ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިކުރާ ކަންތައްތައް

ހިތުގެ ބަލިތަކަކީ ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް އާންމު ބަލިތަކެކެވެ. މިއީ ކޮންމެ ނަސްލެއް، ކޮންމެ ޖިންސެއް، އަދި ކޮންމެ އުމުރު ފުރާއެއްގެ މީހަކަށް ވެސް ޖެހިދާނެ ބަލިތަކެކެވެ. މިފަދަ ބަލިތަކުގައި ޅައުމުރުގައި މީހުން ދުނިޔެ ދޫކޮށް ދާކަން ފާހަގަކުރެވެއެވެ. ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށް ވެސް މިފަދަ ބަލިތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ދިވެހިރާއްޖޭގައި ވެސް ހިތުގެ ބަލިތަކުގެ ނިސްބަތް އިތުރުވަމުން ދާކަން ފާހަގަ ކުރެވެއެވެ.

ބޮޑެތި މީހުންނަށްޖެހޭ ވަރަށް ގިނަ ބަލިތައް މޫލައި ފެށިގެން ދަނީ ފުރާވަރުގެ ދުވަސްވަރުގައެވެ. އަދި އެފަދަ ބަލިތަކުގައި އެމީހެއްގެ އުމުރާއަޅާ ބަލާއިރު މާއަވަހަށް ދުނިޔެދޫކުރާކަން ފާހަގަކުރެވެއެވެ. ކުޑަކުދިން ގިނަ ފަހަރު ޞިއްޙީ އާދަތައް ގެންގުޅެން ފަށަނީ ބޮޑެތި މީހުން ދައްކާ ގޮތަކަށެވެ. އެހެންކަމުން ކުޑަކުދިންނަށް ރަގަޅު ޞިއްޙީ އާދަތައް ދަސްކޮށްދީ، އަށަގެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ބޮޑުވުމުން އެކުދިންނަށް ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރެވޭނެ ކަމެކެވެ.

ދުނިޔޭގެ އެންމެ ގިނައިން މީހުން މަރުވަނީ ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތަކުގެ ސަބަބުންނެވެ. އެގޮތުން ކޮންމެ 10 މީހުންގެ ތެރެއިން 3 މީހުން މަރުވަނީ ހިތާއި، ލޭހޮޅިތަކަށްޖެހޭ ބަލިތަކުގައެވެ. ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގައި މިހާރު، އަހަރަކު 17.3 މިލިޔަން މީހުން ދުނިޔެ ދޫކުރެއެވެ. ދުނިޔޭގައި ހިތާއި ލޭހޮޅިތައްޖެހޭ ބަލިތަކުގައި އަހަރަކު 8.6 މިލިޔަން އަންހެނުން މަރުވެއެވެ. ކޮންމެ އަހަރަކު މަރުވާ އަންހެނުންގެ ތެރެއިން ކޮންމެ 3 މީހުންގެ ތެރެއިން އެކަކު މަރުވަނީ ހިތުގެ ބަލިތައް ޖެހިގެންނެވެ.

ދިވެހިރާއްޖޭގެ 2014 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ދިވެހިރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ ގައިންގަޔަށްނާރާ ބަލިތަކުގައެވެ. އެއީ ގާތްގަނޑަކަށް %80 އެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން (%39 މީހުން) މަރުވެފައިވަނީ ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގެ ސަބަބުންނެވެ.

ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކަކީ ކޮބައިކަން ބަލައިލުމުގެ ކުރިން ހިތުގެ ބަލިތަކުގެ ސަބަބުން ދިމާވެދާނެ އާންމު އަލާމާތްތަކަކީ ކޮބައިތޯ އެނގުން މުހިއްމެވެ. އެގޮތުން ހިތުގެ ބަލިތައް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭގައި ރިހުން، ނޭވާކުރުވެ، ނޭވާލާން އުނދަގޫވުން، ހިތުގެ ވިންދު އަވަސްވުން، ދާހިއްލުން، މޫނު މައްޗަށް އަނދިރިވުން، ވަރުބަލިވެ ވަރުދެރަވުން، ބޯއެނބުރުން، ހޮޑުލުން، އަދި އަނބުރައިގަތުން ފަދަ ކަންތައްތައް ހިމެނެއެވެ. މިއީ އާންމުކޮށް ފެންނަ އަލާމާތްތައް ކަމުގައި ވިޔަސް އެހެން ބައެއް އަލާމާތްތައް ފެނުމަކީ ވެސް ދުރުގައިވާ ކަމެއް ނޫނެވެ.

ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އޭގެތެރެއިން ބައެއް ކަންތައްތަކަކީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ނޭދެވޭ ބައެއް ކަހަލަ އާދަތަކެވެ. އެގޮތުން ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ.

އަހަރެމެން ދިވެހިންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ލޭމައްޗަށްދިއުން، ހަކުރު ބަލި، އަދި ސަރުބީ މަތިވުން ފަދަ ހާލަތްތަކަށް ނުވަތަ ބަލިތަކަށް ބޭސް ބޭނުންކުރަމުން ގެންދާ މީހުންނެވެ. މިދެންނެވި ހާލަތްތަކަކީ އެހާލަތްތަކުގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކެކެވެ. ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވަނީ ލޭމައްޗަށް ދިއުމުގެ ސަބަބުންނެވެ. އެއީ ގާތްގަނޑަކަށް ދުނިޔޭގައި މަރުވާ މީހުންގެ %13 އެވެ. ލޭގައި ހަކުރު މަތިވުމުގެ ސަބަބުން ދުނިޔޭގެ އާބާދީގެ %6 މީހުން މަރުވާއިރު، ހަކުރު ބަލި ހުންނަ މީހުންނަށް ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު 3-2 ގުނަ އިތުރެވެ. އަދި އަންހެނުންނަށް މިފުރުޞަތު ނިސްބަތުން މައްޗެވެ. ހަކުރުބަލީގެ މީހުންގެތެރެއިން %60 މީހުންމަރުވަނީ ހިތާއި، ލޭހޮޅިތަކަށްޖެހޭ ބަލިތަކުގައެވެ. ދުނިޔޭގައި 3/1 މީހުންނަށް ހިތުގެ ބަލިތައް ޖެހެނީ ލޭގައި ސަރުބީމަތިވުމުގެ ސަބަބުންނެވެ. ލަފާކުރެވޭ ގޮތުގައި ލޭގައި ސަރުބީ މަތިވުމުގެ ސަބަބުން އަހަރަކު 2.6 މިލިޔަން މީހުން މަރުވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ވެސް ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކެވެ. ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަމީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ. އެއީ ގާތްގަނޑަކަށް %9 އެވެ. ލަފާކުރެވޭގޮތުގައި ހިތާއި ލޭހޮޅިތަކަށް ޖެހޭބަލިތަކުގެ %10 ކުރިމަތިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އަހަރަކު 6 މިލިޔަން މީހުން މަރުވެއެވެ. ދުނިޔޭގެ އާބާދީގެ ½ ކުދިން ނޭވާލަނީ ދުންފަތުގެ ދުމުން ތަޣައްޔަރުވެފައިވާ މާހައުލަކަށެވެ.

ހެލިފެލިވެ އުޅުން މަދުވުމާއި، ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމާއި، ހަށިގަނޑު މާބޮޑަށް ބަރުހެލިވެ ފަލަވުމަކީ ވެސް ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތަކެވެ. ހެލިފެލިވެނޫޅުމުގެ ސަބަބުން ވެސް ދުނިޔޭގައި މަރުވާ މީހުންގެ ނިސްބަތް އުޅެނީ %6 ގައެވެ. އާދަޔާ ޚިލާފަށް ބަރުހެލިވެ، ފަލަވުމުގެ ސަބަބުން މީހުން މަރުވާ ނިސްބަތް އުޅެނީ %5 ގައެވެ. ހެލިފެލިވެއުޅުން މަދުވުމަކީ ދުނިޔޭގައި 4 ވަނަ އަށް އެންމެ ގިނައިން މީހުން މަރުވުމަށް މަގުފަހިކުރާ ސަބަބެވެ. އެގޮތުން ހެލިފެލިވެއުޅުން މަދުވުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 3 މިލިޔަން މީހުން މަރުވެއެވެ. ދުނިޔޭގައި އަހަރަކު މަދުވެގެން 2.8 މިލިޔަން މީހުން ހަށިގަނޑުގެ ބަރުދަން އިތުރުވެ، މާބޮޑަށް ފަލަވުމުގެ ސަބަބުން ދުނިޔެ ދޫކުރެއެވެ. ލަފާކުރެވޭ ގޮތުގައި ދުނިޔޭގައި ކޮންމެ 10 ކުދިންގެތެރެއިން އެއްކުއްޖަކީ ހުންނަންޖެހޭ މިންވަރަށްވުރެ ބަރުދަން އިތުރު ކުދިންނެވެ.

ކެއުންބުއިމުގައި ގެންގުޅެވޭ އާދަތަކުގެ ސަބަބުން ވެސް ހިތުގެ ބަލިތަކަށް މަގުފަހިކުރެއެވެ. އެގޮތުން ކެއުން ބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކަށް ބަލާއިރު ވަރަށް ގިނަ ކަންތައްތަކަކީ އަހަރެމެންގެ މުޖުތަމައުގެ ގިނަ ބައެއްގެ ކިބައިގައި އަށަގެންފައިވާ ނޭދެވޭ އާދަތަކެއްކަން ފާހަގަކޮށް ލެވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި ކެއުމުގައި މާގިނައިން ލޮނު ބޭނުންކުރުން، ކެއުމުގައި މާގިނައިން ތެލާއި، ސަރުބީ އެކުލެވޭ ބާވަތްތައް ބޭނުންކުރުން، ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާގެ ބާވަތްތައް މާގިނައިން ބޭނުންކުރުން، ޖަންކް ފުޑްގެ ބާވަތްތައް މާގިނައިން ބޭނުންކުރުން، އަދި އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސްގެ ބާވަތްތައް މާގިނައިން ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

އާންމު ގޮތެއްގައި ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑީ ދެބައި އުމުރަށްވުރެ މަތިވާ ފަހުން ކަމަށް ވިޔަސް ފަހުގެ ދިރާސާތަކުގެ އަލީގައި ޔަގީންކުރެވިފައިވާ ގޮތުގައި ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހޭ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. މިކަން މިގޮތަށް ދިމާވަނީ ކުޑައިރުއްސުރެ ދަރިންނަށް ދަސްކޮށްދެވޭ ނޫނީ ދަސްކުރާ ނޭދެވޭ އާދަތަކެއްގެ ސަބަބުންނެވެ. މާގިނައިން ފޮނި އެއްޗެތި ބޭނުންކުރުމާއި، ހަކުރު އެޅި ބުއިންތައް މާގިނައިން ބޭނުންކުރުމާއި، ލޮނު ގިނަ އަދަދަކަށް އެކުލެވޭ ޗިޕްސް ފަދަ ތަކެތި ކުޑައިރު މާގިނައިން ދިނުމުންނެވެ. ފުރާވަރުގެ ކުދިންނާއި، ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، މަދު ބަޔަކު ނަމަވެސް ބަނގުރާބުއިން، ތެޔޮ ސަރުބީ އެކުލެވޭ ބާވަތްތައް މާގިނައިން ބޭނުންކުރުން، އެނާޖީ ޑްރިންކް، އަދި ފިޒީ ޑްރިންކްގެ ބާވަތްތައް މާގިނައިން ބޭނުންކުރުން، އެކަށޭނަ ވަރަށް ހެލިފެލިވެނޫޅުން، އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ބާވަތްތައް ނުކެއުން ފަދަ ޞިއްޙީ ގޮތުން ރަގަޅު ނޫން އާދަތަކުގެ ސަބަބުން ވެސް ހިތުގެ ބަލިތަކަށް މަގުފަހިކުރާކަން ފާހަގަކުރެވެއެވެ.

އާއިލާގެ ތެރޭގައި ހާޓް އެޓޭކް ޖެހުމާއި، ސްޓްރޯކްޖެހުން ފަދަ ލޭދައުރުވުމާއި ގުޅުންހުރި ބަލިތައް ވާރުތަވަމުން އައުމަކީ ވެސް ވެދާނެ ގޮތެކެވެ. އާއިލާގެ އެންމެ ގާތް މެންބަރުގެ ތެރޭގައި މިފަދަ ބައްޔެއް ޖެހިފައިވުމަކީ އެމީހަކަށް ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގެ ހިރާސް އިތުރުކޮށްދޭނެ ކަމެކެވެ.

ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާން މެދުވެރިވާ 10 ސަބަބުތަކުގެ ތެރެއިން 4 ކަމަކާ، ޞިއްހީ ގޮތުން ރަގަޅު ނޫން ކެއުންބުއިމާ ގުޅިފައި ވެއެވެ. އެ 4 ކަމަކީ ލޭމައްޗަށްދިއުން، ހަކުރު ބަލި، ލޭގައި ސަރުބީ މަތިވުން، އަދި މާބޮޑަށް ފަލަވުމެވެ. މިކަންތައްތަކަކީ ހިތުގެ ބަލިތަކަށް ވެސް މަގުފަހިކުރާ ކަންތައްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ހިތުގެ ބަލިތަކަކީ މުޅި ދުނިޔޭގައި ވެސް އާންމުވަމުން އަންނަ ބަލިތަކަކަށް ވުމުން މިފަދަ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރަންޖެހެއެވެ. ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ހިތުގެ ބަލިތަކާ ގުޅުންހުރި އާދަ ތަކަކީ ކޮބައިތޯ ދެނެގަނެ، އެފަދަ އާދަތަކުން ދުރުހެލިވެ، ރައްކާތެރިވާންޖެހެއެވެ. ދުޅަހެޔޮ ބަޔަކު ދިރިއުޅޭ މުޖުތަމައެއް ބިނާކުރުމަށް މިއީ ވަރަށް މުހިއްމު ކަމެއްކަން ޔަގީނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް