އޭއެފްސީ ކަޕުގައި އިއްޔެ ސިންގަޕޫރުގެ ބެލަސްޓިއާ ޚަލްސާއާ ދެކޮޅަށް ނިއުރޭޑިއަންޓް ކުޅުނު މެޗުގައި އެ ޓީމްގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އަށް ލިބުނު އަނިއާކައާ ގުޅިގެން ދޮޅުމަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
އިއްޔެގެ މެޗުގައި ބެލަސްޓިއާގެ ކުޅުންތެރިއަކު ކުރި ޓެކުލް އަކާ ގުޅިގެން ކަކުލަށް އަނިޔާވެ ހޮކޭ ވަނީ އަށިގަނޑުގައި ދަނޑުންބާލައި މެޗު ނިމުމާއި އެކު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އަނިޔާއާ ގުޅޭ ގޮތުން 'ސަން' އާ ވާހަކަ ދައްކަމުން ހޮކޭ ބުނީ، ވާތު ކަކުލަށް އަނިޔާވެފައިވާ ކަމަށާއި ކުޅުމުގެ ތެރެއަށް އައުމަށް މަދުވެގެން ދޮޅުމަސް ނަގާނެ ކަމަށެވެ.
"ކަކުލަށް މިވަނީ ކޮންމެ ވެސް ވަރަކަށް އަނިޔާވެފަ. ރޭގަ ޕްލާސްޓަރު އެޅުމަށްފަހު ތިން ހަފްތާ ފަހުން ނައްޓާލާނީ. ކުޅުމުގެ ތެރެއަށް އައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ހޮކޭ ބުންޏެވެ.
މިސީޒަންގައި ނިއުގެ ކެޕްޓަނަކަށް ހޮކޭ ހަމަޖެއްސި އިރު ވައިސް ކެޕްޓަނަަކަށް ހަމަޖައްސާފައި ވަނީ ޒުވާން ޑިފެންޑަރު ރިލުވާން ވަހީދު (ރިލޭ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) އެވެ.
ހޮކޭގެ އެ އަނިޔާއެކު ނިއު އޭއެފްސީ ކަޕުގައި އަންނަ މަހުގެ ތިނެއްގައި ޕިލިޕީންސްގެ ކާޔާ އެފްސީއާ ދެކޮޅަށް ކުޅޭ މެޗާއި މާޗް 15ގައި ހޮންކޮންގެ ކިޗީއާ ދެކޮޅަށް ކުޅޭ މެޗު ވެސް އޭނާއަށް ގެއްލޭނެ އެވެ.