ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނު (އެންއައިސީ)ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންފުޅަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން "ރުހުން" ދީފި އެވެ.
އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުން "ރުހުން" ހޯދުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުށަހަޅާފައި ވަނީ ސ. ހިތަދޫ ކަރަންކާވިލާ، އަހުމަދު އަމީންގެ ނަންފުޅެވެ. އޭނާއާ އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ އަމީންއަށް 83 ޕަސެންޓް މާކްސް ދީފަ އެވެ. ކޮމެޓީގެ ރުހުން ލިބޭނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިގެންނެވެ.
މިނިވަން މުއައްސަސާތަކަށް މެމްބަރުންނަށް އައްޔަން ކުރުމަށް "ރުހުން" ދިނުމުގައި މަޖިލީހުގެ ކޮމެޓީން ބަލަނީ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލް ކަމާއި ހުނަރުގެ އިތުރުން ނަޒާހަތްތެރި ކަމަށެވެ.
އެންއައިސީ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ އެންއައިސީގެ މެމްބަރު ކަމަށް ފަސް މެމްބަރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެ ކޮމިޝަނަން މެމްބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ. އެންއައިސީ މިހާރު ތިއްބަވަނީ ހަތަރު މެމްބަރުންނެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު މަޖިލީހުން ރުހުން ދެއްވި ހަތަރު ބޭފުޅުން ނެވެ.
ނޭޝަނަލް އިންޓަގުރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގަ އެވެ. އެއީ ފުލުހުންނާއި ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑް އެމިގުރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ. ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލާ ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.