އިނގިރޭސި ވިލާތުގެ އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕުން މިދިޔަ ފެބްރުއަރީ މަހު ދިވެހި ރާއްޖެއަށް ކުރި ދަތުރުގައި، އިދިކޮޅު ސިޔާސީ ފަރާތްތަކާ ބައްދަލުކުރި އިރު، އޭގެ ތެރެއިން އެއް ބޭފުޅަކާ ބައްދަލު ކުރި ތަނަކީ ދިވެހި ސަރުކާރުން ބަގުކޮށްފައި ހުރި ތަނެއް ކަމަށް އެ ބޭފުޅާ ވިދާޅުވި ކަމަށް، އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕުން ބުނެފި އެވެ.
ރާއްޖެއަށް ކުރި ދަތުރާއި ބެހޭގޮތުން އެ ޕާޓީއިން އެކުލަވައިލި ރިޕޯޓުގައި، އެ ޕާޓީއިން ބުނެފައިވަނީ، ރާއްޖޭގެ ރަސްމީ އިދިކޮޅު ޕާޓީތަކާ އެ ގްރޫޕުން ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތައް ރަނގަޅަށް އަޑު އެހި ކަމަށެވެ.
އޭޕީޕީޖީއިން ބުނީ، ރާއްޖޭގެ އިދިކޮޅު ޕާޓީއެއްގެ އިސް ސަފުގައި ހަރަކާތްތެރިވި އެއް ބޭފުޅަކާ ބައްދަލު ކުރަމުން ދިޔަ އިރު، އެ ބައްދަލުވުން ހިނގަމުން ދިޔަ ކޮޓަރީގައި ދައްކަމުން ދިޔަ ވާހަކަތައް ދިވެހި ސަރުކާރުން އަޑު އަހަމުން ގެންދިޔަ ކަމަށް އެ ބޭފުޅަކު ވިދާޅުވި ކަމަށެވެ.
ނަމަވެސް އެ ބޭފުޅާގެ ނަމާއި އެބޭފުޅާ ނިސްބަތްވާ ޕާޓީއެއް، އޭޕީޕީޖީގެ ރިޕޯޓުގައި ފާހަގަ ކޮށްފައެއް ނުވެ އެވެ.
މިކަމަކީ ހަގީގަތެއް ކަމުގައިވާ ނަމަ، ސެކިއުރިޓީ މާހިރެއް ގެނެސް، އެތަނުގައި ބަހައްޓާފައި ހުރި ބަގު ހޯދައި، ދިވެހި ސަރުކާރުން މި ބައްދަލުވުންތައް ސިއްރުން އަޑު އަހަމުން ދިޔަ ކަން "އާންމުންގެ ކުރިމަތީގައި ބޭޒާރު ކޮށްލުމަށް" އޭޕީޕީޖީއިން ހުށަހެޅި ކަމަށް އެ ގްރޫޕުގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.
"އެހެން ނަމަވެސް އެބޭފުޅާ އަޅުގަނޑުމެންގެ ހުށަހެޅުން ގަބޫލެއް ނުކުރި. އެބޭފުޅާ ވިދާޅުވީ، އެބޭފުޅާގެ ބައްދަލުވުންތައް ބަގު ކުރުމަކީ އެބޭފުޅާ އެދޭ ގޮތް ކަމަށާއި، ސަބަބަކީ އެއީ ދިވެހި ސަރުކާރާއި ސީދާ ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތަކަށް ވުން ކަމަށް،" އޭޕީޕީޖީގެ ރިޕޯޓުގައި އެ ގްރޫޕުން ބުންޏެވެ.
ބްރިޓިޝް އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕުން ބުނީ، އަމިއްލަ ނަފްސަށް އިހްތިރާމް ކުރާ ފަރާތަކުން، ބަޔަކު ބަގު ކުރާކަން އެނގިހުރެ ތަނެއްގައި މަޑު ކޮށްގެން ވާހަކަ ދައްކަމުން ނުދާނެ ކަމަށެވެ. އަދި މިއީ ގަބޫލު ކުރަން ވެސް ވަރަށް ދަތިވި ވާހަކައެއް ކަމަށް ވެސް އޭޕީޕީޖީއިން ބުންޏެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފުށީ ޖަލުގައި ހުންނެވި އިރު އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި އެމަނިކުފާނުގެ ޤާނޫނީ ވަކީލާ އަމާލް ކްލޫނީއާއި، ޤަނޫނީ ވަކީލު ޖޭރެޑް ޖެންސާ ވެސް ވަނީ، އެބޭފުޅުން ރައީސް ނަޝީދާއި އެކު ޖަލުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ސިއްރުން އަޑު އެހި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ވަކީލު ޖޭރެޑް ޖެންސާ ބީބީސީއަށް ވިދާޅުވި ގޮތުގައި، ވަކީލުން ރައީސް ނަޝީދާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވި ވަރަށް މުހިންމު މައުލޫމާތެއް، އެ ބައްދަލުވުން ނިމުމަށް ފަހު ބޭރު ފަރާތަކަށް ފެތުރުނު ކަމަށާއި، އެކަން އެނގުނީ މީހަކު، ރައީސް ނަޝީދު އަނބިކަނބަލުން ލައިލާ އަލީއަށް ފޯނުން ގުޅުއްވައި އެވާހަކަ ހިއްސާ ކުރެއްވުމުން ކަމަށެވެ.
އެހެން ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ، ޖަލުގައި ވަކީލުން ރައީސް ނަޝީދާއި ބައްދަލު ކުރެއްވި ކޮޓަރި ބަގު ކޮށްފައިވާ ކަމަށް ދެކެވުނު ވާހަކަތައް ދޮގު ކޮށްފަ އެވެ.