މައުމޫން ހަމީދާއި އަލީ ޒާހިރަށް ކްރިމިނަލް ކޯޓުން ނަސޭހަތް ދީފި

އަލީ ޒާހިރު (ކ) އަދި މައުމޫން ހަމީދު (ވ): އެ ދެ ބޭފުޅުންނަށް ވަނީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ނަސޭހަތް ދީފައި -- ސަން ފައިލް ފޮޓޯ

ގާނޫނީ ވަކީލު މައުމޫން ހަމީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލީ ޒާހިރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ނަސޭހަތް ދީފިއެވެ.

މައުމޫން ހަމީދު ވިދާޅުވީ، އޭނާ ކޯޓަށް ހާޒިރުކުރީ، ޝެއިޚް އިމްރާނަށް 12 އަހަރުގެ ޖަލުހުކުމެއް އިއްވުމާ ގުޅިގެން، އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑު ކޯޓަށް ހާޒިރުކޮށް އެންގީ، ކޯޓުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ކަމަށް. އަދި އެއްވެސް ހާލެއްގައި މިއީ މަޝްވަރާ ބައްދަލުވުމެއް ނޫންކަމަށް،" މައުމޫން ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ، އޭނާ ކޯޓަށް ހާޒިރުކޮށް ނަސޭހަތް ދީފައި ވަނީ، ކޯޓުގެ ނަން ހުތުރުވާގޮތަށް އެއްވެސް ވާހަކައެއް ނުދެއްކުމަށް ބުނެ ކަމަށެވެ.

"އަޅުގަނޑު ނޯންނާނެ، ދުވަހަކުވެސް ކޯޓުގެ ނަމަަށް ހުތުރުވާގޮތަށް އެއްވެސް ވާހަކައެއް ދައްކާފައެއް،" އަލީ ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޝެއިޚް އިމްރާންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރައްވަމުން ގެންދަވާ ކަމަށާއި، އަދި އެ ހުކުމާ ގުޅިގެން ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ހުއްޓުމެއް ނެތި ކުރައްވަމުން ގެންދަވާނޭ ކަމަށެވެ.

comment ކޮމެންޓް