ބައިނަލްއަގްވާމީ ފެނުގެ ދުވަސް: ފެނާއި މަސައްކަތް

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އެ ކުންފުނީގެ ލެބޯޓްރީގައި ފެން ތަހުލީލުކުރުމުގައި: ސާފު އަދި ރައްކާތެރި ބޯފެން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރައްވާ --- ފޮޓޯ އެމްޑަބްލިޔުއެސްސީ

22 މާރިޗް އަކީ ކޮންމެ އަހަރަކުވެސް އެމް.ޑަބްލިޔު.އެސް.ސީ.އިން ކުލަގަދަ ގޮތެއްގައި ފާހަގަކުރާ ދުވަހެކެވެ. މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤުވާމީ ފެނުގެ ދުވަހެވެ.

މިއަހަރުގެ ފެނުގެ ދުވަސް ފާހަގަކުރަމުންދާއިރު، އ.ދ.އިން 2016 ވަނަ އަހަރަށް ކަނޑައަޅާފައިވާ ފެނުގެ ދުވަހާ ގުޅޭ ޝިޔާރަކީ "ފެނާއި ވަޒީފާ" (Water and Jobs)މިއެވެ. ފެނާއި މަސައްކަތް އެކި ގޮތްގޮތަށް މާނަކުރެވިގެންދެއެވެ. އެއީ ރައްކާތެރި ބޯފެން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކުރެވޭ ގިނަގުނަ މަސައްކަތާއި، މަސައްކަތްކުރުމުގަޔާއި އެކި ވަޒީފާތަކުގައި ފެނުގެ ދައުރުގެ މުހިއްމުކަމެވެ. މިގޮތުން، ފެނުގެ ދުވަހުގެ މިޝިޔާރަށް ހޭލުންތެރިކުރުވުމަށްޓަކައި އ.ދ. އިން ވަނީ ތަފާތު ތީމްތަކެއްވެސް ކަނޑައަޅާފައެވެ. މީގެ ތެރޭގައި، ފެނަކީ މަސައްކަތް، ފެނަކީ ބަދަލު އަދި ފެނަކީ ފަންނު، މިފަދަ ފެނުގެ ހޭލުންތެރިކުރުވުމުގެ ތީމްތަކެއް ހިމެނެއެވެ.

ކުއްޖަކު އިސްކުރެއްގެ އެހީގައި ފެންބޮނީ: މި އަހަރުގެ ފެނުގެ ދުވަހުގެ ޝިޔާރަކީ "ފެނާއި ވަޒީފާ" --- ފޮޓޯ އެމްޑަބްލިޔުއެސްސީ

ފެނަކީ ބަދަލެއް #WaterisChange

އެމް.ޑަބްލިޔު.އެސް.ސީ ވުޖޫދަށް އައިސްފައިވަނީ 1995ގެ ތެރޭގައި މާލެއަށް ދިމާވި ބޯފެނުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ މަޤްސަދުގައެވެ. އެހިސާބުން ފެށިގެން، އެމް.ޑަބްލިޔު.އެސް.ސީ.އިން ފަސްނުޖެހި ރައްޔިތުންނާ ހަމައަށް ސާފުބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ވަނީ ކުރިޔަށް ގެންގޮސްފައެވެ. ފެނުގެ ވަސީލަތްތައް މަދު ޤައުމަކަށް ވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ މަސައްކަތް ފުޅާކޮށް ޚިދުމަތް ތަރައްޤީކުރުމުގައި މެދުނުކެނޑުމެއްނެތި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ތަރައްޤީގެ ގިނަ އޮޅިތަކެއް ގިރާކުރަމުންއައިސް، މިއަދު އެމް.ޑަބްލިޔު.އެސް.ސީ އަކީ މާލެ ހިމެނޭގޮތުން ރާއްޖޭގެ 8 ރަށެއްގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން މަގުމަތި ސާފުކުރުމުގެ ހަރަކާތެއްގައި --- ފޮޓޯ އެމްޑަބްލިޔުއެސްސީ

ފެނަކީ މަސައްކަތް #WaterisWork

ކުންފުނިން ފެނުގެ ދާއިރާގައި ހޯދާފައިވާ ތަރައްޤީއަށް ނަޒަރު ހިންގާލާއިރު، އެމް.ޑަބްލިޔު.އެސް.ސީ.ގެ 20 އަހަރު ދުވަހުގެ އެންޖިނިއަރިންގ ތަޖުރިބާގެ އެހީގައި، މިއަދު މި ކުންފުންޏަކީ ރާއްޖޭގައި ފެނުގެ މަޝްރޫޢުތައް ހިންގާ އެންމެ ބޮޑު އެއް ކޮންޓްރެކްޓަރެވެ. މިގޮތުން، ރަށްރަށުގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ ގިނަ މަޝްރޫޢުތަކުގައި އެމް.ޑަބްލިޔު.އެސް.ސީ.ގެ ބޮޑު ހިއްސާއެއް އޮންނަކަން ފާހަގަކޮށްލެވެއެވެ.

އެމްޑަބްލިޔުއެސްސީ ގެ މުވައްޒަފުން ޕްރޮޖެކްޓެއްގެ މަސައްކަތުގައި: ސާފުބޯފެން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑެތި މަޝްރޫއުތަކެއް އެ ކުންފުނިން އަންނަނީ ހިންގަމުން --- ފޮޓޯ އެމްޑަބްލިޔުއެސްސީ

ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫއުތަކުގެ ތެރެއިން މިދިޔަ ދެއަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމްގެ 25 މަޝްރޫއެއްގެ ތެރެއިން %80 މަސައްކަތް ކޮންޓްރެކް އުސޫލުން އެމް.ޑަބްލިޔު.އެސްސީ އިން ދަނީ ކުރަމުންނެވެ. މިހިނގާ ކޮންމެ މަޝްރޫއަކީވެސް ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެކަމެކެވެ.

ފެނަކީ ފަންނު #WaterisArt

ސާފު ބޯފެނަށް ހޭލުންތެރިކުރުވައި ކުޑަކުދިން އެކަމަށް އަހުލުވެރިކުރުވުމަށް، "ފެނަކީ ފަންނު"ގެ ޝިޔާރަށް ޚާއްސަކޮށް ކުރެހުމުގެ ހަރަކާތްތަކެއް ހިމެނޭ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ހަމަޖައްސާފައެވެ. މިހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 މާރިޗުވާ 2016 ވަނަ ދުވަސްވާ ހުކުރު ދުވަހު ރަސްފަންނުގައެވެ.

ސާފު ބޯފެނަށް ހޭލުންތެރިކުރުވައި ކުޑަކުދިން އެކަމަށް އަހުލުވެރިކުރުވުމަށް އެމްޑަބްލިޔުއެސްސީން ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ އެމްޑަބްލިޔުއެސްސީ

ފެނުގެ ދުވަހުގެ ޚާއްސަ އިންސްޓްގްރާމް މުބާރާތް

މިއަހަރުގެ ފެނުގެ ދުވަހުގެ ޝިޔާރާ ގުޅޭ ގޮތުން ޢާންމުން ހޭލުންތެރިކުރުމުގެ ގޮތުން އެމް.ޑަބްލިޔު.އެސް.ސީ އިން މިދުވަހާ ގުޅިގެން އިންސްޓާގްރާމް ފޮޓޯ މުބާރާތެއް ވަނީ ހުޅުވާލައިފައެވެ. މި ފޮޓޯ މުބާރާތުގެ މައިގަނޑު މަޤްސަދަކީ މިއަހަރުގެ ފެނުގެ ދުވަހުގެ ޝިޔާރާ ގުޅުން ހުރި އެކި އެކި ކަންކަމަށް ރައްޔިތުންގެ ލޯ ހުޅުވުމެވެ. ވުމާއެކު، މި ފޮޓޯ މުބާރާތަކީ ރައްކާތެރި ސާފުބޯފެނަށް ރައްޔިތުން ހޭލުންތެރިކަން އިތުކޮށްދޭނެ ނުވަތަ މިފަދަ ކަންކަމާ ދޭތެރޭގައި ރައްޔިތުންގެ ވިސްނުން ފުޅާކޮށްދޭނެކަމެއްކަމުގައި ދެކެމެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އެ ކުންފުނން ބޭއްވި ހޭލުންތެރިކުރުވުމުގެ ހަރަކާތެއްގައި: ފެން ރައްކާތެރި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑަބްލިޔުއެސްސީން ގިނަ މަސައްކަތްތަކެއް ކުރައްވާ --- ފޮޓޯ އެމްޑަބްލިޔުއެސްސީ

ރައްކާތެރި ފެން އެންމެންނަށް، އަބަދުވެސް

"ރައްކާތެރި ފެން އެންމެންނަށް، އަބަދުވެސް"، މިޝިއާރުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީ.އިން 1995 އިން ފެށިގެން ދަނީ ރައްކާތެރި ސާފު ބޯފެން ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. އަދި ރައްކާތެރި ސާފު ފެން ބޭނުންކުރުމުގެ މުޙިއްމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުވައި، ނުސާފު ފެން ބޭނުންކުރުމުގެ ނުރައްކަލާއި ނުސާފުފެން ބޭނުން ނުކުރުމަށް އިލްތިމާސްކުރުމުގެ ގޮތުން ގިނަ ޙަރަކާތްތަކެއް ކުންފުނިން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދެވެއެވެ.

އެމް.ޑަބްލޔު.އެސް.ސީ.އިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ، އަދި ކުންފުނީގެ މިޝަންއަކީ ވެސް، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްސާކޮށް ދިވެހި ރައްޔިތުންގެ ދިރިއުޅުން އަދަށްވުރެ ފާގަތިކޮށްދިނުމެވެ.

ނޯޓު: އިންސްޓަގްރާމް މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު www.mwsc.com.mv

MWSC Social Media Accounts

Facebook/MWSC.mv

Twitter: @MWSC_Official

Instagram: @MWSC_mv

އެމްޑަބްލިޔުއެސްސީގެ އެކި ދާއިރާގެ ބައެއް މުވައްޒަފުން --- ފޮޓޯ އެމްޑަބްލިޔުއެސްސީ

comment ކޮމެންޓް