ޖެންކާގެ ބަޔާނަށް ސަރުކާރުން މަރުހަބާ ކިޔައިފި

ޔޫއެންގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް މިރޮސްލާވް ޖެންކާއާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ބައްދަލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ރަސްމީ ދަތުރުފުޅެއް ނިންމަވައިލެއްވުމަށް ފަހު އިއްޔެ ރާއްޖޭން ފުރާވަޑައިގެންނެވި ޔޫއެންގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް މިރޮސްލާވް ޖެންކާ އެ ނެރުއްވި ބަޔާނަށް ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ޔޫއެންއާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ޖެންކާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އިއްޔެ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ވާހަކަތައް ބޭއްވުމަށް ނިންމެވުމުން ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ގައްޔޫމަށް މަރުހަބާ ވިދާޅުވެފައިވާނެ ކަމަށެވެ.

ޕާޓީތަކުގެ ވާހަކަތައް ބާއްވަން ނިންމެވުމާ ގުޅިގެން ރައީސަށް މަރުހަބާ ވިދާޅުވީ އެމަނިކުފާނާ އެކު ބޭއްވެވި ބައްދަލުވުމުގައި ކަމަށް ޖެންކާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"ބައްދަލުވުންތަކުން އިތުރަށް އެނގުނީ ޔޫއެންއަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އިތުބާރު ކުރެވޭ ބައިވެރިއެއް ކަމަށް ދެކޭ ކަމާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމެވެ،" ޔޫއެންގެ ބަޔާނުގައިވެ އެވެ.

ޖެންކާގެ ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކާ ބައްދަލުކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް