އައްޑޫ ވިޔަފާރިވެރިޔާ މަރާލާފައި އޮތް ސަރަހައްދު ކޮނެގެން ބައެއް ހެކިތައް ހޯދައިފި

ހިތަދޫ ސްކޫލް ފުރަގަހުން އޮތް މަގު ބަންދުކޮށްފައިވާ އިރު އެތަނުގައި އާންމުން: ފުލުހުން ވަނީ އެ ސަރަހައްދު ކޮނެގެން ބައެއް ހެކި ހޯދާފައި ---- ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީގެ ހިތަދޫގައި ވިޔަފާރިވެރިޔަކު މަރާލުމަށް ފަހު އެއްލާލާފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގަށް ހެކި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން ބައެއް ހެކި ހޯދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އިއްޔެ އެ ސަރަހައްދު ކޮނެގެން ވެސް ހެކިތައް ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ކުރި މަސައްކަތުން ބައެއް ހެކިތައް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ހޯދި ހެކިތަކުގެ ތަފްސީލް މިވަގުތު ހާމަކުރެވެން ނެތްކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

"އިއްޔެ އެ ސަރަހައްދު ބަންދުކޮށްގެން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކޮށް އެ ސަރަހައްދު ކޮނެގެން ވެސް މަސައްކަތް ކޮށްފައިވާނެ. އެއީ ހެއްކާއި ގަރީނާ ހޯދުމަށް. ދެން އެ ސަރަހައްދުން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުން މިހާރު ވަނީ 24 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފަ އެވެ.

މަރާލުމަށް ފަހު ޗަސްބިމަކަށް އެއްލާލާފައި އޮއްވައި ފެނިފައި ވަނީ ސ. ހިތަދޫ، ބުރުނީގެ އަބްދުﷲ އަލީ އެވެ. އޭނާ އަކީ ހިތަދޫ ޓޫވޭވް ފިހާރައިގެ ވެރިޔާ އެވެ.

ފުލުހުން ބުނީ އަލީ ފެނިފައި ވަނީ މާރިޗު ދެވަނަ ދުވަހު އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އެދުވަހު ހެނދުނު 8:50 ކަންހާއިރު ހިތަދޫ ސްކޫލާދިމާގައި އޮތް އަލައޮޅެއްގެ ތެރެއިން ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.

އަލީގެ އާއިލާއިން ބުނީ އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ.

comment ކޮމެންޓް