ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲޔާމީނުގެ އިގުތިސާދީ އެޖެންޑާއަކީ ރަނގަޅަށް މަސައްކަތް ކުރާ އެޖެންޑާއެއް ކަމަށް ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕުން ގަބޫލުކުރާ ކަމަށް ރައީސްގެ ތަރުޖަމާނު އިބުރާހީމް މުއާޒް ޢަލީ ވިދާޅުވެއްޖެއެވެ.
މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބްރިޓިޝް-މޯލްޑިވްސް އޭޕީޕީޖީ އިން އެކަމަށް އެއްބަސްވާ ކަމަށް އެމްޕީ ސަރ ޑޭވިޑް އެމެސް ވިދާޅުވި ކަމަށެވެ.
އޭޕީޕީޖީގެ ޗެއާމަން އަދި އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރު، ޑޭވިޑް އެމެސް ވަނީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް ވެސް މިއަދު ވިދާޅުވެފައެވެ.
މޫކައި ސުއިޓްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އޭނާ ވިދާޅުވީ، އެ ގްރޫޕުން މާފުށި ޖަލަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ހުރި ގޮޅި ބައްލަވާލެއްވި ކަމަށެވެ.
"އަޅުގަނޑުމެން ދިޔައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ހުރި ގޮޅިއަށް. އަޅުގަނޑުގެ ނަޒަރުން ޔޫކޭގައި އަޅުގަނޑު ޒިޔާރަތްކޮށްފައި ހުރި ހުރިހާ ޖަލަކާ އަޅައިބަލާއިރު ނަޝީދު ހުންނެވީ ވަރަށް އަރާމު ތަނެއްގައި. އެތާގައި އުނދޯންޔަކާއި، ޓީވީއަކާއި ފުދޭވަރަކަށް ފަސޭހަ އެނދެއް ހުރި. ނަޝީދުގެ ހައްޔަރުކޮށްފައި ހުރި އިރު އޭނައާ މެދު އަމަލު ކޮށްފައި ވަނީ ރަނގަޅަށް،" އޭޕީޕީޖީގެ ޗެއާމަން އަދި އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރު، ޑޭވިޑް އޭމަސް ވިދާޅުވި އެވެ.
މީގެ އިތުރުން އޭޕީޕީޖީން ވަނީ ރާއްޖޭގެ އިގުތިސާދީ މިނިސްޓަރާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓަރާ ބައްދަލު ކޮށްފައި ކަމަށާއި، ބޭރު ދުނިޔޭގައި ރާއްޖެ ސިފަކޮށްފައި ވަނީ ރަނގަޅަކަށް ނޫންކަން އެ ބައްދަލުވުމުން އެނގިގެން ދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ގައުމުތަކުގެ އާބާދީގެ ނިސްބަތުން ބަލާއިރު ޓެރަރިސްޓުން އެންމެ ގިނައީ ރާއްޖޭގައި ކަމަށް ބުނާ ބުނުމާއި 1800 ސިޔާސީ ގައިދީން ރާއްޖޭގައި ތިބި ކަމަށް ބުނާ ބުނުން އޭމަސް ކުށްވެރި ކުރެއްވި އެވެ.
"މުޅި ޖަލުގައި ވެސް 1800 ގައިދީން ނެތީސް ރާއްޖޭގައި 1800 ސިޔާސީ ގައިދީންތިބި ކަމަށް ބުނުމަކީ، އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އެއީ [ރާއްޖޭގެ] އިގުތިސާދަށާއި ފަތުރުވެރިކަމަށް ރަނގަޅު ގޮތެއް ނޫން،" އޭމަސް ވިދާޅުވި އެވެ.
އެހެންކަމުން، ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ ރާއްޖެ ފަދަ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނުޖެހޭ ކަމަށާއި ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން ގެއްލުން ލިބޭނީ އާއްމުންނަަށް ކަމަށް އިނގިރޭސި މަޖިލިސް މެމްބަރު އިއާން ޕިއަސްލީ ވިދާޅުވި އެވެ.
"ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ރާއްޖެއަށް ލިބޭނީ ހަމައެކަނި ގެއްލުން. އެހެންކަމުން ރާއްޖެ ދެކެ ލޯބިވާ ކަމަށް ބުނާ މީހަކު ނުވަތަ ދިވެއްސެއްކަމަށް ބުނާ މީހަކު ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ބޭނުން ވާނީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނުވިސްނޭ،" ޕިއާސްލީ ވިދާޅުވި އެވެ.