މާޒިޔާގެ ބަލިނުވުމުގެ ރެކޯޑަށް ނިމުން ގެނެސް ނިއު ރޭޑިއަންޓަށް ހަމަނޭވާއެއް

މާޒިޔާ ކޮޅަށް ލަނޑު ޖެހުމަށްފަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހަންނަ-- ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) ޖެހި ލަނޑާއެކު 3-2 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މާޒިޔާގެ ދެ ސީޒަންވީ ބަލިނުވުމުގެ ރެކޯޑު ނިމުމަކަށް ގެނެސްފިއެވެ.

ޖެހިޖެހިގެން ފަސް ފަހަރު ލީގު ހޯދާފައިވާ މާޒިޔާ ލީގު މެޗަކުން އެންމެ ފަހުން ބަލިވެފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ކުލަބު އީގަލްސް އަތުންނެވެ. ނިއު އިން ވަނީ މި ސީޒަނުގެ މިހާތަނަށް އެތަކެއް ފަހަރު މަތިން މާޒިޔާ ބަލިކުރަން މަސައްކަތްކޮށްފައެވެ.

އެގޮތުން މި ސީޒަނުގައި މިހާތަނަށް ތިން ފަހަރެއްގެ މަތިން މި ދެ ޓީމު ވާދަކުރިއިރު، މި ތިން މެޗުވެސް ނިމުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެގެންނެވެ. ނިއުގެ މައްޗަށް މާޒިޔާއިން ވަނީ މި ސީޒަނުގެ ކަޕް ވިނާސް ކަޕާއި ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށްފައެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗު ފަށައިގެން ފުރަތަމަ 11 މިނިޓް ތެރޭ ނިއުއިން ވަނީ މާޒިޔާގެ ގޯލަށް ނުރައްކާތެރި ހަތަރު އެޓޭކެއް ފޮނުވާލާފައެވެ. ނިއުއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ 17 ވަނަ މިނިޓްގައި މާޒިޔާއިން ކުރި ފުރަތަމަ ރަނގަޅު އެޓޭކުގައި އިބްރާހިމް އައިސަމް ލަނޑެއް ޖަހައި މާޒިޔާއަށް ލީޑު ނަގައިދިނުމެވެ.

ނަމަވެސް، މެޗުގެ 40 ވަނަ މިނިޓްގައި ޑޯރީ ތަނަވަސްކޮށްދިން ފުރުސަތަކުން، ކުރިން މާޒިޔާއަށް ކުޅުނު ހަސަން ރާއިފް (ހަންނަ) ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން 61 ވަނަ މިނިޓްގައި އަހުމަދު އައިހަމް (ފަތޯ) އާއި އަބްދުﷲ ލޫތު (ސާނޭ) ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި އައިސަމް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަލުން މާޒިޔާއަށް ލީޑު ނަގައިދީފައެވެ.

މާޒިޔާއިން ލީޑު ނެގިތާ ހަ މިނިޓް ފަހުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އަލީ ފާސިރު (ސެންޓޭ) ވަނީ ޑޯރީ ފޮނުވާލި ޝޮޓެއް ކީޕަރު ހުސެން ދިފާއުކުރުމުން ރީބައުންސްވި ބޯޅަ ގޯލަށް ވައްދާލައިގެން ނިއުއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ 73 ވަނަ މިނިޓްގައި ދަނޑުމަތީގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން މެޗުގެ ކުޅުން ހަތް މިނިޓަށް މެދުކަނޑާލަން ޖެހުނެވެ. މި ހަމަނުޖެހުމާ ގުޅިގެން ރެފްރީ ވަނީ މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އާއި އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރުގެ އިތުރުން ނިއުގެ އަބްދުﷲ މައިސާނަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ދެ ޓީމުން ވެސް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބާކީ ބައި ކުޅެމުންދަނިކޮށް، ނިއު މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަރިމަތިން ނެގި ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިގެން ކާމިޔާބުކޮށްދިނީ ޑޯރީއެވެ.

comment ކޮމެންޓް