މާލޭ ހުކުރު މިސްކިތް އަންނަ މަހު ހުޅުވަނީ

ހުކުރު މިސްކިތުގެ މުންނާރު ---

ބައެއް މަރާމާތުތައް ކުރުމަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންދު ކުރި މާލޭ ހުކުރު މިސްކިތް އަންނަ މަހު ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެރިޓޭޖު ޑިޕާޓުމަންޓުން ބުނެފިއެވެ.

ހެރިޓޭޖު ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް ހައްވާ ނަޒްލާ މިއަދު "ސަން" އަށް ވިދާޅުވީ، މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ކަތުރު ފަނި ނައްތާލުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ.

"މޯލްޑިވްސް ސްކައުޓު އެސޯސިއޭޝަންގެ އެހީގައި މިސްކިތުގެ ބެރުގެ ހިރިގާ ދޮވެފައި ވާނީ. މިހާރު ބާކީ ހުރީ ލަކުޑީގެ މަސައްކަތް،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައި ވަނީ ހެރިޓޭޖު ޑިޕާޓުމަންޓުގެ ފަންނީ މުވައްޒަފުން ކަމަށެވެ.

"އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައިވަނީ އަޅުގަނޑުމެންގެ ފަންނީ މުވައްޒަފުން. ކަތުރު ފަނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އިމްނާ ޕެސްޓު ކޮންޓްރޯލް އާ ހަވާލުކޮށްގެން،" ނަޒްލާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި އެ މިސްކިތް ބަންދު ކޮށްފައިވަނީ މިސްކިތުގައި ކަތުރު ފަނީގެ އަސަރު ވަރަށް ބޮޑަށް ހުރިކަން ފާހަގަ ކުރެވިގެންނެވެ.

comment ކޮމެންޓް