ރައީސް ނަޝީދަށް ދިން ހަމަލާގެ ބަޔާން ދެއްވަން ތައްޔާރުވެއްޖެ

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ބެހޭ ގޮތުން އެމަނިކުފާނު ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވަކީލުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް މިއަދު ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ދެއްވަން ޕީޖީ އޮފީހުން އެދިވަޑައިގެންފައިވާތީ، ބަޔާން ދެއްވަން ރައީސް ނަޝީދު ތައްޔާރަށް ހުންނެވި ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ އިބްތިދާއީ މަރުހަލާތައް ނިންމުމުގެ ކުރިން ރައީސް ނަޝީދުގެ ބަޔާން ދެއްވަން އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށް ވެސް ވަކީލުން ވަނީ ސިޓީގައި ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ބަޔާނެއް ނުލިބޭކަމަށާއި ރައީސް ނަޝީދުގެ ފަރާތުން ބަޔާނެއް ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ. މި ހަތަރު މީހުންގެ ޝަރީއަތް މިދިޔަ މަސްތެރޭގައި ވަނީ ފަށާފައެވެ.

comment ކޮމެންޓް