ސުނާމީ ގެތަކުގެ މަސައްކަތާ ގުޅިގެން 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ވިމްލާ އަށް ދޭންޖެހިއްޖެ

ގއ. މާމެންދޫގައި އިމާރާތްކޮށްފައިވާ ސުނާމީ ގެއެއް ---

ސުނާމީ ކާރިސާއަށްފަހު ގއ. އަތޮޅުގެ ތިން ރަށެއްގައި ގެތައް އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަނުން ކުރި މަސައްކަތަށް ދައުލަތުން އެކުންފުންޏަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު އެ ހުކުމް އިއްވާފައި ވަނީ ސަރުކާރުގެ ޚަރަދުގައި ގއ. މާމެންދު އާއި ނިލަންދޫ އަދި ދާންދޫގައި 298 ގެ އެޅުމަށް ވިމްލާއިން ކުރި މަސައްކަތަށް ދައްކަންޖެހޭ ފައިސާ ހައުސިން މިނިސްޓްރީން ދައްކާފައިނުވާތީއެވެ.

އެ ހުކުމްގައި ވަނީ ވިމްލާ ކޮންސްޓްރަކްޝަނާ ހަވާލުކުރި މަސައްކަތް އެކުންފުނިން ނިންމާފައިވާ ކަމަށް ދައުލަތުން އިންކާރުކޮށްފައިނުވާ ކަމަށެވެ. ހަމައެހެންމެ އެ ފައިސާ އަކީ އެކުންފުންޏަށް ދައްކަންނުޖެހޭ ފައިސާއެއްކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެހެންކަމުން ވިމްލާ ކޮންސްޓްރަކްޝަނުން ދައުވާގައި އެދިފައިވާ 78.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ތިން މަސް ތެރޭގައި އެކުންފުންޏަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި ވަނީ އަންގާފައެވެ.

ގއ. އަތޮޅުގައި ސުނާމީ ގެތައް އެޅުމުގެ މަޝްރޫއު ފަށާފައި ވަނީ ސައުދީ ފަންޑުގެ އެހީގައެވެ. 14 މަސްތެރޭގައި މަސައްކަތް ނިންމާގޮތަށް 2008 ވަނަ އަހަރު ވިމްލާ ކޮންސްޓްރަކްޝަނާ އެ މަސައްކަތް ހަވާލުކުރިނަމަވެސް އެކުންފުންޏަށް އެ މަސައްކަތް ނިންމާނުލެވުމުން އެ މަސައްކަތް ނިންމާލީ ސިފައިންނެވެ.

ސަރުކާރުން މިހާރު ވަނީ އެގެތަކަށް މީހުން ބަދަލުކޮށްފައެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސުނާމީ ކާރިސާގައި ގެދޮރުގެއްލުނު ހުރިހާ ރައްޔިތުންނަށް މިހާރު ވަނީ ސަރުކާރުން ގެތައް އަޅައި އެ ރައްޔިތުންނާ ގެތައް ހަވާލުކޮށްފައި ކަމަށެވެ.

comment ކޮމެންޓް