ދަމާލައި، ހިނގާލައި ހަދާލެވިދާނެ އެވެ. ބައެއް ދުވަސް ދުވަހު އޮފީހަށް ހިނގާލާފައި ދިއުމާއި، ބާޒާރުކުރަން ހިނގާފައި ދިއުމާއި، އިމާރާތްތަކަށް އަރާ ފޭބުމުގެ ލިފްޓްގެ ބަދަލުގައި ސިނޑި ޚިޔާރުކުރުމަކީ ވެސް ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކުރުމަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަންތައްތަކެވެ.

ކެއުންބުއިމުގައި ހުރި ނޭދެވޭ އާދަތައް ބަދަލުކުރަން ޖެހެއެވެ.ތެލާއި،ސަރުބީ އެކުލެވޭ ކާނާގެ ބާވަތްތަކާއި، ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާގެ ބާވަތްތައް ބޭނުންކުރުން މަދުކުރަން ޖެހެއެވެ. ޒުވާނުންނާއި، ބޮޑެތި މީހުން ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކާ، ހަކުރު އެޅި ލުއި ބުއިންތައް ބޭނުންކުރުން ހުއްޓާލަން ޖެހެއެވެ. ޖަންކު ފުޑްގެ ބާވަތްތައް ރެސްޓޯރަންޓްތަކުން ބޭނުންކުރުމުގެ ބަދަލުގައި ގޭގައި ޞިއްހީ ގޮތުން ފައިދާހުރި ކެއުންތައް ތައްޔާރުކޮށްގެން ބޭނުންކުރުން އިތުރުކުރަންޖެހެއެވެ. ކުޑަކުދިންނަށް އެނާޖީ ޑްރިންކްގެ ބާވަތްތަކާއި، ފިޒީ ޑްރިންކްގެ ބާވަތްތައް ފަދަ ހަކުރުއެޅި ބުއިންތައް ދިނުން ހުއްޓާލަންޖެހެއެވެ. ސޮސެޖު ފަދަ ޞިއްޙީ ގޮތުން ރަގަޅުނޫން ތަކެތި ކުޑަކުދިންނަށް ދިނުން ހުއްޓުވަންޖެހެއެވެ. ކެއުމުގައި ލޮނާއި، ހަކުރު ބޭނުންކުރެވޭ މިންވަރު މަދުކުރަންޖެހެއެވެ. ދުވާލެއްގެ މައްޗަށް ކެއުމުގައި ލޮނު ހިމެނޭ މިންވަރު ސައިސަމުސަލެއްގެ މިންވަރަށް މަދުކުރަން ޖެހެއެވެ. ހަކުރު މާގިނައިން އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ފޮނި ކާތަކެއްޗާއި، ލޮނު މާގިނައިން އަޅައިގެން ހަދާފައި ހުންނަ ކާބޯތަކެތީގެ ބާވަތްތައް ބޭނުންކުރުމުގައި މަދު މިންވަރެއް ނޫނީ މެދު މިންގަނޑެއް ޚިޔާރުކުރުން ބުއްދިވެރިއެވެ. ބާޒާރުން ކާބޯތަކެތި ގަންނައިރު އެތަކެތީގައި ހަކުރު ހުންނަ މިންވަރު ބަލާފައި ގަތުމަކީ މުހިއްމު ކަމެކެވެ.

މޭވާއާއި ތަރުކާރީ ފަދަ ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުން އިތުރުކުރަންޖެހެއެވެ. އެގޮތުން ދުވާލަކު މަދުވެގެން މޭވާއާއި ތަރުކާރީގެ ބާވަތްތައް ހިމެނޭ 5 ބައި ކެއުމުގައި ހިމެނޭތޯ ބަލަންޖެހެއެވެ. މިތަނުގައި "ބައި" މާނަކޮށްފައިމިވަނީ އަތްގޮށްޓެއްހާ އެއްޗިއްސަށެވެ. ނުވަތަ މުށެއްގެ މިންވަރަށެވެ. މިސާލަކަށް މެދު ސައިޒުގެ އާފަލެއް، އޮރެންޖެއް، ނޫނީ ދޮންކެޔޮ ވަކެއް އެއީ "އަތްގޮށްޓެއް"، ނޫނީ"މުށެއް"ހާ އެއްޗިހި ކަމުގައި ބެލިދާނެއެވެ. ކޮށާފައި ހުންނަ ރޯތަރުކާރީ ޖޯޑަކީ މުށެއްހާ އެއްޗިހި ކަމުގައި ބެލިދާނެއެވެ. ދުވާލުގެ ވަގުތުތަކަށް ބަހާލައިގެން މިގޮތަށް ކެއުމުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހިމެނުމަކީ އެހާ އުދަނގޫ ކަމެއް ނޫނެވެ. މިސާލަކަށް ހެދުނުގެ ނާސްތާގައި ދޮންކެޔޮ ވަކަކާއި، އޮރެންޖެއް ފަދަ އެއްޗެއް ހިމެނުމާއި، މެންދުރުގެ ކެއުމުގައި ކޮންމެވެސް ކަހަލަ ފަތުގެ ބާވަތެއް، އަދި ކިއުކަމްބާ ނޫނީ ކެރެޓް ފަދަ ބާވަތެއް ބޭނުންކުރުމުން، ދުވާލެއްގެ މައްޗަށް ކެއުމަށް ލަފާދޭ މިންވަރުން (5 ބައިން) ބޮޑު ބައެއް ބޭނުންކުރެވުނީ އެވެ.

ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ކުޑަކޮށް، ފިކުރުތަކާ ދުރުހެލިވެވޭތޯ މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން ފަރުޟު ފަސްނަމާދު ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުން ފަދަ ދީނީ އަޅުކަންތަކަށް އިސްކަންދިނުމަކީ ފިކުރުތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންތައްތައްކަން ފާހަގަކޮށްލެއެވެ. ގަވާއިދުން ކަސްރަތު ކުރުމަކީ ވެސް ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ކުޑަކޮށް ފިކުރުތަކާ ދުރުހެލިކޮށްދޭނެ ކަމެކެވެ.

ކުޑަކުދިންނަށް ރަގަޅު ޞިއްޙީ އާދަތައް ދަސްކޮށްދީ، އަށަގެންނެވުމަކީ ބޮޑުވުމުން އެކުދިންނަށް ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރެވޭނެ ކަމެކެވެ. ކުޑަ ކުދިންނާއި، ފުރާވަރުގެ ކުދިންނާއި، ޒުވާނުންނަށް ވެސް ޞިއްހީ ގޮތުން ރަނގަޅު އާދަތައް އޮޅުންފިލުވައިދީ، އެކަންކަން އާދަކުރުމަށް ފަރިތަކުރުވަންޖެހެއެވެ. އެހެންކަމުން ދުޅަހެޔޮ މުޖުތަމެއް ބިނާކޮށް، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ހިތުގެ ބަލިތަކަށް މަގުފަހިކުރާ އެންމެހާ ކަންތައްތަކުން ދުރުހެލިވުމަށް މަސައްކަތް ކުރަން ޖެހެއެވެ.

ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ، ނަފްސާނީ، އަދި މާލީ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ހުރިހާ ގައުމުތަކެއްގެ ސަރުކާރުތަކާ، މުޖުތަމަޢުތަކާ، އާއިލާތައް، އަދި ވަކިވަކިފަރުދުން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. ކޮންމެ މީހަކަށްމެ، އެމީހަކާ، އެމީހެއްގެ އާއިލާ މިފަދަ ބަލިތަކަށް މަގުފަހިކުރުވާ ކަންތައްތަކާ ދުރުހެލިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރެވިދާނެއެވެ. މުސްތަގުބަލްގައި ހުރިހާ އެންމެންގެ ހިތުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވަގުތުން މަސައްކަތްތަކެއް ފަށަންޖެހެއެވެ. އެހެނީ ދުޅަހެޔޮ މީހުންތަކެއް ބިނާކުރެވިއްޖެނަމަ، އާއިލާތަކާ، މުޖުތަމަޢުތަކުގެ ދުޅަހެޔޮކަން ވެސް އިތުރުވެގެންދާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް