ތޭރަ އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުން، ރާއްޖެއާ މެދު ބޭރު ދުނިޔޭގައި ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ އެއްވެސް މައްސަލައެއް ހައްލު ނުވާނެ ކަމަށް ބޭރުގެ ދެ މާހިރުން ބުނެފި އެވެ.
ވެސްޓާން ސިޑްނީ ޔުނިވާސިޓީގައި އިންޓަނޭޝަނަލް އެފެއާޒްގެ ޕްރޮފެސަރެއްގެ ގޮތުގައި ވަޒީފާ އަދާކުރައްވާ ޕްރޮފެސާ މައިކަލް ކެނެޑީ، ބްލޫމްބާގް ބިޒްނަސް ނޫހަށް ވިދާޅުވީ، ރާއްޖެއަކީ ރައީސް ނަޝީދުގެ ވަކީލުން ވިދާޅުވާ ފަދަ "ބަނާނާ ރިޕަބްލިކް"އެއް ނޫނެ ކަމަށެވެ.
"އެއީ ހުދުމުހުތާރު ވެރިކަމެއްގެ އަސަރުތަކުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ރަނގަޅު ޑިމޮކްރަސީއެއް. އެ ގައުމަށް ދުނިޔޭގައި ލިބެމުންދާ ބަހުގެެ ހަމަލާތަކަށް ބަލާ އިރުވެސް، އެއީ ރައްކާތެރި މަންޒިލެއް. އަދި އެގައުމުގައި އޮންނަނީ މެދުމިނުގެ އިސްލާމީ ނިޒާމެއް،" ރައީސް ނަޝީދުގެ ވަކީލުން އާންމުކޮށް ރާއްޖެއާ ދެކޮޅަށް ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ޕްރޮފެސަރ ކެނެޑީ ވިދާޅުވި އެވެ.
ކެނެޑީ އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ހުދުމުހުތާރު ގައުމެއްގެ ގޮތުގައި، ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަމާލް ކްލޫނީ ސިފަ ކުރައްވާ ކުރެއްވުމުން ދިވެހި ރާއްޖޭގެ އިގްތިސާދަށް ގެއްލުން ދެނެވި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޕްރޮފެސަރ ކެނެޑީގެ އިތުރުން، އޮބްސާވާ ރީސާޗް ފައުންޑޭޝަންގެ ފަރާތުން ޗެންނާއީގައި ހުންނަ އެނެލިސްޓް ސަތިޔާ މޫރުތީ ވިދާޅުވީ، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، ސިޔާސީ މަގްސަދެއްގައި ޖަލަށް ލާފައިވާ، އެއްވެސް ކުށެއް ނުކުރައްވާ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނުގެ ވަކީލުން ސިފަ ކުރައްވަމުން ގެންދާނަމަ، ރާއްޖޭގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް ގުޅިގެން ސިޔާސީ ހައްލެއް ގެނައުމަށް ހުރަސް އެޅޭ ކަމަށެވެ.
"ރާއްޖެ ވަނީ ދެ ފަރާތުން ދެފަޅި ވެފައި. ރާއްޖޭގެ ކަންކަމުގައި ބައިނަލްއަގްވާމީ މުޖުތަމައުން ބަސް ކިޔައި، އަމަލު ކުރަން ޖެހޭނީ ވަރަށް ފަރުވާތެރި ކަމާއި އެކު،" މޫރުތީ ވިދާޅުވި އެވެ.