ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލާ އަމާލް އާލަމުއްދީން ކްލޫނީއަށް މަރުގެ އިންޒާރުތަކެއް ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެޓްރޯ ނޫހުން ބުނެފި އެވެ.
މެޓްރޯ ނޫހުން އަމާލް އަށް ލިބެމުން އަންނަ މަރުގެ އިންޒާރުގެ ތަފްސީލް ހާމަކޮށްފައި ނުވި ނަމަވެސް، އިންޒާރުތަކާ ރައީސް ނަޝީދުގެ ދިފާއުގައި އަމާލް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅުމެއް ވާކަމަށް ވަނީ ބުނެފަ އެވެ.
އެ ނޫހުގައި ބުނެފައި ވަނީ މަރުގެ އިންޒާރުދީ އަމާލް އަށް މެސެޖުތަކެއް ލިބެމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އަމާލްގެ ފިރިމީހާ ޖޯޖް ކްލޫނީ، ދެމަފިރިންގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ.
އެގޮތުން ކައިރި ރެސްޓޯރަންޓަކަށް ދިޔަަ ނަމަވެސް އަމާލް މިހާރު ދަނީ ސެކިއުރިޓީ އާއެކުގައި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އޭގެ އިތުރުން ޖޯޖް ކްލޫނީ ވަނީ ދެމަފިރިން ދިރިއުޅޭ ގޭގެ ވަށައިގެން ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއީ އަވައްޓެރިންގެ މިނިވަންކަން ނިގުޅައިގަނެވިދާނެ ކަމަކަށް ވާތީ އެ ހުއްދަ ދީފައެއް ނުވެ އެވެ.
ޖޯޖް ކްލޫނީ ބުނެފައި ވަނީ އަމާލް ކުރަމުން އަންނަ ޕްރޮފެޝަނަލް މަސައްކަތްތަކުގެ ސަބަބުން ލިބޭ އިންޒާރުތަކަކީ ވަރަށް ސީރިއަސް ކަމެއް ކަމަށެވެ.
އަމާލް ކްލޫނީ ނަަޝީދުގެ ދިފާއުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، ރާއްޖެއާ ގުޅޭގޮތުން ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި އަންނަނީ ވާހަކަ ދައްކަވަމުންނެވެ. އަދި ސަރުކާރުގެ ބައެއް އޮފިޝަލުންނާ މެދު ފިޔަވަޅު އެޅުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.