އެސްއީޒެޑުގެ ފުރަތަމަ ޕްރޮޕޯސަލް ލިބިއްޖެ: އެއީ އިއާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫއެއް

އެމްއެންއޭސީއައިގެ އެވޯޑު ހަފުލާގައި ރައީސް ޑރ. މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އެއްގައި މަޝްރޫއެއް ހިންގޭނެ އަގު ދަށްކުރިފަހުން ފުރަތަމަ ފަހަރަށް ބޮޑު ޕްރޮޕޯސަލެއް ލިބިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ.

އެ މަނިކުފާނު މި ކަން އިއުލާންކުރެއްވީ މިރޭ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބޭއްވި ބިލްޑާޒް އެވޯޑްސް 2023ގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރޭ ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ޕްރޮޕޯސަލަކީ އިއާދަކުރަނިވި ހަކަތައިން 110 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް ކަމަށެވެ.

"މިހާރު އަޅުގަނޑު އުފަލާއެކީގައި ދަންނަވައިލަން ފުރަތަމަ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެ ޕްރޮޕޯސަލަކީ ވެސް ރިނިއުބަލް އެނާޖީގެ ދާއިރާއިން 110 މެގަވޮޓް ހާސިލްވެގެންދާ އެސްއީޒެޑް ޕްރޮޕޯސަލެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ ކޮޕް28 ސަމިޓަށްފަހު ގައުމަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ފަށާ ފުރަތަމަ މަސައްކަތަށް ވާނެކަމަށެެވެ.

މީގެ އިތުރުން ރައީސްވަނީ ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުންހުރި ބޮޑެތި މަޝްރޫއުތަކަށް ވެސް އެސްއީޒެޑުގެ ތެރެއިން އިންވެސްޓުމަންޓުތައް ގެނައުމަށް ގޮވައިލައްވައިފިއެވެ. އަދި އެ ކަމަށް ސަރުކާރުގެ ތެރެއިން ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު އެދެނީ ވަރުގަދަ މަސައްކަތްތަކެއް ކުރަން. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ މެޓީރިއަލްތައް ބަލްކުކޮސް ގެނެސް، ރާއްޖޭގައި އެސްއީޒެޑް ސްޓޭޓަސް އަޅުގަނޑުމެން ދޭން މި ތިބީ ތައްޔާރަށް،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ތަކެތި ބަލްކުކޮށް ރާއްޖެ ގެނެސް، ރާއްޖެއިން އެ އެހެން ގައުމުތަކަށް ރީއެކްސްޕޯޓް ކުރުމުގެ ވިޔަފާރިއަކީ ކުރެވިދާނެ ކަމެއްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެސްއީޒެޑެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑު 100 މިލިއަން އެމެރިކާ ޑޮލަރަށް ދަށްކުރައްވައި އެ މިންވަރު ރައީސް ޑރ. މުއިއްޒު ކަނޑައެޅުއްވީ މި މަހު 17ގައެވެ.

ކުރިން އޮތް އެންމެ ކުޑަ އަގަކީ އަގަކީ 150 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް