އުފަންވުމުގައި ހިތުގެ ބަލި ހުންނަ ކުދިން ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކޭމްޕު ފަށައިފި

ރިކޯޑެއް ހެދުމަށް ޓައިނީ ހާޓްސް އިން ހިންގި ހަރަކާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ

އުފަންވުމުގައި ހިތުގެ ބަލި ހުންނަ ކުދިން ޑޮކްޓަރަށް ދެއްކުމަށް ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކެއާ ފޯ ޓައިނީ ހާޓްސްގެ އަށް ވަނަ ކޭމްޕް ފަށައިފި އެވެ.

"ކެއާ ފޯ ޓައިނީ ހާޓްސް 2016" ގެ ނަމުގައި އިއްޔެ ފެށި އެ ކޭމްޕަކީ އައިޖީއެމްއެޗް އާއި ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ޓައިނީ ހާޓްސް އިން ބުނީ، މި ފަހަރުގެ ކޭމްޕުގައިވެސް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ހިތުގެ ހާއްސަ ދެ ޑޮކްޓަރުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ހިތުގެ ބަލިތަކުގެ ޑޮކްޓަރުންނަށް ކުދިން ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހަމައެއާއެކު، މި ފަހަރުގެ ކޭމްޕުގައި 170 ކުދިންނަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ފަހުކޮށްދިނުމަކީ އެ ޖަމިއްޔާގެ އަމާޒު ކަމަށްވެސް ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން ބުނެ އެވެ.

ހަމައެހެންމެ، ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް ހާއްސަކޮށްގެން ފީޓަލް އިކޯ ވޯކްޝޮޕެއް ވެސް ހިންގާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. އެގޮތުން މި ދިޔަ ހޮނިހިރު ދުވަހު ހިންގި އެ ވޯކްޝޮޕަކީ، މާބަނޑު މީހުންގެ ބަނޑުގައިވާ ދަރިފުޅުގެ ހިތުގެ މައްސަލައެއް ހުރިތޯ ބަލައި އެކަމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގި ވޯކްޝޮޕެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން ވަނީ ފާއިތުވި ހަތް އަހަރު ދުވަހުވެސް، އުފަންވުމުގައި ހިތުގެ ބަލި ހުންނަ ކުދިން ޑޮކްޓަރަށް ދެއްކުމުގެ ޕްރޮގުރާމްތައް ހިންގާފަ އެވެ. އަދި މިއަދާ ހަމައަށް 430 ކުދިން ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

comment ކޮމެންޓް