ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީން ބައިވެރި ނުވުމުން އެ ޕާޓީއަށް އޭޕީޕީޖީއިން ފާޑު ކިޔައިފި

އޭޕީޕީޖީގެ ވަފުދުގެ ބޭފުޅުން ރައީސް ޔާމީނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ރައީސް އޮފީސް

ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ދިވެހި ސަރުކާރުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުން، އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއިން ގަބޫލު ނުކުރުމުން، އެކަަމަށް އިނގިރޭސި ވިލާތުގެ އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕުން ފާޑު ކިޔައިފި އެވެ.

އިނގިރޭސި އޭޕީޕީޖީއިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. އަދި އެ ޒިޔާރަތުގައި އެ ގްރޫޕުން ވަނީ ދިވެހި ސަރުކާރުގެ އިސްވެރިންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ.

އެ ގްރޫޕުގެ ރިޕޯޓުގައި ބުނެފައި ވަނީ، ސަރުކާރުން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށް ހުށަހެޅި ހުށަހެޅުމަށް އަދާލަތު ޕާޓީން މަރުހަބާ ކީ ކަމަށެވެ. އަދި އޯލް ޕާޓީ ޓޯކްސްއަކީ އެ ޕާޓީގެ ހުށަހެޅުމެއް ކަމަށް ވެސް އެ ޕާޓީއިން ބުނި ކަމަށް އޭޕީޕީޖީގެ ރިޕޯޓުގައި ވެ އެވެ.

އަދާލަތު ޕާޓީގެ އިތުރުން، އިދިކޮޅު އެމްޑީޕީއިން ވެސް ސަރުކާރުގެ ހުށަހެޅުމަށް މަރުހަބާ ކީ ކަމަށާއި، އެ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް އެމްޑީޕީއިން އެންމެ ފުރަތަމަ ބުނި ކަމަށް އޭޕީޕީޖީގެ ރިޕޯޓުގައި ފާހަގަ ކުރި އެވެ. އެހެން ނަމަވެސް އޭގެ 24 ގަޑި އިރު ނުވަނީސް، އެމްޑީޕީއިން އެ ނިންމުން އަނބުރައި ގެންދިޔަ ކަމަށް އޭޕީޕީޖީގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

"އެމްޑީޕީއިން ފަހުން ބުނީ، ޖަލުގައި ތިބި ސިޔާސީ ހުރިހާ ބޭފުޅުން މިނިވަންކޮށް، ސިޔާސީ ބޭފުޅުންނާ ދެކޮޅަށް އުފުލިފައި ހުރި ދައުވާތައް އަނބުރައި ގެންދިއުމުން ނޫނީ މަޝްވަރާ ތަކުގައި ބައިވެރި ނުވާނެ ކަމަށް،" އޭޕީޕީޖީއިން ބުނެފައި ވެ އެވެ.

އޭޕީޕީޖީއިން ބުނީ، މިއީ ފާހަގަ ކޮށްލެވޭ ޑިމާންޑެއް ކަމަށާއި، ސަބަބަކީ މިއީ ޖަލުގައި މިހާރު ތިބި ގިނަ ގައިދީންނާއި ޝަރީއަތުގެ މަރުހަލާގައި ވެސް މިވަގުތު ތިބި ގިނަ ބަޔަކަށް އެކަމުގެ އަސަރު ކުރުވާނެ ކަމަކަށް ވުން ކަމަށެވެ.

އެހެން ނަމަވެސް، ސަރުކާރާ އެކު ކުރާ މަޝްވަރާތަކަކީ، ޖަލުގައި ތިއްބެވި ސިޔާސީ ކުށްވެރިންތަކަކާ ބެހޭ މަޝްވަރާތަކަކަށް ވެފައި، އެކަމާ މަޝްވަރާ ކުރެވުމުގެ ކުރިން އެންމެން ދޫކޮށްލުމަކީ ޝަރުތެއް ކަމުގައި ހެދުމަކީ އިޚްލާސްތެރި ސިފައެއް ނޫން ކަމަށް އޭޕީޕީޖީއިން ބުންޏެވެ.

comment ކޮމެންޓް