ސިނާއީ ބޭނުންތަކަށް ގުޅިފަޅުން ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

ގުޅީފަޅު ފުލުހުންގެ އެހީތެރިކަމާ އެކު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔުން ---- ސަން ފޮޓޯ: އަހްމަދު އާޒިފް
ސިނާއީ ބޭނުންތަކަށް ގުޅިފަޅުން ބިން ދޫކުރުމަށް ނިންމައި، ގުޅިފަޅުން ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑުން ހުޅުވާލި ފުރުސަތުގައި އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ގުޅިފަޅުގެ ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެކަމާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ބިން ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ 14:00 އެވެ.

ގުޅިފަޅުން ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައި މިވަނީ އެރަށް އަލުން ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގެ ދަށުން ކަމަށާއި، ސިނާއީ ބޭނުންތަކަށް އެރަށުން ބިން ދޫކުރާނެ އުސޫލުތަކާއި، ޝަރުތުތައް ފައިނަލްކޮށް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ގުޅިފަޅު އިންވެސްޓްމަންޓުން ބުނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިއްކި 10 ހެކްޓަރުގެ ގުޅީފަޅު، ތަރައްގީ ކުރަން ހަވާލު ކުރި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ)ގެ އަތުން ފުލުހުން މެދުވެރިކޮށް އެ ރަށް އަތުލައި، މިހާރު ވަނީ އެ ރަށް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޖީޕީޑީގެ އަތުން ގުޅީފަޅު އަތުލަން ނިންމީ ކޮންސެޝަން ފީ ހިމެނޭގޮތުން ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ދައްކާފައި ނުވާތީ އާއި އެއްވެސް ވަރަކަށް އެތަން ތަރައްގީ ކުރެވިފައި ނުވާތީ އެވެ.

ގުޅިފަޅު ސަރުކާރަށް ނެގުމަށްފަހު އެރަށުން ފުލެޓު ގަންނަން ފައިސާ ދެއްކި 158 ފަރާތަށް ހުޅުމާލެއިން ފުލެޓު ދިނުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ނިންމަވާފަ އެވެ.

comment ކޮމެންޓް