ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރުން: ފޮޓޯ/ ބްރޯޑްކާސްޓިން ކޮމިޝަން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުގައި މިހާރު ހިމެނޭ 6 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. އިއުލާނުގައި ބުނެފައި ވަނީ އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށް ޓަކައި، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

މެމްބަރުކަމުގެ ޝަރުތު:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވާ މީހެއް ކަމުގައިވުން
  • ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
  • ސިވިލް ސަވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  • ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތު އޮތް މީހަކަށް ނުވުން.

ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށް ރައީސް އޮފީހުން ކަމަށެވެ.

ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް އައްޔަން ކުރެވޭ މެމްބަރަކު އެ މަގާމުގައި ދެމި ހުންނާނީ އެ މެމްބަރަކު އައްޔަން ކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

comment ކޮމެންޓް