މާދަމާ ސުވިޒަލެންޑްގެ ޒިޔުރިކްގައި އޮންނަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޙާބުގައި ވޯޓު ދިނުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓީމެއް ޒިއުރިކްއަށް ހިނގައްޖެ އެވެ.
އެފްއޭއެމްގެ އޮފިޝަލެއް 'ސަން؛ އާ ވާހަކަ ދައްކަމުން މިއަދު ވިދާޅުވީ ޒިއުރިކަށް ދިޔަ އެފްއޭއެމްގެ ޓީމުގައި ހިމެނެނީ އެފްއޭއެމް ނޯމެލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދު އާއި އެ ކޮމެޓީގެ މެމްބަރު އަލީ އުމަރު އާއި އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމު އާދިލް ޖަލީލު ކަމަށެވެ.
މާދަމާ އޮންނަ އެ އިންތިހާބުގައި ރާއްޖޭގެ ވޯޓު ދޭނީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ)ގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީ އަށް ކަމަށް އެފްއޭއެމް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ރާއްޖޭގެ އިތުރުން އޭއެފްސީގެ އަނެއް 46 ގައުމުން ވެސް ނިންމާފައި ވަނީ ސަލްމާން އަށް ތާއީދު ކުރުމަށެވެ. އޭޝިއާގެ މެންބަރު ގައުމުތަކުގެ އިތުރުން އެފްރިކަން ފުޓްބޯލް ކޮންފެޑްރޭޝަން (ކެފް)ގެ 54 ގައުމުން ވެސް ވަނީ ސަލްމާން އަށް ތާއީދު ކުރަން ނިންމައިފަ އެވެ.
ސަލްމާންގެ އިތުރުން ފީފާގެ އިންތީޚާބުގައި ދެން ވާދަ ކުރަނީ ފީފާގެ ކުރީގެ ނައިބު ރައީސް އުރުދުންގެ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމަށްވާ ޕްރިންސް އަލީ ބިން ޙުސައިން އާއި ޔޫއެފްއާގެ ސެކެޓްރީ ޖެނަރަލް ޖިއާނީ އިންފެންޓީނޯ އާއި ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ކުރިގެ މެންބަރެއް ކަމަށްވާ ޖްރޯމް ޝަމްޕޭން އާއި ދެކުނު އެފްރީކާގެ މަހުޖަނެއް ކަމަށްވާ ޓޮކްޔޭ ސެކްސްވޭލް އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ އިންތީޚާބުގައި އެންމެ ވާދަވެރިކަން ބޮޑީ ސަލްމާން އާއި އިންފެންޓީނޯއާ ދެމެދު އެވެ.
އެގޮތުން ސަލްމާންގެ ޓީމުން އެމެރިކާ ބައްރުގައި ކުރި ކެމްޕޭންތަކުގައި އޭނާ އަށް މިހާރު ވެސް ވަނީ 90 ވޯޓް ޔަގީންވެފަ އެވެ.
ފީފާގެ ރައީސަކު ހޮވަން ވޯޓުލުން މި ބާއްވާނީ 1998 ވަނަ އަހަރުން ފެށިގެން ރައީސްކަން ކުރައްވަމުން އައި ސެޕް ބްލެޓާ މިދޔަ އަހަރުގެ ޖޫން މަހު އިސްތިއުފާ ދެއްވަން ނިންމެވުމުންނެވެ. ފީފާގެ އިންތީޚާބުގައި ދުނިޔޭގެ 209 ގައުމަކުން ވޯޓް ދޭނެ އެވެ.