ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނު ވުޖޫދަށް އައި ފަހުން ރާއްޖެއަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިނީ ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން ރާއްޖެއަށް ގިނަ ޕްރޮޖެކްޓު އައުމަކީ ސަރުކާރުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި ވިދާޅުވީ އެ ގާނޫނު ވުޖޫދަށް އައި ފަހުން ރާއްޖެއަށް ލިބުނީ އެންމެ ޕްރޮޖެކްޓެއް ނޫން ކަމަށެވެ. ޝައިނީ ވިދާޅުވީ އެ ޕްރޮޖެކްޓުތައް ރާއްޖެއަށް އައިސް އެ މަސައްކަތްތައް ވެސް މިހާރު ކުރެވެމުންދާ ކަމަށެވެ.
"އެއީ ކުރިން ވެސް އަޅުގަނޑު ދެންނެވި ގޮތަށް އެސްއީޒީގެ ގާނޫނެއް، ގެންނަން ޖެހުނު ސަބަބަކީ ރާއްޖެ އޭރުގައި ސިޔާސީ ގޮތްގޮތުންނާއި އިގްތިސާދީ ގޮތުން އޮތް ހާލަތުން އަޅުގަނޑުމެންނަށް ބޭރުގެ ފަރާތްތަކަށް ފުރުސަތުތަކެއް ހުޅުވާލައިގެންނެއް އަޅުގަނޑުމެންނަކަށް އެއްގޮތަކަށް ވެސް އިގްތިސާދީ މަސައްކަތަކަށް ނުވަތަ ބޭރުގެ ޑައިރެކްޓު އިންވެސްޓުމަންޓަކަށް އަންނަ ކަހަލަ ގޮތަކަށް ނޫން އަޅުގަނޑުމެންގެ އިމޭޖު އޮތީކީއެއް،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖެއާ ދޭތެރޭ ދެކެމުން އަންނަ ގޮތް ބަދަލު ކުރަން ސަރުކާރަށް ޖެހުނު ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރު އައުމަށްފަހު ކުރެއްވި މަސައްކަތަކީ ބޭރުގެ ފަރާތްތަކަށް ރާއްޖެއަކީ އިންވެސްޓުމަންޓުތައް ފަހިކޮށް އޮތް ތަނެއްގެ ގޮތުގައި ދެއްކުން ކަމަށެވެ.
"ސީދީ ސުވާލަށް ޖަވާބެއް ދޭނަމަ އެސްއީޒެޑް ބޯޑުގައި މިހާރު ވެސް ބޮޑު ޕްރޮޖެކްޓެއް އެބަ އޮތް. އެއީ މާލޭގެ ޕޯޓު ތިލަފުއްޓަށް ބަދަލު ކުރުމުގެ ޕްރޮޖެކްޓު. އެކަމުގައި މިހާރު ވެސް ނެގޯސިއޭޝަންތައް ކުރެވެމުން އެބަދޭ،" ޝައިނީ ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމެޓީގައި މިދިޔަ އަހަރު ވާހަކަފުޅު ދައްކަވަމުން އެސްއީޒެޑް ބޯޑުގެ ޗެއާމަން އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން މިއަހަރު 1.5 ރުފިޔާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ސައީދު ވިދާޅުވީ އެސްއީޒެޑްގެ ދަށުން އަންނަ އަހަރު ކުރިން އަންދާޒާ ކުރި އަދަދަށް ވުރެ "އުންމީދީ އާމްދަނީއެއް" ލިބޭނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ.